ޚަބަރު

ކުނީގެ މައްސަލަ - އުލިގަމަށް ދިމާވެފައިވާ ބޮޑު މައްސަލައެއް


ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްރަށަކީ ކުނީގެ މައްސަލަ ދިމާވެފައިވާ ރަށްތަކެކެވެ. އެގޮތުން ހއ އުލިގަމަކީވެސް ކުނީގެ މައްސަލަ ދިމާވެ، މިކަމަށް ޙަލެއް އަދި ލިބިފައި ނެތް ރަށެކެވެ. ފަސް ސަތޭކައަށް ވުރެއް ގިނަ މީހުންގެ އާބަދީއެއް އޮންނަ މިރަށުގައި ރައްޔިތުން ކުނި އަޅަން ވަކި ސަރަޙައްދެއް ރަށު ކައުންސިލުން ވަނީ ކަނޑައަޅުއްވާފައެވެ. 

މިރަށުގައި ކުނިމެނޭޖް ކުރަމުންދާ ގޮތާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން އުލިގަމް ކައުންސިލްގެ ރައީސް އިމާދު އަބުދުﷲ ވިދާޅުވީ ކުނިވާޒާތުގެ ކުނި އަޅަމުންދަނީ މޫދައްކަމަށާއި، އެނޫން ބާވަތްތަކުގެ ކުނި އަޅަމުންގެންދަނީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގެ 300 ފޫޓް ދުރު، ރަށުގެ އިރުމަތީ ފަރާތަށްކަމަށެވެ. އަދި ރަށުގައި ކުނި އެޅުމަށްޓަކައި ވަކި ސަރަޙައްދެއް ގާއިމްކޮށްފައި އޮތްނަމަވެސް، ބައެއް ފަރާތްތަކުން، ރަށުގެ އެކި ސަރަހައްދުތަކަށް ކުނި އަޅަމުންދާކަން ފާހަގަކުރެއްވޭކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ކައުންސިލުން ކުނި އެޅުމަށް އަންގަވާފައިވާ ގޮތާއި ހިލާފަށް ކުނި އެޅުމުގެ ސަބަބުން ބޮޑެތި މައްސަލަތަކާއި ދިމާވާކަމަށް ވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

ކުނި ރަނގަޅު ގޮތުގައި މެނޭޖްކޮށް މިހާރު ދިމާވެފައިވާ މައްސަލަ ޙައްލުކުރެއްވުމަށް ރަށު ކައުންސިލާއި ރަށުގެ ރައްޔިތުން ގުޅިގެން ދަނީ މަސައްކަތްތަކެއް ކުރަވަމުންނެވެ. އެހެން ނަމަވެސް މިކަމަށް ދާއިމީ ޙަލެއް ލިބިގެންދާނީ ކުނިކޮށްޓެއް ގާއިމުކުރެވި، ކުނި މެނޭޖްކުރުމަށްޓަކައި ހަރުދަނާ ނިޒާމެއް މިރަށުގައި ޤާއިމް ކުރެވިގެންކަމަށް މި ފަރާތްތަކުން ފާހަކުރެއެވެ. 

img:http://s4.psmnews.mv/images/660x400/14696893685934.jpg|މަގުމަތި ކުނި ކެހުމުގައި އަންހެނުންތަކެއް ހަރަކާތްތެރިވަނީ

އުލިގަމުގެ ރަށުތެރެ ސާފުކޮށް ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާ ކުރާ އެއްބަޔަކީ މިރަށުގެ އަންހެންވެރިންނެވެ. އެހެންކަމުން ޕީއެސްއެމް ނިއުސްއިން އެރަށް ދިމާވެފައިވާ ކުނީގެ މައްސަލައާ ގުޅޭ ގޮތުން ރަށުގެ އަންހެނުންނާ ވާހަކަދައްކާލުމުން އެންމެ ބޮޑު މައްސަލައެއް ގޮތުގައި އެމީހުންވެސް ފާހަގަކުރީ ކުނިކޮށްޓެއް އެރަށުގައި ނެތް މައްސަލައެވެ.

ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްގޮތަށް އުލިގަމަށް ދިވާވެފައިވާ ކުނީގެ މައްސަލައަށް އަވަސް ހައްލެއް ގެނެސްދެއްވުމަށްޓަކައި ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ތިމާވެށީގެ ގޮތުން ގިނަ މައްސަލަތަކެއް ކުރިމަތިވަމުން އަންނަ މި ރާއްޖޭއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކުނި މެނޭޖްކުރުމަށް ދިމާވެފައިވާ މައްސަލައެވެ. އެހެންކަމުން ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ގެނައުމަށްޓަކައި، ފަރުދީ ފެންވަރުގައި ވެސް ގިނަމަސައްކަތްތަކެއް ކުރަންޖެހެއެވެ. ކަނޑައެޅިފައިވާ ތަންތަނަށް ކުނިއެޅުމާއި، ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަކީ ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެއްގެ ގޮތުގައި ބަލައިގަންނަން އެބަޖެހެއެވެ.