ރިޕޯޓް

ހުރާ ދޮންބަންޑާރައިން މިސްކިތް - ރަށުގެ އެންމެ ދުވަސްވީ އެއް ބިނާ


ކ. ހުރާ ދޮންބަންޑާރައިން މިސްކިތަކީ އެރަށުގައި މިވަގުތު ހުރި އެންމެ ދުވަސްވީ އެއް ބިނާއެވެ. އަދި މިއީ އެރަށުގެ ރައްޔިތުން ނަމާދުކުރުމަށްޓަކައި އެންމެ ފުރަތަމަ ބޭނުންކުރި އެއް ބިނާވެސް މެއެވެ. ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައިވެސް މަޤުބޫލުވެފައިވާ މި ބިނާއަކީ، ހުރަވީ ދުވަސް އެބޭފުޅަކަށް ނިސްބަތްވާ އައްސުލްތާނުލް ޣާޒީ ޙަސަންޢިއްޒުއްދީން ނުވަތަ ދޮންބަންޑާރައިންނަށް ނިސްބަތްކޮށް އެރަށުގައި ޢިމާރާތްކޮށްފައިވާ ބިނާއެކެވެ. img:http://s1.psmnews.mv/images/660x400/14699412181728.jpg|ކ.ހުރާ ދޮންބަންޑާރައިން މިސްކިތް - ފޮޓޯ: ޕީއެސްއެމް ނިއުސް

ހުރަވީ ދުވަސް އެބޭފުޅަކަށް ނިސްބަތްވާ އައްސުލްތާނުލް ޣާޒީ ޙަސަންޢިއްޒުއްދީން ނުވަތަ ދޮންބަންޑާރައިން، ރާއްޖޭގެ މިނިވަންކަމަށް ކުރެއްވި ޖިހާދަކީ، ދިވެހި ތާރީޚުގައި ރަން އަކުރުން ފަވާލެވިފައިވާ މަތިވެރި ޖިހާދެކެވެ. ދިވެހިރާއްޖޭގައި ހުރަވީ ދުވަސް ފާހަގަކުރަނީ މަލާބާރިން ނުވަތަ ހޮޅިންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވުމަށް ދޮންބަންޑާރައިން ކުރެއްވި ޖިހާދަށް ނިސްބަތްކޮށް، އެ މަތިވެރި ޖިހާދުގެ ހަނދާން އައުކުރުމުގެ ގޮތުންނެވެ. img:http://s2.psmnews.mv/images/660x400/14699409737199.jpg|ކ.ހުރާ ދޮންބަންޑާރައިން މިސްކިތް - ފޮޓޯ: ޕީއެސްއެމް ނިއުސް

އެމަނިކުފާނުގެ ހަނދާން އައުކުރެއްވުމުގެ ގޮތުން ހެދިފައިވާ ތާރީޚީ ބިނާތައް މިހާރުވެސް ފެންނަށް އެބަހުއްޓެވެ. އެގޮތުން ކ. ހުރާގައި ބިނާކޮށްފައިވާ ދޮންބަންޑާރައިން މިސްކިތަކީވެސް މިގޮތުން ފާހަގަކޮށްލެވޭ އެއް ބިނާއެވެ. ބުނެވޭގޮތުގައި މިއީ 300 އަށްވުރެ ގިނަ އަހަރުވެފައިވާ މިސްކިތެކެވެ. ހުރާގައި އެންމެ ފުރަތަމަ ހުކުރުކޮށް ހެދި އެއް މިސްކިތަކީވެސް މި މިސްކިތެވެ. ހުރާ ދޮންބަންޑާރައިން މިސްކިތް މި ވަގުތު ބަލަހައްޓަމުން ގެންދާ މުޙައްމަދު ދީދީ ޕީ.އެސް.އެމްއަށް ކިޔައިދިން ގޮތުގައި ހުރާ ރައްޔިތުންގެ އިތުރުން އެރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައިވެސް ޚާއްޞަ ލޯތްބަކާއި، އިޙްތިރާމެއް ލިބިފައިވާ މި މިސްކިތް ބިނާކޮށްފައިވަނީ އިހުޒަމާނުގައި މިފަދަ ތަންތަން ބިނާކޮށްފައިވާ އުޞޫލުން، މޫދުން ނަގާފައި ހުންނަ ގަލާއި އުވައާއި ވެލި ބޭނުންކޮށްގެން ކަމަށެވެ. img:http://s4.psmnews.mv/images/660x400/14699409954068.jpg|ކ.ހުރާ ދޮންބަންޑާރައިން މިސްކިތް - ފޮޓޯ: ޕީއެސްއެމް ނިއުސް

