ޚަބަރު

އިންސާނީ ވަގުފާރި ހުއްޓުވުމަށް ޢަޒުމުކަނޑައެޅުމަށް ގޮވާލައްވައިފި


އިންސާނީ ވަގުފާރީގެ ލާއިންސާނީ ޢަމަލަށް ހުޅުވިފައިވާ ދޮރުތައް ބަންދުކޮށް، މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ސަމާލުވެ އެކަން އަޅުގަނޑުމެންގެ މުޖުތަމަޢުން ނައްތާލުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއްގައި އަތުކުރި އޮޅާލައި މި ލާއިންސާނީ ޢަމަލާ ދެކޮޅަށް ތެދުވުމަށް ޢަޒުމު ކަނޑައެޅުމަށް ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮއްވާލެއްވީ މިއަދު ފާހަގަކުރަމުންމިދާ "ވޯލްޑް އެންޓި-ހިއުމަން ޓްރެފިކިންގ ޑޭ" ގެ މުނާސަބަތުގައި ނެރުއްވި ޚިޠާބެއްގައެވެ.

މިއަދަކީ ދުނިޔޭގައި އިންސާނީ ފަގުފާރިއާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭގޮތުން ފާހަގަކުރާ ބައިނަލްއަޤުވާމީ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ، އިންސާނީ ވަގުފާރިއާދެކޮޅަށް ކުރެވޭ މަސައްކަތުގެ އަގު ވަޒަން ކުރުމެވެ.

ހިއުމަން ޓްރެފިކިންގ ނުވަތަ އިންސާނީ ވަގުފާރިއަކީ، މީހުންގެ ނުރުހުމުގައި ގަދަކަމުން އެމީހުންލައްވާ ތަފާތު އެކި މަސައްކަތްތައް ކުރުވުމާއި، މީހުން އަޅުވެތިކުރުވައި އެމީހުންގެ ކިބައިން ނާޖާއިރު މަންފާތައް ހޯދުން ހިމެނިގެންވާ ލާއިންސާނީ ޢަމަލެކެވެ. މީހަކަށް މަޖުބޫރުކޮށްގެން ނުވަތަ އޮޅުވާލައިގެން މީހަކު ގެންގުޅުމާއި، އެފަދަ ގޮތަކަށް މީހުން އެއްތަނުން އަނެއްތަނަށް ގެންދިއުމާއި، އަދި މިނޫންވެސް އަޅުވެތިކުރުންކަމަށް ބެލެވޭފަދަ ގޮތްގޮތަށް މީހުންނާމެދު ޢަމަލުކުރުމަކީ އިންސާނީ ވަގުފާރީގެ ޢަމަލުތަކުގެ ގޮތުގައި ބެލެވިގެންދާ ކަންކަމެވެ.

ދުނިޔޭގައި އިންސާނީ ވަގުފާރީގެ ޢަމަލުތައް ހިންގޭ ގޮތްތަކަށް ނަޒަރު ހިންގާލާއިރު، ހަށިވިއްކުވުމާއި، މަޖުބޫރުން މަސައްކަތް ކުރުވުމާއި، އަދި އިންސާނާގެ ގުނަވަން ވިއްކައިގެންނާއި އަދި އެހެނިހެން ގޮތްގޮތުން ނުޙައްޤުން އިންސާނާގެ މަންފާ ހޯދުން ފަދަ ބޮޑެތި ޖަރީމާތައް ހިމެނެއެވެ.

ދުނިޔޭގެ ފެންވަރުގައި ނެގިފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، ދުނިޔޭގައި އަހަރެއްގެ މައްޗަށް 30 އެތައް ބިލިއަން ޑޮލަރު ދައުރުވެގެންދާ ބޮޑު އިސްޑަސްޓްރީއަކަށް މި ލާއިންސާނީ ޢަމަލު ވަނީ ވެފައެވެ.

ދިވެހިރާއްޖެއާއި އަދި ރާއްޖެ ހިމެނޭ ސަރަޙައްދުން ވަގުފާރީގެ ފުރުޞަތު ކުޑަކުރެއްވުމަށްޓަކައި ރާއްޖޭގެ ޝަރުޢީ ދާއިރާއިން ކުރައްވާ އަދި ރާއްވަވާފައި ހުރި ބައެއް ކަންކަން މިއަދު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ވަނީ ހާމަކުރައްވާފައެވެ.

އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި ސާބިތުވެތިބި، ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމުގައިވާއިރު، އަދި އިންސާނީ ކަރާމަތަކީ އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ ކަމަކަށް ވީހިނދު، މި ލާއިންސާނީ ޢަމަލާ ދެކޮޅަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ ބޮލުގައި އެޅިފައިވާ ޝަރުޢީ އަދި ޤާނޫނީ ޒިންމާއެކެވެ.

