ޚަބަރު

ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓުން ބައެއް ސާމާނު އޮޔާދާތީ ސަމާލުވާން އެދިއްޖެ


  • މި އުޅަނދު ބަންޑުން ޖަހާލީ ޅ. ކުރެންދޫގެ ހުޅަނގު ދެކުނުން 4 މޭލު ބޭރުން

  • މި ހާދިސާގައި ސިފައިންގެ އޮފިސަރެއް ވަނީ ނިޔާވެފައި

ޅ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ސިވެކްގެ ލޭންޑިންގ ކްރާފްޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާތީ، އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ޤައުމީ ދިފާއީ ބާރު، އެމް.އެން.ޑީ.އެފްއިން އިލްތިމާސްކުރައްވައިފިއެވެ.

މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިންގ ކްރާފްޓު ބަންޑުން ޖަހާލީ މިއަދު ހެނދުނު 10:30ހާއިރެވެ. މި ލޭންޑިންގ ކްރާފްޓުގައި 6 މީހުން ދަތުރުކުރިއިރު އޭގެތެރޭގައި ހިމެނެނީ 2 ސިފައިންނާއި, 1 އާންމު ފަރާތް އަދި 3 ބިދޭސީންނެވެ. މި އުޅަނދު ބަންޑުން ޖަހާލިކަމުގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފުން ވަނީ ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައެވެ.

މި އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލުނު ކަމުގެ މަޢުލޫމާތު ލިބިގެން، އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ވަނީ ހޯދާފައެވެ. ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ފެނިގެން، ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ ނިޔާވެފައެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިންގ ކްރާފްޓު ބަންޑުން ޖާހާލީ ޅ. ކުރެންދޫގެ ހުޅަނގު ދެކުނުން 4 މޭލު ބޭރުންކަމަށެވެ. އަދި މި އުޅަނދުގައި ހުރި ބައެއް ސާމާނު އިރުމައްޗަށް ވާގޮތަށް އޮޔާދަމުންދާތީ، މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށާއި، ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް އެމް.އެން.ޑީ.އެފްއިން ވަނީ އިލްތިމާސްކުރައްވާފައެވެ.