ކުރީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ "ރ. ވެޓެރަންސް ފުޓްސެލް މުބާރާތް" އަންނަ މަހު އެކަކަށް ތާވަލުކޮށްފިއެވެ.
މާޅޮސްމަޑުލު އުތުރުބުރިއަށް ނިސްބަތްވާ ކުރީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ މިމުބާރާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލުގެ ރައީސް މުހަންމަދު އާސިފް ވިދާޅުވީ މިފަދަ މުބާރާތެއް ބޭއްވުމުގެ މަޤްސަދަކީ ކުރީގެ ކުޅުންތެރިން އަލުން ދަނޑަށް ނެރެ، ކުޅިވަރުގެ ފޯރި ހިފެހެއްޓުންކަމަށެވެ. އޭގެ އިތުރުން މިހާރުގެ ޒުވާނުންނަށް ކުރީގެ ތަރިންގެ ހުނަރުވެރިކަން ދައްކާލާ، ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު ދިރުވާ އާލާކުރުމަކީ މި މުބާރާތް ބޭއްވުމުގެ މަޤްސަދުތަކުގެ ތެރެއިން މަޤްސަދެކެވެ.
"ކުރީގެ ކުޅުންތެރިން ފުޓްސަލްއެއް ނޫން ކުޅެފަވާނީ. އެހެންނަމަވެސް އަޅުގަނޑުމެން މަސައްކަތް މިކުރަނީ އެކުޅުންތެރިންވެސް މިކުޅިވަރަށް ހާނުވާ އަލުން ދަނޑަށް ނެރެން. އެއީ ވަރަށް ހުނަރުވެރި ބައެއް" މުޅިން އަލަށް ބާއްވަން ތައްޔާރުވަމުން އަންނަ މުބާރާތާ ގުޅޭގޮތުން އާސިފް ވިދާޅުވިއެވެ.
އަންނަ ޖުލައިމަހުގެ 1އިން 10އަށް ރަސްމާދޫގައި ކުރިއަށްދާ މިމުބާރާތުގައި ނުވަ ޓީމަކުން ވާދަކުރާނެކަމަށާ، މުބާރާތަށް ލިބުނު ތަރުހީބު ބޮޑުކަމަށް ކައުންސިލުގެ ރައީސްވަނީ ވިދާޅުވެފައެވެ.
"ރ. އަތޮޅުގެ 15 ރަށުން 11 ޓީމެއް މުބާރާތުގައި ބައިވެރިވި. އެހެންނަމަވެސް އެކި ސަބަބަތަކާހުރެ 2 ޓީމަކުންވަނީ ނަން އަނބުރާ ގެނެސްފަ. މުބާރާތަށް ލިބުނު ތަރުހީބު ވަރަށް ބޮޑޭ ދެންނެވޭނީ" އާސިފް ވިދާޅުވިއެވެ.
39 އަހަރުންމަތީގެ އުމުރުފުރާއަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މިމުބާރާތުގައި ކޮންމެ ޓީމަކަށްވެސް 35 އަހަރުންމަތީގެ އެއް ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.
"ރ. ވެޓެރަންސް ފުޓްސެލް މުބާރާތް 2025" ގެ ޗެމްޕިއަން ޓީމަށް 20،000 (ވިހި ހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ހުށަހެޅިފަވާއިރު ރަނަރަޕް ޓީމަށް 10،000 (ދިހާ ހާސް ރުފިޔާ)ގެ ފައިސާއެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.