އއ. މަތިވެރީގެ އިޙްތިޞާސްގައި ހިމެނޭ މަތިވެރި ފިނޮޅުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ. މަތިވެރީގެ އިޙްތިޞާސްގައި މަތިވެރި ފިނޮޅު ހިމެނުއްވެވުމަށް ސަރުކާރުން ނިންމެވީ 2023 ވަނަ އަހަރުއެވެ.
މަތިވެރި ކައުންސިލުން މިހާރު ވަނީ ޓޫރިސްޓް ހޮޓެލް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައެވެ. މަތިވެރި ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މަތިވެރި ފިނޮޅުގައި ފަތުރުވެރިކަމުގެ ޒޯނެއް ތަރައްޤީކުރުމަށް ނިންމަވާފައިވާކަމަށެވެ. މިކަމަށް ޝައުގުވެރިވާ އިންވެސްޓަރުންނަށް 10 ދުވަހުގެ ތެރޭގައި ބިޑް ހުށައެޅުމުގެ ފުރުސަތު މަތިވެރި ކައުންސިލުން ވަނީ ހުޅުވާލާފައެވެ.
މަތިވެރި ފިނޮޅުން ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވަނީ 4.411 ހެކްޓަރުގެ ސަރަހައްދެކެވެ. މިކަމަށް އެދި ދިވެހި ވަކި އިންވެސްޓަރުންނާއި، ވިޔަފާރިތަކާއި އަދި ބޭރުގެ އިންވެސްޓަރުންނަށްވެސް ހުށައެޅޭނެކަމަށް ކައުންސިލުން ވިދާޅުވެއެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ 75،000 ރުފިޔާއެވެ. ބިޑް ހުށައެޅުމާއި ހުޅުވުން އޮންނާނީ މިމަހުގެ 24 ވަނަ ދުވަހު ކަމަށް މަތިވެރި ކައުންސިލްގެ އިއުލާންގައި ވަނީ ވިދާޅުވެފައެވެ.
މަތިވެރި ފިނޮޅަކީ މަތިވެރި ކައިރީގައި އޮންނަ ކުޑަކުޑަ ރަށެކެވެ. 2014 ވަނަ އަހަރު މަތިވެރި ފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމަށް އަމިއްލަ ބަޔަކަށް ދޫކުރިއެވެ. އެހެންނަމަވެސް އެރަށް ދަތުރުދާނެ ރަށެއްގެ ގޮތުގައި ހަމަޖެއްސުމަށް ރަށުގެ ރައްޔިތުން އެދެމުން، ސަރުކާރުން ވަނީ މަތިވެރީގެ އިޙްތިޞާސްގެ ތެރޭގައި އެރަށް ހިމަނުއްވާފައެވެ.
އއ. މަތިވެރިއަކީ މިހާރުވެސް ރަށު ފަތުރުވެރިކަން ވަރަށް ބޮޑަށް ފުޅާވެފައިވާ ރަށެކެވެ. ގިނަ އަދަދެއްގެ ފަތުރުވެރިންނާއި ދިވެހިންވެސް މިރަށައް ޒިޔާރަތްކުރެއެވެ.