ރޯގާއާއި ހުން އިތުރުވާތީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފުލޫ ކްލިނިކެއް ހުޅުވައިފިއެެވެ. މިކްލިނިކް ހުޅުވާފައިވަނީ އެހޮސްޕިޓަލްގެ ހިތްފަހި ކްލިނިކުގައެވެ.
އެހޮސްޕިޓަލުން ވިދާޅުވީ އިންފްލުއެންޒާ ފަދަ ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވުމާއި، ޙައްޖުވެރިން އެނބުރި އައުމާ ގުޅިގެން ނޭވާލާ ނިޒާމުގެ މިފަދަ ބަލިތައް ފެތުރުން ހުއްޓުވުމަށް ފިޔަވަޅުތައް އަޅަމުންއަންނަކަމަށެވެ.
މިފުލޫ ކްލިނިކް ހުޅުވިފައި ހުންނާނީ 18 ޖޫން އިން ފެށިގެން ކޮންމެ ދުވަހެއްގެ މެންދުރުފަހު 3:00 އިން ރޭގަނޑު 10:00 އަށް ހިތްފަހި ކްލިނިކުގައެވެ.
ހުންއައިސް ރޯގާޖެހި، ކެއްސާ އަދި ނޭވާލާން އުނދަގޫވާނަމަ މިކްލިނިކަށް ދިއުމަށް އިކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ އެދިވަޑައިގެންފައެވެ.
މިކްލިނިކަށް ޑޮކްޓަރަށް ދައްކަންދާ ފަރާތްތަކުން މާސްކު އަޅައިގެން ދިއުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކުރައްވާފައެވެ.
..In response to the increase in respiratory infections such as Influenza, and with the return of pilgrims from Hajj, we are taking steps to prevent the spread of respiratory illnesses. @presidencymv @HPA_MV @MoHmv pic.twitter.com/dvU0vB9imU
— Addu Equatorial Hospital (@aeh_mv) June 18, 2025
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އަންނަ ފަރާތްތަކަށް ޚާއްސަކޮށް މާލޭގައި ވެސް ވަނީ ފުލޫ ކްލިނިކްތަކެއް ޤާއިމްކޮށްފައެވެ. މި ކްލިނިކްތައް ޤާއިމްކޮށްފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗް އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ. ޙައްޖުގެ އަޅުކަމުން އެނބުރި އައުމަށްފަހު، ބަލީގެ އެއްވެސް އަލާމާތެއް ފާހަގަކުރެވިއްޖެނަމަ، އަދި ސިއްޙީ ގޮތުން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، މި ކްލިނިކަށް ދިއުމަށް އައިޖީއެމްއެޗުން ވަނީ އެދިވަޑައިގެންފައެވެ.
ޙައްޖުން އަންނައިރު އަރިދަފުސް ރޯގާ ޖެހިފައިވާނަމަ ކެއްސައި ކިނބިހިއަޅާއިރު އަނގަމައްޗާއި ނޭފަތް ކުޑަރުމާލެއް ނުވަތަ ޓިޝޫއެއްފަދަ އެއްޗަކުން ނިވާކުރުމަށް އެޗްޕީއޭއިންވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ބޭނުންކުރާ މާސްކާއި ޓީޝޫފަދަތަކެތި ހާމަ ތަންތަނަށް އެއްލާލުމަކީ ރޯގާއާއި ބަލި ފެތުރުމަށް މަގުފަހިވެދާނެ ކަމެއްކަމުން އެކަމަށް ސަމާލުވެ އެފަދަ ތަކެތި ރައްކާތެރިކަމާއެކު ނައްތާލުން މުހިންމުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
އަދި ރޯގާޖެހި ކެއްސާނަމަ މީހުންއުޅޭ ތަންތަނަށް ނުދިޔުމާއި ހުމާއި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ، ގިނައިން ދިޔާތަކެތި ބޭނުންކުރުމަށާއި، އަރާމުކުރުމަށްވެސް ޑޮކްޓަރުންވަނީ އިރުޝާދުދެއްވާފައެވެ.
އައިޖީއެމްއެޗްގައި ފްލޫ ކްލިނިކް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 10 އިން ރޭގަނޑު 10އަށެވެ. ހުޅުމާލޭ ހޮސްޕިޓަލްގައި ފްލޫ ކްލިނިކް ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 14:00އިން 20:00އަށެވެ. އަދި ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފްލޫ ކްލިނިކުން ޚިދުމަތް ދޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00އިން 20:00އަށެވެ.