ތަރައްްޤީ

އައްޑޫއާއި ފުވައްމުލަކަށް ކުދި ބަސްތަކެއް ފޮނުވަނީ


އައްޑުއާއި ފުވައްމުލަކުގެ ސްކޫލުތަކުގެ ދަރިވަރުންގެ ޚާއްޞަ ދަތުރުތަކަށް ކުދި ބަސްތަކެއް ފޮނުވުމަށް ނިންމާފައިވާކަމަށް އެމް.ޕީ.އެލްއިން ހާމަކޮށްފިއެވެ.

އެމްޕީއެލްގެ ސީ.އީ.އޯ މުޙައްމަދު ޖުނައިދު ވިދާޅުވީ ފުއްވައްމުލަކާއި އައްޑު ސިޓީން ސްކޫލް ކުދިންނަށް މިހާރު ބޭނުންކުރަމުންދާ ބަސްތަކަށްވުރެ ކުދި ބަސްތަކަކަށް އެދެމުންދާތީ އެކަން ވަރަށް އަވަހަށް ކުރައްވާނެކަމަށެވެ. މީގެ އިތުރުން އެކްސްޓްރާ ކްލާސްތަކަށް ސްކޫލުކުދިން ގެންދިޔުމަށް އެކަށީގެންވާ އަދަދަކަށް ސްކޫލުކުދިން އަންނަނަމަ އެކުދިންނަށް ޚާއްޞަ ދަތުރުތައް ބާއްވާނެކަމަށްވެސް ވިދާޅުވިއެވެ. 

އެމް.ޕީއެލުން އައްޑުއާއި ފުވައްމުލަކުގައި ބަސްދަތުރުގެ ޚިދުމަތް ފެށުމާއެކު ސްކޫލުކުދިންނަށް ޚާއްޞަކޮށް،  މަހަކު ތިންސަތޭކަ ރުފިޔާގެ ރޭޓުން ޚާއްޞަ ޕެކޭޖެއް ވަނީ ތަޢާރަފްކޮށްފައެވެ. މި ދެ އަތޮޅުގައި ބަހުގެ ޚިދުމަތަށް 13 ބަސް ބޭނުންކުރަން އެމް.ޕީ.އެލުން ވަނީ ނިންމާފައެވެ. 52 މީހުންގެ ޖާގައިގެ 8 ބަހާއި 32 މީހުންގެ ޖާގައިގެ 5 ބަސް އައްޑުސިޓީއަށް ގެންގޮސްފައިވެއެވެ.

އައްޑުސިޓީގެ ގުޅިފައިވާ ރަށްތަކުގައި 9 ބަހުގެ ޚިދުމަތްދޭއިރު މިއީ 52 މީހުންގެ ޖާގައިގެ 8 ބަހާއި 32 މީހުންގެ ޖާގައިގެ ބަހެކެވެ. ހުޅުމީދޫގައި ބައްތިރީސް މީހުންގެ ޖާގައިގެ 2 ބަސް ބޭނުންކުރާއިރު ފުވައްމުލަކުގައިވެސް 32 މީހުންގެ ޖާގައިގެ 2 ބަސް ބޭނުންކުރެއެވެ. 

އެމް.ޕީ.އެލުން ފެށި ދަތުރުފަތުރުގެ މި ޚިދުމަތަކީ އިޖްތިމާޢީ ޒިންމާއެއްގެ ގޮތުގައި ކުރިއަށްގެންދާ މަސައްކަތެއްކަމަށް އެކުންފުނިން ބުނެއެވެ.