ޚަބަރު

ހިންމަފުށީ ފެންފުޅި އުފައްދާ ކާރުޚާނާއަށް ދިމާވި މައްސަލަ


ހިންމަފުށީގައި ހުންނަ ލައިފް ފެންފުޅި އުފައްދާ ކާރުޚާނާއަށް ފެން ނަގާ ހޮޅިއަކަށް ދިމާވި މައްސަލަ ވަރަށް އަވަހަށް ހައްލުކުރެވިގެންދާނެކަމަށް އެކުންފުނިން ބުނެފިއެވެ.

ހިންމަފުށީގައި ހުންނަ އެކުންފުނީގެ ފެން ނަގާ ހޮޅިއަށް މައްސަލަ ދިމާވީ އެރަށުގެ ބިންހިއްކުމުގެ މަސައްކަތްކުރުމުގެ ތެރެއިން ހޮޅިއަށް ލިބުނު ގެއްލުންތަކަކާއި ގުޅިގެން ކަމަށް އެކުންފުނިން ބުނެއެވެ. ހޮޅިއަށް ގެއްލުން ލިބުމާއި ގުޅިގެން، ހިންމަފުށީ ފެކްޓްރީގައި ކުރިޔަށްގެންދާ ފުޅީގައި ފެންބަންދުކުރުމުގެ މަސައްކަތަށް ބުރޫއަރާ ރަށުގެ އާންމު ރައްޔިތުންނަށް އެކުންފުނިން ހިލޭ ފޯރުކޮށްދެމުންދިޔަ ބޯފެނުގެ ޚިދުމަތަށް އަސަރުކުރި ނަމަވެސް މިހާރު ވަގުތީގޮތުން ހޮޅިލައިނެއް އަޅައިގެން އެ ޚިދުމަތްތައް ދެމުންދާ ކަމަށް ހިންމަފުށީ ފެންފުޅި ބަންދުކުރާ ފެކްޓްރީގެ މެނޭޖަރ މުހައްމަދު އިމްތިޔާޒް ވިދާޅުވިއެވެ.

ފެކްޓްރީގެ މެނޭޖަރ އިމްތިޔާޒް ވިދާޅުވީ ފެކްޓްރީގެ ފުލް ކެޕޭސިޓީގައި ފެން ބަންދުކުރަން ފެށޭނީ ހޮޅިލައިން މަރާމާތުކޮށް ނިމުމަށްފަހު ކަމަށެވެ.