ޓުއަރިޒަމް

ނާގޯށީގައި ތަރައްޤީކުރާ ރިސޯޓް އަންނަ އަހަރު ކުރީކޮޅު ހުޅުވަނީ


ހދ. ނާގޯށީގައި އެމްޓީޑީސީން ތަރައްޤީކުރާ ރިސޯޓް، އަންނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ހުޅުވާނެކަމަށް އެމްޓީޑީސީން ހާމަކޮށްފިއެވެ.

ހދ. އަތޮޅުގައި ރިސޯޓެއް ތަރައްޤީކުރެއްވުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން ކުރިއަށް ގެންދަވާ ކަމެއްކަމުގައި ސަރުކާރުން ވަނީ ހާމަ ކުރައްވާފައެވެ. އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނިޔާޒު ވިދާޅުވީ އެމްޓީޑީސީން ސަބްލީޒްކޮށް ތަރައްޤީކުރާ ރަށްތަކުގެ ތެރެއިން އެންމެ އެންމެ ބޮޑު އަދި އެންމެ ގިނަ އެނދު އެކުލެވޭ ރިސޯޓަކީ ނާގޯށީގައި ތަރައްޤީކުރާ ރިސޯޓްކަމަށެވެ. 

މި ރިސޯޓް ތަރައްޤީކުރުމުގެ މަސައްކަތް އެއްއަހަރު ދުވަހު މަޑުޖެހުނީ ފައިސާ ލިބުމުގެ ދަތިތަކެއް ހުރުމުންކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ. ނަމަވެސް މި ރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތްކުރާ ކުންފުނި، ރަޝިޔާގެ ތްރީ ކޭ އިންޓަރނޭޝަނަލަށް މިހާރު ފައިސާގެ ހުރިހާކަމެއް ހަމަޖެހިފައިވާކަން އެނގިފައިވާކަމުގައި އެމްޓީޑީސީން ބުނެއެވެ. އެގޮތުން ބޭންކުތަކުން ބޭނުންވާ ފައިސާގެ ކަންކަން ހަމަޖެހި، މިހާރު ލިޔުންތައް ލިބިފައިވާކަމަށް އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ ނިޔާޒު ވިދާޅުވިއެވެ.

ނާގޯށީގައި ތަރައްޤީކުރާ ރިސޯޓްގެ މަސައްކަތް ހުއްޓުމަކަށް އައިއިރު އެރަށް ތަރައްޤީކުރުމަށް ސާޅީސް މިލިއަން ޑޮލަރު ވަނީ ހޭދަކޮށްފައެވެ. މިރަށް ތަރައްޤީކުރުމަށް މިހާ ބޮޑު ހޭދައެއް ކޮށްފައިވުމުން މިރަށް ވީހާވެސް އަވަހަކަށް ނިންމާ ޚިދުމަތްދޭން ފެށުމަކީ އަމާޒުކަމުގައި އެމްޓީޑީސީން ބުނެއެވެ. މިރަށް ތަރައްޤީކުރާ ތްރީކޭ އިންޓަރނޭޝަނަލުން ކުރިއަށް އޮތް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނާގޯށީގައި މަސައްކަތްތައް ފެށުމަށްޓަކައި ބޭނުންވާ ތަކެއްޗާއި މީހުން އެރަށަށް ދާނެކަމަށް އެމްޓީޑީސީން މަޢުލޫމާތުދެއެވެ. ނާގޯށީގައި ތަރައްޤީކުރާ ރިސޯޓް ހުޅުވުމުން ހދ. އަތޮޅުގެ ގިނަބަޔަކަށް ވަޒީފާގެ ފުރުޞަތު ލިބި، އެ ސަރަޙައްދުގެ ވިޔަފާރިއަށްވެސް ބޮޑުކުރިއެރުންތަކެއް ލިބިގެންދާނެއެވެ.