ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވޭނެކަމަށް ބެލެވެނީ އަންނަ މާރިޗު މަހުގެ ތެރޭގައިކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދު ވިދާޅުވީ ޤާނޫނުގައިވާ ގޮތުން ކައުންސިލްތަކުގެ ދައުރު ހަމަވުމުގެ 45 ދުވަސް ކުރިން އިންތިޚާބު ބާއްވަންޖެހޭނެ ކަމަށެވެ. އެހެންކަމުން އިންތިޚާބު އަންނަ އޭޕްރީލް މަހު ބާއްވާނަމަ، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވޭނީ އަންނަ އަހަރުގެ މާރިޗު މަހުކަމަށް ޞަލާޙު ވިދާޅުވިއެވެ.
ޞަލާޙު ވިދާޅުވީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން މިހާރު ކުރަމުންދަނީ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމަށާއި ދާއިރާތަކަށް ކައުންސިލަރުންގެ އަދަދު ކަނޑައެޅުމަށް އާބާދީ ގުނުމުގެ މަސައްކަތް ކަމަށެވެ. އަދި އިންތިޚާބީ އެކިއެކި މަސައްކަތްތައްކުރުމަށް ތަނެއް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގައިވާ ގޮތުން ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ 3,000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބުކުރާނީ 3 މެންބަރުންނެވެ. އަދި އާބާދީ 3،000 މީހުންނަށްވުރެ ގިނަ ނަމަ 5 މެންބަރުންނެވެ.
ޤާނޫނުގައިވާ ގޮތުން ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ ޢުމުރު ހަމަވުމަށް 120 ދުވަހަށް ވުމާއެކު ގިނަވެގެން 15 ދުވަހުގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު ހުޅުވިއްޖެކަން އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރަންޖެހޭނެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ ޑިޕޮޒިޓްގެ ފައިސާގެ ޢަދަދަކީ 1,500 ރުފިޔާއެވެ. އަދި ސިޔާސީ ޕާޓީއެއްގެ ޓިކެޓަކާ ނުލައި ވާދަކުރާ މީހަކުނަމަ މަދުވެގެން އިންތިޚާބީ ދާއިރާގެ 50 މީހުންގެ ސޮއި ހުށައަޅަންޖެހޭނެއެވެ.