ތަރައްްޤީ

އަބުރު ޙިމާޔަތްނުކުރެވޭ ދައުލަތެއް ބަލައެއް ނުގަނެވޭނެ- ނިހާން


އިންސާނެއްގެ އަބުރާއި ކަރާމާތާއި ނަފްސް ޙިމާޔަތް ނުކުރެވޭ ދައުލަތަކީ އެއީ ދައުލަތެއް ކަމަށް ބަލައިނުގަނެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ޙުސައިން މަނިކު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފައިވާ އަބުރު ރައްކާތެރިކުރުމުގެ ޤާނޫނަށް މަޖިލީހުގެ ތަޅުމުގައި މިއަދު ބަޙުސް ކުރައްވަމުންނެވެ. މި ބިލުގެ މުހިންމުކަން ބަޔާންކުރައްވައި ނިހާން ވިދާޅުވީ މި ބިލް ހުށައަޅުއްވާފައިވަނީ ޤާނޫނުއަސާސީން ލިބިދީފައިވާ މުހިންމު ޙައްޤެއް ޙިމާޔަތްކުރެއްވުމުގެ މަޤްޞަދުގައި ކަމަށެވެ. އަދި މި ބިލަކީ އެއްވެސް ޙާލެއްގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ހުށައަޅުއްވާފައިވާ ބިލެއް ނޫންކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. ނިހާން ވަނީ ބައެއް ފަރާތްތަކުން މި ބިލުގެ މަޤްޞަދާއި ހަޤީޤަތް އޮޅޭގޮތަށް ވާހަކަދައްކަމުންދާކަމަށް ވިދާޅުވެ، އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މި ބިލުގައި އަބުރާބެހުމުގެ އަދަބުތައް ކަނޑައަޅާފައިވާގޮތާ ބެހޭގޮތުން ވާހަކަދައްކަވަމުން ނިހާން ވަނީ ދުނިޔޭގެ ބޮޑެތި ބައެއް ޤައުމުތަކުގައިވެސް އަބުރާ ބެހިމަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމަށާއި ބައެއް ޤައުމުތަކުގައި ޖަލު ޙުކުމްވެސް އަންނަކަން ފާހަގަކުރެއްވިއެވެ. އެގޮތުން އީޔޫގެ 19 ޤައުމެއްގައިވެސް އަބުރާ ބެހުމުގެ ކުށުގެ އަދަބެއްގެ ގޮތުން ޖަލަށް ލުމަށް ކަނޑައަޅާފައިވާކަން ނިހާން ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފައިވާ އަބުރު ރައްކާތެރިކުރުމުގެ ޤާނޫނުގެ ބިލަކީ، ޤާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤަކީ، ވަކި ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކަކާއެކު ބޭނުންކުރަންޖެހޭ ޙައްޤެއްކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައި ވުމާއެކު، އެ މިނިވަންކަމުގެ އިންތަކާއި ބޭނުންހިފޭ ހަމަތަކާއި އުޞޫލުތަކާއި އެ މިނިވަންކަމުގެ ޒިންމާތަކާއި މަސްއޫލިއްޔަތު ބަޔާންކުރުމާއެކު އަބުރު ރައްކާތެރިކުރުމުގެ ޙައްޤަށް އުނިކަމެއްއަންނަ ޙާލަތުތަކުގައި ޢަމަލުކުރާނެ އުޞޫލުތައް ބަޔާންކުރެއްވުމުގެ މަޤްޞަދުގައި މަޖިލީހަށް ހުށައަޅުއްވާފައިވާ ބިލެކެވެ.

މިއަދުގެ ޖަލްސާގައި ނިހާން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ އިސްލާމީ ޤައުމަކަށްވެފައި ރާއްޖޭގައި ހެދޭ ޤާނޫނުތަކަކީ އިސްލާމް ދީނާއި ފުށުނާރާ ޤާނޫނުތަކަކަށް ވާންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި ހުޅަނގުގެ އެހީއާއެކު ރާއްޖެއަށް އައިސްފައިވާ ޑިމޮކްރަސީގެ އުޞޫލުތަކަކީ އިސްލާމީ އުސޫލުތަކާ އެހާ ރައްޓެހި އުޞޫލުތަކެއް ނޫންކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށާއި އެހެންނަމަވެސް މި އުޞޫލުތަކުގެ ތެރެއިން ބަލައިގަންނާނީ ކޮން އުޞޫލުތަކެއްތޯ ކަނޑައަޅާނީ ދިވެހިންކަމަށާއި އެއީ ދިވެހިންގެ ޙައްޤެއްކަމަށް ނިހާން ވިދޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުން މި ކުރައްވާ މަސައްކަތަކީ އެއީކަމަށް ނިހާން ވަނީ ވިދާޅުވެފައެވެ.