"އަޅުގަނޑަށް އެ ޤަބޫލެއް ނުކުރެވޭ. އެއީ ގާކޮށާލިއިރު އަޅުގަނޑު ދެކުނިން. ސިމެންތި ޖަހާފައި އެބޭފުޅުން ދެފަރާތްކޮށާލިއިރު އަޅުގަނޑު ހުރިން. އާދައިގެ އިހުޒަމާނުގައި ގާތަޅައިގެން ރާނާގޮތަށް ރާނާފައިހުރި. އެހެންވީމައި އަސްލު ހިރިގަލުން މި މިސްކިތް ބިނާކޮށްފައި، ހިރިގާ ކީހައިގެން ބިނާކޮށްފައި ހުރި އުސޫލަކުންނެއް ނޫން ރާނާފައިހުރީކީ. ގާތަޅައިގެން، އުވައާއި ވެލި ބޭނުންކޮށްގެން ރާނާފައިހުރީ" ދޮންބަންޑާރައިން މިސްކިތުގެ ވަގުތީ މުދިމު ވިދާޅުވިއެވެ. img:http://s1.psmnews.mv/images/660x400/14699410585850.jpg|ކ.ހުރާ ދޮންބަންޑާރައިން މިސްކިތް - ފޮޓޯ: ޕީއެސްއެމް ނިއުސް

ތާރީޚީ މިފަދަ ބިނާއަކަށް ދޭންވާ ސަމާލުކަން އެންމެ އެދެވޭގޮތުގައި ނުދެވޭކަން ފާހަގަކުރަމުން މުޙައްމަދު ދީދީ ވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި މި މިސްކިތަށް އައިސްފައިވާ ބަދަލުތައް ޕީ.އެސް.އެމްއާ ޙިއްޞާކޮށްފައެވެ.

"އަޅުގަނޑުމެންނަށް މި މިސްކިތް ފެންނަށް ހުންނަ އިރު ހުންނަނީ ރާނާފައި، ދެފަރާތުން އުވަޖަހާފައި. އުވަޖަހާފައިހުއްޓާ ވަހީއްދީން ކޮންޓެކްރަޓްރަކުން މިތަނަށް އައިސް، ބޭރުގައި ހުރި ކޮށާފައި، ދެ ފަރާތުން ސިމެންތި ޖަހާފައި، އަދި ސީލިންގާއި ފުރާޅު މަރާމާތުކޮށް ހަދާފައި، އެބަދަލާއެކު މިހާރު ފެންނަން މިހުރީ." ދޮންބަންޑާރައިން މިސްކިތުގެ ވަގުތީ މުދިމު ވިދާޅުވިއެވެ. img:http://s4.psmnews.mv/images/660x400/14699410101685.jpg|ކ.ހުރާ ދޮންބަންޑާރައިން މިސްކިތް - ފޮޓޯ: ޕީއެސްއެމް ނިއުސް

ދޮންބަންޑާރައިން މިސްކިތް ބެލެހެއްޓުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއްފަރާތަކީ މިވަގުތު އެ މިސްކިތުގެ ވަގުތީ އިމާމެއްގެ ގޮތުގައި މަސައްކަތް ކުރާ މުޙައްމަދު ދީދީއެވެ. އެގޮތުން މިސްކިތަށް ބޭނުންވާ ބައެއް ސާމާނު ހޯދުމާއި، މިސްކިތުގައި ކުރަންޖެހޭ ކުދިކުދި މަރާމާތުތައް ކުރަނީ ކައުންސިލުން އެކަމަށް ޚާއްޞަކުރައްވާފައިވާ ފަންޑަކުންނެވެ. އަދި ބައެއް ފަހަރު އޭނާގެ އަމިއްލަ ޚަރަދުގައިވެސް މިފަދަ މަސައްކަތްތައް ކުރެއެވެ. މުޙައްމަދު ދީދީ ބުނީ، މިސްކިތް ބެލެހެއްޓުމުގައި ބައެއް އަމިއްލަ ފަރާތްތަކުގެ އެހީތެރިކަން ލިބެމުންދާ ކަމަށެވެ. img:http://s3.psmnews.mv/images/660x400/14699410262976.jpg|ކ.ހުރާ ދޮންބަންޑާރައިން މިސްކިތް - ފޮޓޯ: ޕީއެސްއެމް ނިއުސް

