އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި މިދިޔަ މަހު ޤާއިމްކުރެއްވި ނެޝަނަލް ކާޑިއެކް ސެންޓަރުގައި ޚިދުމަތް ދޭންފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. މިވީ 30 ދުވަހުގެ ތެރޭގައި އެ މަރުކަޒުގެ ކެތުލެބުގައި ކާމިޔާބު 100 ޕްރޮސީޖަރއެއް ކުރިޔަށް ގެންދެވިފައިވާކަމަށް އައި.ޖީ.އެމް.އެޗުން ހާމަކުރައްވައެވެ.
އިންޑިއާގެ މެޑްޓްރީނާ ހޮސްޕިޓަލުގެ ޚާއްޞަ ޑޮކްޓަރުންނާއި އައި.ޖީ.އެމް.އެޗުގައި މަސައްކަތް ކުރައްވާ ހިތުގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމެއް ގުޅިގެން ކުރިޔަށްގެންދެވި، ހިތުގެ މި ޕްރޮސީޖަރތަކުގެ ތެރޭގައި ހިމެނެނީ، އެންޖިއޯ ގްރާމާއި، އެންޖިއޯ ޕްލާސްޓީއެވެ. މީގެ އިތުރުން މިމަހުގެ 17 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ނެޝަނަލް ކާޑިއެކް ސެންޓަރުގައި ވަނީ ޕްރައިމަރީ އެންޖިއޯ ޕްލާސްޓީއެއްވެސް ހަދާފައެވެ.
ޕްރައިމަރީ އެންޖިއޯ ޕްލާސްޓީއާބެހޭ މަޢުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ސީނިއަރ ކޮންސަލްޓެންޓް އިން ކާޑިއޮލޮޖީ، ޑރ. އަލީ ޝަފީޤް ވިދާޅުވީ، ނެޝަނަލް ކާޑިއެކް ސެންޓަރުގައި ޙަރަކަތްތެރިވާ ޑޮކްޓަރުންގެ ޓީމަށް އިތުބާރުކޮށް، މިފަދަ ކްރިޓިކަލް ޚިދުމަތެއް ހޯދުމަށް އާއްމުން އަންނަމުންދާތީ ވަރަށް އުފާކުރައްވާ ކަމަށެވެ. އަދި، މޭގަ ރިއްސުންފަދަ ހިތުގެ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ނުވަތަ އެފަދަ އުދަގުލެއް ވާނަމަ، އަމިއްލައަށް ގޮތެއް ނިންމުމުގެ ބަދަލުގައި ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށްވެސް ޑރ. އަލީ ޝަފީޤް އިލްތިމާސް ކުރެއްވިއެވެ.
ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށްޓަކައި ނެޝަނަލް ކާޑިއެކް ސެންޓަރުގައި 24 ގަޑިއިރު ޚިދުމަތް ދޭގޮތަށް ހަމަޖެހިފައިވާއިރު، ކުއްލި ޙާލަތުގައި، ހިތުގެ ބަލިހުންނަ މީހުންނަށް ވަގުތުން ފަރުވާ ދެވޭނޭ އިންތިޒާމް އެ މަރުކަޒުގައި ހަމަޖެހިފައިވާ ކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ. މި ސެންޓަރުގައި ހިތުގެ ބަލިތަކަށް ޚާއްޞަ 3 ޑޮކްޓަރުންނާއި، ހިތުގެ ބަލި ހުންނަ ކުޑަކުދިންނަށް ފަރުވާދިނުމަށް ޚާއްޞަ ޑޮކްޓަރަކުވެސް ހިމެނެއެވެ. އައި.ޖީ.އެމް.އެޗުން މަޢުލޫމާތު ދެއްވާ ގޮތުގައި ދުވާލެއްގެ މައްޗަށް އެހޮސްޕިޓަލުގެ އޯ.ޕީ.ޑީއަށް އެވްރެޖްކޮށް 60 މީހުން ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމަށް ޑޮކްޓަރަށް ދައްކައެވެ. އަދި އެވްރެޖްކޮށް ހަފްތާއަކު 3 މީހުން ހާޓް އެޓޭކް ޖެހިގެން ޑޮކްޓަރަށް ދައްކާ ކަމަށްވެސް އައިޖީއެމްއެޗުން ހާމަކުރައްވައެވެ.
ނެޝަނަލް ކާޑިއެކް ސެންޓަރުން ފަރުވާ ހޯދުމަށް އަންނަ ފަރާތްތަކަށް ދަތިތަކެއް ނެތި ފަރުވާދެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށްވެސް އައިޖިއެމްއެޗުން ހާމަކުރައްވައެވެ.