ޚަބަރު

ޙައްޖުވެރިންގެ 2 ވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެ


  • ހައްޖުވެރިން އަންނަނީ 4 ގްރޫޕަކަށް ބަހާލައިގެނެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު، ދިވެހި ޙައްޖުވެރިން 2 ވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެއެވެ.

ހައްޖުގެ އަޅުކަމަށްފަހު ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ޙައްޖުވެރިން އައުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓަކަށް ބަހާލައިގެންނެވެ.

ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް އައިސްފައިވަނީ ހުކުރު ދުވަހުއެވެ. އަދި ހައްޖުވެރިންގެ 2 ވަނަ ގްރޫޕް އައިސްފައިވަނީ ހޮނިހިރު ދުވަހުގެ ރޭގަނޑުއެވެ. މި ގްރޫޕްގައި 250 މީހުން ހިމެނެއެވެ.
އެ ހައްޖުވެރިން ރާއްޖެ އައިސްފައިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.

ދިވެހި ހައްޖުވެރިން ރާއްޖެ އައިސްފައިވަނީ މަދީނާގެ ޕްރިންސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރައިގެންނެވެ. މިއީ މަދީނާ މަގުން ސީދާ ރާއްޖެ އައުމަށް ޙައްޖުވެރިން ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ދިވެހި ހައްޖުވެރިންގެ 3ވަނަ ގްރޫޕް އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އަދި ފަހު ގްރޫޕުގެ ޙައްޖުވެރިން ރާއްޖެ އަންނާނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

މީގެ ކުރީގެ އަހަރުތަކުގައި ދިވެހި ހައްޖުވެރިން މަދީނާއަށް ޒިޔާރަތްކުރުމަށްފަހު، އެނބުރި މައްކާއަށް ދަތުރުކޮށް، މައްކާއިން ދަނީ ޖިއްދާއަށެވެ. މިގޮތުން މައްކާއާއި މަދީނާއާއި ދެމެދު 6 ގަޑިއިރުގެ ދަތުރެއް ކުރެއެވެ. އަދި މައްކާއާއި ޖިއްދާއާއި ދެމެދު 2 ގަޑިއިރުގެ ދަތުރެއްކުރަންޖެހެއެވެ.

މިއަހަރަކީ ޙައްޖުވެރިންނަށް އެންމެ ފުރިހަމަ އަދި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ އަހަރުކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ އިތުރުން މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރުމުގެ ފުރުސަތު ލިބުނު ޙާޖީންވެސް ފާހަގަކުރެއްވިއެވެ.

މިގޮތުން ޙައްޖާޖީން ރާއްޖެއިން ފުރައިގެން، މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން އެއަރޕޯޓުގައި މަޑުކުރަން ނުޖެހި މައްކާގެ ހޮޓަލާއި ހަމައަށް ދެވޭނެގޮތް އިންތިޒާމުވުންވެސް ވެގެންދިޔައީ ޙައްޖާޖީންނަށް ލިބުނު ބޮޑު ލުއިފަސޭހައަކަށެވެ. މީގެ އިތުރުންވެސް ޙައްޖުގެ މަޝާއިރުތައް ފުރިހަމަކުރުމުގައި ޙައްޖުވެރިންނަށް ވީހާވެސް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސެވުމަށް ސަރުކާރުން ވަނީ ޚާއްސަ ސަމާލުކަމެއް ދެއްވާފައެވެ.