"އެންމެ ފަހުންވެސް މިދިޔަ އަހަރުގެ ރޯދައަށްވެސް އަޅުގަނޑު ކުލަލާފައި މިހުރީ. އަދި ވާނިޝްވެސް އަޅުގަނޑު އަތުން ލާފައި މިހުރީ. އެކަހަލަ ކުދި ކުދި ކަންތައްތައް އަޅުގަނޑު އަމިއްލައަށް މި ކުރަނީ. މިސާލަކަށް މިސްކިތުގެ އެތެރޭގައި އެހެރަށް ހަތިމް ބަހައްޓާފައި އެހެރަ ފިލާވެސް އެއީ އަޅުގަނޑު ހަދާފައި. އެތެރޭގެ ފާރުގައި ޖަހާފައިހުރި މުށިއެއީ ބޭރު މީހަކު މިސްކިތަށް ހަދިޔާކުރި ފައިސާއާއި އަޅުގަނޑުގެ ކޮންމެވެސް ވަރެއްގެ ހިއްސާއަކާއެކު ކޮށްފައިހުރި މަސައްކަތެއް" ދޮންބަންޑާރައިން މިސްކިތުގެ ވަގުތީ މުދިމު ވިދާޅުވިއެވެ.

ރާއްޖޭގައި ހުރި މިފަދަ އާސާރީ ބިނާތަކާއި، ތަންތަނަށް އަޅުގަނޑުމެން ދޭ ފުރިހަމަ އިޙްތިރާމާއި އެއްވަރަށް، އެފަދަ ތަންތަން ނެތިދިޔަ ނުދީ، މުސްތަޤުބަލުގެ ދަރިންނަށްވެސް ފެންނަށް ހުންނާނޭހެން ޙިމާޔަތްކޮށް ބެލެހެއްޓުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ. މުޙައްމަދު ދީދީގެ އުންމީދަކީވެސް އެއީއެވެ. img:http://s4.psmnews.mv/images/660x400/14699410410586.jpg|ކ.ހުރާ ދޮންބަންޑާރައިން މިސްކިތް - ފޮޓޯ: ޕީއެސްއެމް ނިއުސް

"އެންމެ ދެކެން ބޭނުންވަނީ މި މިސްކިތުގެ އެކަހަކަ ބޮޑެތި ކަންތައްތައް ފުރިހަމަވެފައި ހުރުން. ދެން ކުދިކުދިކޮށް މިހުންނަށް ކަންތައްތައް މިސާލަކަށް ކުލަލުން، ވާނިޝްލުން، އެކަންތައް އަޅުގަނޑު އަމިއްލައަށް މިހާރުވެސް ކުރެވިދާނެ. އެހެންނަމެވެސް އެވަރުގެ ބޮޑެތި ޚަރަދުތައް ކުރުމަކީ އަޅުގަނޑަށް ކުރެވޭވަރަށް ވުރެއް މާ ބޮޑެތި ކަންތައްތައް" މުޙައްމަދު ދީދީ ވިދާޅުވިއެވެ. img:http://s1.psmnews.mv/images/660x400/14699410710600.jpg|ކ.ހުރާ ދޮންބަންޑާރައިން މިސްކިތް - ފޮޓޯ: ޕީއެސްއެމް ނިއުސް

ދޮންބަންޑާރައިން މިސްކިތަކީ ކ. ހުރާގައި އެންމެ ފުރަތަމަ ހުކުރު ކުރަން އަދި ނަމާދުކުރަން ފެށުނު އެއް ބިނާއެވެ. ހުރާ ކައުންސިލުން ވިދާޅުވިގޮތުގައި، މި މިސްކިތަށް ލިބިފައިވާ ގެއްލުންތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަވައި، އެކަންކަން ޙައްލުކުރެއްވުމަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.