ދެ ސައިކަލާއި ކާރެއް ޖެހި އެކްސިޑެންޓުވުމުން މަޑުނުކޮށް ފިލައިގެންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. މަޑުއްވަރި / ކޮކްނެޓްވިލާ، އުމުރުން 26 އަހަރުގެ އާދަމް ޖަނާން މުޙައްމަދެވެ. އޭނާއަކީ އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވި މީހާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ، މި ޖޫން މަހުގެ 23 ވަނަ ދުވަހުގެ ހަވީރު، ހުޅުމާލެ ރީތިގަސް މަގާއި ކަށިމާ ހިނގުން ގުޅޭ ހިސާބުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ، އެކްސިޑެންޓުގައި ހިމެނޭ އަނެއް ސައިކަލު ދުއްވި 38 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އަނިޔާވި މީހާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އެ މީހާގެފައި ތިން ތަނަކުން ބިންދައިގެން ގޮސްފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް އެ މުއައްސަސާއިން ވިދާޅުވެއެވެ.
މި އެކްސިޑެންޓުގައި ހިމެނޭ ތިން އުޅަނދު ދުއްވި މީހުންނަކީވެސް އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ޖޫން 26 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އާދަމް ޖަނާން މުޙައްމަދު ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުުރުމުން 7 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.