ޚަބަރު

އެންމެ ބޮޑު އިސްކަމެއް ދޭނީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް: ސީޕީ ނަވީން


  • ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ ނުލިބުމަކީ ވަރަށް ގިނަ ބައެއްގެ ފަރާތުން ލިބޭ ޝަކުވާއެއް

  • ފުލުހުންގެ ތަހުގީގުތައްވެސް ކުރިއަށްވުރެ އިތުރަށް ހަރުދަނާކުރައްވާނެ ކަމަށް ވިދާޅުވި

ދިވެހި ފުލުހުންގެ ޚިދުމަތް ހަރުދަނާކުރެއްވުމުގެ ގޮތުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ފުލުހުންނާމެދު ރައްޔިތުންގެ އޮތް އިތުބާރު ދެމެހެއްޓުމަށްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ފުލުހުންގެ ޚިދުމަތާމެދު ގެންގުޅުއްވާ ތަސައްވުރު ހާމަކުރައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ އެކްޓިން ކޮމިޝަނަރގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހުވެސް އެންމެ އިސްކަމެއް ދެއްވީ ފުލުހުންގެ ޚިދުމަތާމެދެ ރައްޔިތުންގެ ތެރޭގައި އޮތް އިތުބާރު ދެމެހެއްޓުމަށްކަމަށެވެ. އެގޮތުން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި އެކަންކަން ހައްލުކުރުމަށް ފުލުހުންނަށް ކުރެވިދާނެ ކަންކަން ބަލައި އެގޮތަށް ފުލުހުންގެ މަސައްކަތްތައް ބައްޓަން ކުރައްވަމުންދާކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ ނުލިބުމަކީ ވަރަށް ގިނަ ބައެއްގެ ފަރާތުން ލިބޭ ޝަކުވާއެއް ކަމަށާއި އެކަން ރަނގަޅުކުރުމަށްވެސް މިހާރު މަސައްކަތް ކުރައްވަމުންދާކަމަށެވެ. އަދި ފުލުހުންގެ ތަހުގީގުތައްވެސް ކުރިއަށްވުރެ އިތުރަށް ހަރުދަނާކޮށް މިހާރަށްވުރެ ބޮޑަށް ތަހުގީގުގެ ކަންކަން ރައްޔިތުންނަށް އެނގިގެންދާނެގޮތަށް ކަންކަން ބައްޓަންކުރައްވާނެކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

"ތަހުގީގުތައް މިހާރަށްވުރެ ބޮޑަށް ރައްޔިތުންނަށް އެނގިގެންދިއުން ވަރަށް މުހިންމު. ގޮންޖެހުންތަކުގައި ހުރި ކަންކަމަކީ. މިހާރު އިންވެސްޓިގޭޝަން ކަންކަން ވަރަށް ކޮމްޕްލެކްސްކޮށް މިއޮތީ. އަޅުގަނޑުމެންގެ ތަހުގީގުތައް ބައްޓަން ކުރުމަކީ އަޅުގަނޑުމެންނަށް ހުރި ގޮންޖެހުމެއް. އެހެންވީމަ އެކަންކަން ރަނގަޅު ކުރުމަށް ޓްރެއިން ކުރުމާއި ރީޓްރެއިން ކުރުމާއި ސުޕަވައިޒަރސްގެ ސްކިލްސް ބިލްޑް ކުރުމަކީވެސް އަޅުގަނޑުމެން ކުރާނެ ކަމެއް. އަދި ކުރަން ފައްޓާފައިމިހާރު ވާކަމެއް އެއީ،" ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ޤާނޫނީ ޒިންމާއަދާކުރުމުގައި މިހާރަށްވުރެ ކަންކަން އިތުރަށް ހަރުދަނާކުރުމަށްވެސް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

ރައްޔިތުންނާއި ފުލުހުންނާމެދު އޮންނަ ގުޅުން ބަދަހިކުރުމަށް އައު ކަންކަން ފެށުމަށްވުރެ ބޮޑަށް މިހާރު ފަށާފައިވާ ކަންކަން އިތުރަށް ހަރުދަނާ ކުރެއްވުމަށް އިސްކަން ދެއްވާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. އެގޮތުން، އަވައްޓެރި ފުލުހުންނަކީ ކާމިޔާބު މަސައްކަތެއް ކަމަށާއި އެކަންވެސް ކުރިއަށް އޮތްތަނުގައި އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޓެކްނޮލޮޖީގެ ޒަރީއާއިން ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވިއެވެ.