މެދު އިރުމަތީގައި ހިނގާ ހަނގުރާމައިގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ނުކުރާނެގޮތަށް، ރާއްޖޭގެ ފަތުރުވެރިކަން އެހެން ސަރަހައްދުތަކުގައި ޕްރޮމޯޓުކުރުމަށް އިސްކަންދެއްވާނެކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ތާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރަމުގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވަނީ ރާއްޖެއަށް މިހާރު ފަތުރުވެރިން އާންމުކޮށް އަންނަމުންދާ މާކެޓުތަކުގެ އިތުރުން އެހެން މާކެޓުތަކަށް ފުޅާކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ. މިގޮތުން ޓްރެވެލް އޭޖެންޓުނާއި ރިސޯޓުތަކާއި އެއަރލައިންތަކާއެކު އެމަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
އިރާން-އިސްރާއީލް ހަނގުރާމައިގެ ސަބަބުން ބައެއް ފްލައިޓުތައް ކެންސަލްވި ނަމަވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަތުތަކަށް މާބޮޑު އަސަރެއް ނުކުރާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ވިދާޅުވިއެވެ.
"އެއީ އަޅުގަނޑަށް ހީވާނީ ވޭކް-ކޯލެއް ހެން އެހެން ދިމާތަކަށް އެހެން އޭރިއާތަކަށް، މާކެޓް ކުރުމަށް. އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ އެކަމަށް މަސައްކަތް ކުރާނަން. މިއަންނަ އަހަރު ބަޖެޓުންވެސް އެމްއެމްޕީއާރްސީގެ ބަޖެޓުންވެސް އިތުރަށް އެހެން ދިމާތަކަށް ފޯކަސް ކުރުމުގެ މަސައްކަތް ކުރާނަން." ވަޒީރު ތާރިޤު ވިދާޅުވިއެވެ.
ޠާރިޤު ވަނީ މިފަދަ ތަޖުރިބާތަކުގެ އަލީގައި ދެން ކުރެވޭނެ ކަންކަން ބަލައި، އިތުރު މަސައްކަތްތައް ކުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މިގޮތަށް މަސައްކަތް ކުރެވޭނަމަ ފަހި ފުރުސަތުތަކެއް އޮންނާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ހަނގުރާމައިގައި މިކަހަލަ ކަންތައް ވެއްޖެއްޔާ ބޮޑެތި ލޮޅުންތައް އަންނާނެ. އެ ލޮޅުންތަކަށް ބަލައިގެން އިތުރު އެހެން މަންޒިލްތަކުގައި ފަތުރުވެރިކަން ކުރިއެރުވިއްޖެއިއްޔާ، ވަރަށް ފަހި ފުރުސަތުތަކެއް އެބައޮތް. ރާއްޖެއަކީ ފަތުރުވެރިކަމުގެ އެންމެ މަތީ ފަންތީގައި ވިދާލާނެ ރިސޯޓުތެއް ހުންނާނެތަނަކަށް ވެފައި ޓުއަރިޒަމުން ލިބޭ ނަފާ ލިބިގެންދާނެތީ." ވަޒީރު ޠާރިޤު ވިދާޅުވިއެވެ.
އިތުރު މަންޒިލްތަކުން ފަތުރުވެރިން ގެނައުމުގެ މަސައްކަތާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްޤީ ކުރެވޭ އެއަރޕޯޓުތަކާއެކު ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވެލާނާ އެއަޕޯޓުގެ އައު ޓާމިނަލާއެކުވެސް ރާއްޖެ އަންނަ އެއަރލައިންތައް އިތުރުކުރެނެކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖެއަށް މިއަހަރު 2.3 މިލިޔަން ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ. މިހާތަނަށް ރާއްޖެއަށް ގާތްގަނޑަކަށް 1.08 މިލިއަން ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، ފަތުރުވެރިކަމުގެ އަމާޒު ހާސިލްވާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.