ސިއްހަތު

އެންޑޮކްރިން ލެބްގެ ޚިދުމަތް އޭޑީކޭއިން ތަޢާރަފްކޮށްފި


ހަކުރު ބަލީގެ ސަބަބުން ދިމާވާ އެކިއެކި މައްސަލަތައް ދުރާލައި ދެނެގަނެވޭނެ ޚިދުމަތް އޭޑީކޭ ހޮސްޕިޓަލުގައި ތަޢާރަފްކޮށްފިއެވެ.

މިޚިދުމަތް ދިނުމަށް އޭޑީކޭ ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ އެންޑޮކްރިން ލެބްގެ ޚިދުމަތް މާދަމާއިން ފެށިގެން ދެމުންދާނެކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެއެވެ. މިލެބްގެ ޚިދުމަތް ފަށައިގަތުމުގެ ގޮތުން ހަކުރުބަލީގައި ދިމާވާ މައްސަލަތައް ދެނެގަނެވުނު ނަމަވެސް، ކުރިއަށް އޮތް ތާނގައި ހޯމޯންތަކާ ގުޅޭ ހުރިހާ ބަލިތަކަށް ޓެސްޓްކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް އޭޑީކޭ ހޮސްޕިޓަލުން ހާމަކުރެއެވެ.

ހަކުރު ބަލި ހުންނަ މީހުންގެ ހަށިގަނޑަށް ދިމާވާ އެކި އެކި މައްސަލަތަކުގެ ތެރޭގައި ލޭ ހޮޅިތަކުގެ މަސައްކަތްކުރުން ނެތިގެންދިޔުމާއި، ސިކުނޑިއާއި ހަށިގަނޑުގެ ބައިތައް ގުޅުވައިދޭ ނާރުތަކަށް އެކި ބާވަތުގެ ގެއްލުން ލިބުން ހިމެނެއެވެ. ހަކުރުބަލި ކޮންޓްރޯލް ނުވާނަމަ ހަށިގަނޑުގެ ލޭހޮޅިތަކާއި ނާރުތަކަށް ގެއްލުންވެ އެ ނާރުތަކުގެ މަސައްކަތްކުރުން އެއްކޮށް ނެތިގެން ހިނގައިދާނެއެވެ. އެންމެ ބޮޑަށް މިފަދަ ބަލިތައް ދިމާވަނީ ފައިތިލައިގައިކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. ދުނިޔޭގައި ފައިބުރި ކުރަންޖެހޭ ޙާލަތްތަކުގެ އަށްޑިހަ އިންސައްތައަކީ ހަކުރު ބައްޔާ ގުޅިގެން ފަޔަށް ދިމާވާ އެކި އެކި ކަންތައްތަކުގައިކަމަށް ކަމާބެހޭ ޑޮކްޓަރުން ވިދާޅުވެއެވެ.

އޭޑީކޭ ހޮސްޕިޓަލުގައި އަލަށް ތަޢާރަފްކުރި އެންޑޮކްރިން ލެބަކީ ބަލި އިންސާނާގެ ހަށިގަނޑުގައި ހިނގަމުންދާ ކަންކަން އެކަމަށް ޚާއްޞަ އާލާތްތައް ބޭނުންކޮށްގެން ބަލާ ދެނެގަނެވޭނެ ލެބެކެވެ.

އޭޑީކޭ ހޮސްޕިޓަލްގެ ފަރާތުން ޑޮކްޓަރ އަބްދުﷲ ނިޔާފް ވިދާޅުވީ މިލެބުން ހަކުރުބަލީގެ މީހުން ދުރާލައި ސްކްރީންކޮށް އެފަދަ އަލާމާތްތައް ދެނެގަނެވި، ހަކުރު ބައްޔާ ގުޅިގެން ދިމާވާ މައްސަލަތައް މަދުކުރެވިގެންދާނެކަމަށެވެ. އެގޮތުން މި ލެބޯޓްރީގައި ބަލިމީހާއަށް އިޙްސާސްކުރެވޭ މިންވަރާއި، ފިނި ހޫނުމިން ދެނެގަނެވޭ މިންވަރާއި، އަދި ވައިބްރޭޝަން އިޙްސާސްކުރެވޭނެ މިންވަރު ދެނެގަނެ، ފައިގެ ނާރުތަކާއި ލޭހޮޅިތަކުގެ މަސައްކަތްކުރަމުންދޭތޯ ދެނެގަނެވޭނެކަމަށް ޑޮކްޓަރ ނިޔާފް ވިދާޅުވިއެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އައްފާލް ވިދާޅުވީ އެ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ތަޢާރަފްކުރެވުނު މިޚިދުމަތް އާސަންދަ މެދުވެރިކޮށް ލިބޭނެގޮތް ހަމަޖެއްސުމަށް ވާހަކަދައްކަމުން އަންނަކަމަށެވެ. އައްފާލް ވިދާޅުވީ މިޚިދުމަތުގެ އަގުގެ ނުވަދިހަ ހަތެއް އިންސައްތަ ފަރުވާއަކީ އެއްހާސް ރުފިޔާއަށްވުރެ ދަށް އަގުތަކުގައި ހިމެނޭ ޚިދުމަތްތަކެއް ކަމަށެވެ.