ކައްދުއާއި ފޮނަދޫ ގުޅޭ ކޯޒްވޭގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކު ޒަޚަމްވެއްޖެއެވެ.
މިޙާދިސާ ހިނގާފައިވަނީ ބާރު ސްޕީޑްގައި ދަތުރުކުރި ސައިކަލެއް ކޯޒްވޭގެ ފޮނަދޫއަށް އަރާ ހިސާބުގައި ހުރި ހޮޅިދަނޑިއެއްގައި ޖެހިގެން ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ މި ޙާދިސާގައި ސައިކަލުގައި ދަތުރުކުރި ދެމީހުންވެސް އެކްސިޑެންޓްގައި މޫދަށް ވެއްޓުނު ކަމަށެވެ. އަދި މި ދެ މީހުންނަށް ފަރުވާ ދިނުމަށް މިހާރު ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ.
ސައިކަލުން ދަތުރުކުރި ދެމީހުންގެ ތެރެއިން އެކަކު މިހާރު ޢާއްމުޙާލަތަކަށް އައިސްފައިވާ ކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވައެވެ. އަދި ސައިކަލްގައި ދެން ދަތުރުކުރި މީހާގެ ބޮލަށާއި މޫނަށް ޒަޚަމްތަކެއް ލިބިފައިވުމުން، ގަމު ރީޖަނަލް ހޮސްޕިޓަލްގެ ޑޮކްޓަރުގެ ލަފާގެ މަތިން ސީޓީ ސްކޭން ހެދުމަށާއި އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް އެ ހޮސްޕިޓަލުން މަޢުލޫމާތު ދެއްވައެވެ.