ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭއާ ދެކޮޅަށް ކޯޗެއްގެ ގޮތުގައި ނުކުތުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށް އެމެރިކާގެ އިންޓަރ މަޔާމީގެ ކޯޗު އާޖެންޓީނާގެ ހާވިއޭ މަޝެރާނޯ ބުނެފިއެވެ.
ކުލަބު ވޯލްޑް ކަޕުގެ ނޮކްއައުޓް ބުރުގައި އާދީއްތަ ދުވަހުގެ ރޭ މި ދެ ޓީމު ނުކުންނައިރު މަޝެރާނޯ އަކީ އެންރީކޭގެ ދަރިވަރެކެވެ.
މި މީހުން އެންމެ ފުރަތަމަ ބައްދަލުވީ ބާސެލޯނާއިންނެވެ. އެންރީކޭ ކުޅެ، ކެޕްޓަންކަން ކުރި ބާސެލޯނާގެ ކޯޗުކަން އޭނާ ތިން އަހަރު ކުރި އިރު މަޝެރާނޯ އަކީ ޓީމުގެ އެންމެ މުހިންމު އެއް ޑިފެންޑަރެވެ. މި ދެ މީހުން ޖުމުލަ 11 ތަށި ހޯދި އެވެ. މީގެ ތެރެއިން އެންމެ ހާއްސަ ކާމިޔާބީ އަކީ 2015 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމާއި ޖެހިގެން އައި ސީޒަނުގައި 4-0ިން ބަލިވެފައި އޮއްވައި އަމިއްލަ ދަނޑުގައި ފަހަތުން އަރައި ޕީއެސްޖީ ބަލި ކުރުމެވެ.
މި ސަބަބުތަކާހުރެ މެޗުގެ ކުރިން މަޝެރާނޯ ވެސް ވަނީ އެންރީކޭ އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.
"އަހަރެންނާއި އޭނާއާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮވޭ. އަހަރެންނާއި އޭނާގެ އާއިލާއާ ވެސް ވަރަށް ގާތް ގުޅުމެއް އޮވެ. އޭނާ އާ ދެކޮޅަށް މި މެޗުގައި ނުކުތުމަކީ ވަރަށް ހާއްސަ ކަމެއް. އެ ފަދަ މޮޅު ކޯޗަކާ ދެކޮޅަށް ނުކުތުމަކީ އަހަރެންނަށް ލިބޭ ޝަރަފެއް. އެއީ އަހަރެންގެ ކެރިއަރުގައި ފެނުނު އެންމެ މޮޅު އެއް ކޯޗު،" މަޝެރާނޯ ބުންޏެވެ.
އޭނާ އަދި ބުނީ އެންރީކޭ ބާސެލޯނާގައި ހޯދި ކާމިޔާބީ އަކީ ވަރަށް ހާއްސަ ކާމިޔާބީތަކެއް ކަމަށާއި މިހާރު ޕީއެސްޖީގައި އޭނާ ޗެމްޕިއަންސް ލީގު އުފުލާލުމަކީ އެންރީކޭގެ މޮޅުކަން ސާބިތުކޮށްދޭ ކަމެއް ކަމަށެވެ.
"އަހަރެން އެކަންޏެއް ނޫން. މިއާމީގައި ތިބި އެންރީކޭއާއެކު ބާސެލޯނާ އަށް ކުޅުނު ހުރިހާ ކުޅުންތެރިން އޭނާއާ ބައްދަލުވާތީވެ އުފާކުރެ. އެކަމަކު އަހަރުމެންނަކީ މިހާރު ވާދަވެރިން ވެސް މެ. މެޗު ފެށީމަ އޮންނާނީ މޮޅުވާން މަސައްކަތް ކުރުން. އޭނާގެ ޓީމަކީ ޔޫރަޕުގެ ޗެމްޕިއަން ޓީމު. ބަލި ކުރަން އުނދަގޫވާނެ،" މަޝެރާނޯ ބުންޏެވެ.