އިންސާނީ ފަގުފާރިއާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭގޮތުން ފާހަގަކުރާ ބައިނަލްއަޤުވާމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ދެއްވި ޚީޠާބުގައި، ރާއްޖެއަކީ ތަރައްޤީވަމުން އަންނަ ޤައުމަކަށްވެފައި، އަދި އިންސާނީ ވަގުފާރީގެ ޢަމަލުތައް ކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް ފުރުޞަތު ބޮޑު މާޙައުލެއް އޮތް ޤައުމަކަށްވާތީ، މި ޢަމަލާ ދެކޮޅަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްނަގައިގެން މިދަނީ ޚާއްޞަ ޙަރަކާތްތަކެއް ހިންގަމުން ގެންދަވާކަން ފާހަގަކުރައްވާފައިވެއެވެ. މިގޮތުން މިއަހަރުގެ މެއިމަހުގެ ތެރޭގައި "ކޮލޯކިއަމް ފޮރ ޖުޑީޝަރީ އޮން ޓްރެފިކިންގ އިން ޕަރސަންސް" ގެ ނަމުގައި ކޮލޯކިއަމްއެއް ބޭއްވިފައިވާކަމާއި އަދި މިހިނގާ 2016 ވަނަ އަހަރާއި، 2017 ވަނަ އަހަރުގެ ތެރޭގައި އިންސާނީ ވަގުފާރިއާގުޅޭ މުހިންމު ޙަރަކާތްތަކެއް ކުރިއަށް ރޭވިފައިވާކަންވެސް ފާހަގަކުރައްވާފައިވެއެވެ.

އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޝަރުއީދާއިރާއިން ފޯރުކޮށްދެވޭނެ އެންމެ މަތީ ޙިމާޔަތް ފޯރުކޮށްދެއްވުމާއި، އިންސާނީ ވަގުފާރިއާ ދެކޮޅަށް ޤައުމީ ފެންވަރުގައި ކުރެވިދާނެ ކަންތައްތައް ދެނެގަތުމަށްޓަކައި ކަމާގުޅުން ހުރި މުއައްސަސާތަކާއެކު މަސައްކަތު ބައްދަލުވުންތައް ބޭއްވެވުމާއި، އިންސާނީ ވަގުފާރިއާގުޅޭ ޝަރުޢީދާއިރާގެ އެކްޝަން ޕްލޭނެއް އެކުލަވައިލެއްވުމާއި އިންސާނީ ވަގުފާރިއާގުޅޭ ޑޭޓާ އެއްކުރައްވައި، އެ މަޢުލޫމާތު ޝަރުޢީ ދާއިރާގެ ތަފާސްހިސާބުގައި ހިމަނުއްވައި، ޢާންމުކުރެއްވުމަކީ މިއަހަރުގެ ތެރޭގައި ކުރެއްވުމަށް ޝަރުޢީދާއިރާއިން ރާއްވަވާފައިވާ ކަންތައްތަކެއް ކަމަށް އުއްތަމަ ފަނޑިޔާރު ހާމަކުރައްވާފައިވެއެވެ.

އަދި އިންސާނީ ވަގުފާރިއާގުޅޭ ޝަރުޢީ ދާއިރާގެ ޚާއްޞަ ރިޕޯޓެއް ތައްޔާރުކުރައްވައި ޢާންމުކުރެއްވުމާއި، އެކުވެރި ރަޙްމަތްތެރި ޤައުމުތަކުގެ ފަނޑިޔާރުން ހިމެނޭގޮތުން ބައްދަލުވުމެއް އިންތިޒާ މުކުރައްވައި، އިންސާނީ ވަގުފާރިއާ ދެކޮޅަށް މާލޭ ޑެކްލަރޭޝަންގެ ނަމުގައި ޤާރާރެއްގައި ނެރުއްވައި، ސަރަޙައްދީ ފެންވަރުގައި މިޙަރަކާތް ކުރިއަށް ގެންދެވުމަކީ ޝަރުޢީ ދާއިރާއިން އިސްނަންގަވައިގެން ކުރިއަށް ގެންދެވުމަށް ރާއްވަވާފައިވާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ޙަރަކާތްތަކެއް ކަމަށް އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު ވިދާޅުވިއެވެ. އެމަނިކުފާނުގެ ޚިޠާބުގައި ވަނީ އިންސާނީ ވަގުފާރީގެ ލާއިންސާނީ ޢަމަލަށް ހުޅުވިފައިވާ ދޮރުތައް ބަންދުކޮށް، މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ސަމާލުވެ، އެކަން އަޅުގަނޑުމެންގެ މުޖުތަމަޢުން ނައްތާލުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއްގައި އަތުކުރި އޮޅާލައި މި ލާއިންސާނީ ޢަމަލާ ދެކޮޅަށް ތެދުވުމަށް ޢަޒުމު ކަނޑައެޅުމަށް ގޮވާލައްވާފައެވެ.