ޚަބަރު

އަބުރު ރައްކާތެރި ކުރުމާބެހޭ ބިލުގެ އިބްތިދާއީ ބަހުސް


އަބުރު ރައްކާތެރިކުރުމުގެ ޤާނޫނުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވައި، އިބްތިދާއީ ބަޙުސްކުރައްވަމުން އެބަގެންދަވައެވެ. މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރ ދާއޫދެވެ.

މި ބިލް ހުށަހެޅުއްވި ސަބަބުކަމަށް ބަޔާންކުރައްވާފައިވަނީ، ޤާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤަކީ، ވަކި ޒިންމާތަކަކާއި މަސްޢޫލިއްޔަތުތަކަކާއެކު ބޭނުންކުރަންޖެހޭ ޙައްޤެއްކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވުމާއެކު، އެ މިނިވަންކަމުގެ އިންތަކާއި ބޭނުންހިފޭ ހަމަތަކާއި އުޞޫލުތަކާއި އެ މިނިވަންކަމުގެ ޒިންމާތަކާއި މަސްއޫލިއްޔަތު ބަޔާންކުރުމާއެކު އަބުރު ރައްކާތެރިކުރުމުގެ ޙައްޤަށް އުނިކަމެއް އަންނަ ޙާލަތުތަކުގައި ޢަމަލުކުރާނެ އުޞޫލުތައް ބަޔާންކުރުންކަމަށެވެ.

މި ބިލާމެދު މެންބަރުން ބަޙުސްކުރައްވަމުން ގެންދަވާއިރު މި ބިލް އޮންނަންޖެހޭނެކަމަށް ސަރުކާރު ހިންގާ ޕާރޓީގެ ބައެއް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. ސަރުކާރު ހިންގާ ޕާރޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުންނާއި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުންނާއި އިދިކޮޅު ޕާޓީގެ މެންބަރުން ގެންދަވަނީ މި ބިލާ ދެކޮޅަށް ވާހަކަފުޅު ދައްކަވަމުންނެވެ.