ރިޕޯޓް

މޯލްޑިވިއަންގެ ސީ ޕްލޭންގެ ޚިދުމަތަށް 2 އަހަރު ފުރުން


ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީ ޕްލޭންގެ ޚިދުމަތަށް 2 އަހަރުވެފައިވާއިރު، މޯލްޑިވިއަނުން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި އެކުންފުނީގެ ސީ ޕްލޭން އޮޕަރޭޝަންތައް ފުޅާކޮށް، ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ.

އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަނުން 2014 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭ ކުޑަ ގޮތަކަށް ފެށިގެން އައި ސީ ޕްލޭންގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި މޯލްޑިވިއަނުން ވަނީ މިއަހަރުގެ ވަނީ އިތުރު ދެ ސީ ޕްލޭން ރާއްޖެ ގެނެސްފައެވެ. އަދި އެއާއެކު އެކުންފުނީގެ ސީ ޕްލޭން ފްލީޓުގެ އަދަދުވަނީ 8 އަށް އަރާފައެވެ. މޯލްޑިވިއަނުން ވަނީ މިއަހަރު ނިމޭއިރު އެ ކުންފުނީގެ ސީ ޕްލޭން ފްލީޓުގެ އަދަދު ދިހައަކަށް އިތުރުކުރުމުގެ އަމާޒް ހިފާފައެވެ. އެގޮތުން މިއަހަރުގެ ނޮވެމްބަރ މަހުގެތެރޭގައި އެ ކުންފުނީގެ ސީ ޕްލޭން ޕްލީޓު 10 އަށް އަރާނެކަމަށް މޯލްޑިވިއަނުން ލަފާކުރެއެވެ.

މޯލްޑިވިއަން ސީ ޕްލޭނުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައިވެސް އެކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދިފަހުން ވަނީ އެއަރކޮންޑިޝަން ކޮށްފައި ހުންނަ ލަކްޒަރީ ސީ ޕްލޭންގެ ޚިދުމަތް މޯލްޑިވިއަނުން ދޭން ފަށާފައެވެ. އާދައިގެ ސީ ޕްލޭންތަކުގައި ޢާއްމުގޮތެއްގައި ހުންނަނީ 15 ސީޓެވެ. އެހެންނަމަވެސް ލަގްޒަރީ ސީ ޕްލޭގައި ހުންނާނީ އަށް ސީޓެވެ.

ސީ ޕްލޭންތަކުގެ ޢަދަދު އިތުރުކުރުމުގެ އިތުރަށް، މޯލްޑިވިއަނުން އަންނަނީ އެ ޚިދުމަތަށް ބޭނުންވާ ޓަރމިނަލްގެ މަސައްކަތްވެސް ކުރަމުން، މިހާރު އެތަނުގެ މަސައްކަތް ވަނީ ނިމުމަކާ ކައިރިވެފައެވެ. އަދި އިތުރަށް ގެންނަ ސީ ޕްލޭންތަކާއެކު، މޫދުގައި އިތުރު ޕްލެޓްފޯމްތައް އެޅުމަށްވެސް އެކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެއްމެ ފުރަތަމަ މޯލްޑިވިއަން ސީ ޕްލޭނުން ދަތުރުތައް ކުރަމުން އައިސްފައިވަނީ މަދު މަންޒިލް ތަކަކަށެވެ. އެހެންނަމަވެސް މިހާރު 7 ރިސޯޓަކަށްވެސް ދަތުރުތައް ކުރެއެވެ.