ބޭރުގެ 3 ޤައުމެއް ހިމެނޭހެން، ޖުމްލަ 4 ޕްރޮޕޯސަލެއް، ހޯޕް އައިލެންޑް އަދި ސެންޓްރަލް ޖަލު އެޅުމުގެ މަޝްރޫޢަށް ޝަޢުގުވެރިކަން ފާޅުކޮށްފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ވަޒީރު ވިދާޅުވީ، އުއްމީދަކީ އަންނަ މަހުގެ ތެރޭގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ފެށުންކަށެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އަލީ އިޙްސާން ވިދާޅުވީ ޖަލުތައް އެއްކޮށްލުމުގެ މަޝްރޫޢުގެ ސަބަބުން %40، ހިންގުމުގެ ޚަރަދުން ކުޑަކުރެވޭނެކަމަށެވެ. އެންމެ ބޮޑު ބަދަލަކަށްވާނީ، ޖަލުތައް ބެލެހެއްޓުން ބައިނަލްއަޤްވާމީ ފެންވަރަށް ގެނެވި، ކުށުގެ މައްސަލަތަކުގައި ހުކުމް ތަންފީޒުކުރާ މީހުން ރިހެބިލިޓޭޓް ކުރެވޭނެ ފެންވަރު ރަނގަޅު ނިޒާމެއް ޤާއިމުކުރެވުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިޙުސާން ވިދާޅުވީ، ހޯޕް އައިލެންޑް އަދި ސެންޓްރަލް ޖަލު އުތުރު ތިލަފަޅުގައި ތަރައްޤީކުރުމުގެ މަޝްރޫޢަށް ޝަޢުގުވެރިކަން ފާޅުކުރުމަށް ހުޅުވާލުމުން، 4 ފަރާތަކުން ޝަޢުގުވެރިކަން ފާޅުކުރިކަމަށެވެ. އެއީ ރާއްޖޭގެ ކުންފުންޏަކާއި ރާއްޖެއިން ބޭރުގެ 3 ޤައުމަކުންނެވެ.
"އެމެރިކާ، ޗައިނާ، މެލޭޝިއާ އަދި ދިވެހި ކުންފުންޏަކުން ވަނީ ޝަޢުގުވެރިކަން ފާޅުކޮށްފައި. ވަރަށް ކޭޕަބަލް ކުންފުނިތައް. ފައިނަލް ޕްރޮޕޯސަލްތައް ލިބުމުން އިވެލުއޭޓްކޮށް، ކުންފުންޏެއް ހޮވާނީ. އުއްމީދަކީ ޖުލައި މަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށުން." ދާޚިލީ ވަޒީރު އަލީ އިޙުސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޖަލުތައް ވަކިން ހިންގުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާކަމަށެވެ. ދަޢުލަތުން ކުރާ ޚަރަދަށް ބަލާއިރު، އެންމެ ގައިދީއަކު ބެލެހެއްޓުމަށް މަހަކު 27 ހާސް ރުފިޔާ ޚަރަދުވާކަމަށް ވިދާޅުވިއެވެ.
މިހާރު އެކި ރަށްރަށުގައި ޖަލުތައް ހުރުމުގެ ސަބަބުން، ކޯޓަށް ގެންދިއުމާއި މެޑިކަލް ކަންކަމާއި ލޮޖިސްޓިކްކަންކަމަށްވެސް ބޮޑު ޚަރަދެއް ކުރެއެވެ. އަދި ކޮންމެ ޖަލެއްގެ ޚިދުމަތްތަކަށް އެތައް މުވައްޒަފުންނެއް ބޭނުންވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިއީ ފޯކަސްއެއް އޮވެ، ނިމޭ ހިސާބު އެނގިގެން ފަށާ މަސައްކަތެއް. ޖަލުތައް އޮތީ އޯވަކްރައުޑްވެފައި. ރިހެބް ފަރުވާއަށް ޖާގައެއް ނެތް. މީހުން ހައްޔަރުކޮށް ބަންދުކޮށް ބައިތިއްބާ ތަނެއް މިހާރު އެއީ. ރިހެބް ތަންތަނެއް ނެތް." ވަޒީރު އަލީ އިޙުސާން ވިދާޅުވިއެވެ.
ޔޫޓީއެފްގައި ޖަލު ތަރައްޤީކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ބްރިޖުން ގުޅޭ ތަނެއްގައި ޖަލު ތަރައްޤީކުރުމަށްކަމަށް ދާޚިލީ ވަޒީރު އަލީ އިޙުސާން ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ސަރުކާރުގެ ޢަމާޒަކީ، ޖަލުގައި ހުކުމް ތަންފީޒުކޮށް ނިކުންނަ ކޮންމެ މީހަކީ، ހަރުދަނާ، މުޖުތަމަޢަށް ފައިދާވާނެ މީހެއްގެ ގޮތުގައި ނިކުތުންކަމަށެވެ.