އެމެރިކާގައި މިރޭ ކުލަބު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފަށާނެއެވެ. ދުނިޔޭގެ އެންމެ މޮޅު ކަމަށް ބެލެވުނު 32 ޓީމު ވާދަކުރާ މުބާރާތުގައި ގިނަ މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ފުރަތަމަ ކަމަކީ ސަލާމަތީ ގޮތުން ރައްކާތެރި ތަނަކަށް އެމެރިކާ ހެދުމަށް އެ ގައުމުގެ ކަސްޓަމްސްގެ ފުރިހަމަ އެއްބާރުލުން ދޭން ނިންމާފައިވީ ނަމަވެސް ގޮންޖެހުންތަކެއް ހުރުމެވެ. ނަމަވެސް ސަލާމަތީ ގޮތުން އެމެރިކާ ތައްޔާރުވެއްޖެ ކަމާމެދު ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ޝައްކެއް ނެތެވެ.
މައްސަލަ އަކަށްވާނީ އެމެރިކާގެ ހޫނު ކަމެވެ. މުބާރާތުގެ 63 މެޗުގެ ތެރެއިން 35 މެޗެއް ތާވަލް ކޮށްފައިވަނީ ހަވީރު ފަހެއް ޖެހުމުގެ ކުރިންނެވެ. ފޮސިލް ފްރީ ފުޓްބޯޅަ ގްރޫޕުން ކުރި ދިރާސާއިން ދައްކަނީ އެމެރިކާގައި މެޗުތައް ކުޅޭ 11 ސްޓޭޑިއަމުގެ ތެރެއިން އަށް ސްޓޭޑިއަމުގައި ހޫނުން ސަލާމަތް ވާނެ ގޮތެއް ނެތް ކަމަށެވެ. މާނައަކީ ދަނޑު ބަންދުކޮށްލާނެ ފުރާޅެއް މިއިން ތަނަކު ނެތުމެވެ.
ދިރާސާއިން ދައްކާ ގޮތުގައި ފާއިތުވެދިޔަ ފަސް އަހަރު އެމެރިކާގެ ހޫނު މިން 30 ޑިގްރީ އަށް ވުރެ މައްޗެވެ. ކަން މިހެން އޮތްއިރު ކުޅުންތެރިން އެ ސްޓޭޑިއަމްތަކަށް ކުރަންޖެހޭ ދަތުރުތައް ވެސް ދިގެވެ. މުޅި މުބާރާތުގައި 564877 ކިލޯ މީޓަރަށް މަތިންދާ ބޯޓުގައި ކުޅުންތެރިން އުދުހޭނެ އެވެ.
އެމެރިކާގައި މިދިޔަ އަހަރު ބޭއްވި ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އުރުގުއޭގެ ޑިފެންޑަރު ރޮނަލްޑް އަރައުހޯ އިންޓަވަލް ގަޑީގައި ބަދަލު ކުރަނެވެ. އެއީ ހޫނުމިން މަތިވެ އޭނާގެ ހެޔަށް ގޮތްވާން ފެށުމާއި އާދަޔާ ހިލާފަށް ލޭގެ ޕްރެޝަރު ދަށްވާން ފެށުމުންނެވެ. މީގެ އިތުރުން ކެނެޑާ އާއި ޕެރޫ އެ މުބާރާތުގައި ކުޅުނު މެޗުގައި އެސިސްޓެންޓް ރެފްރީ ދަނޑު މައްޗަށް ވެއްޓި އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ.
ލަފާ ކުރެވޭ ގޮތުން މި ދެ ހާދިސާ ހިނގިއިރު ވެސް ހޫނުމިން ހުރީ 38 ޑިގްރީއާ ގާތުގައި ނުވަތަ އެއަށްވުރެ މަތީގަ އެވެ. މިހެންވެ އެމެރިކާގެ ހޫނުމިން 30 ޑިގްރީ ކަމަށް ބުނި ނަމަވެސް ކުޅުންތެރިންނަށް އެ ގައުމުގައި ކުޅެން ސިއްހީ ގޮތުން ހުރި ގޮންޖެހުންތައް މަދެއް ނޫނެވެ. ކެނެޑާގެ ޑިފެންޑަރު ޖޯންސްޓަން ހަވީރު ފަހެއްގެ ކުރިން މެޗުތައް ނުކުޅެން އެދުނީ ވެސް މިކަމާ ހުރެ އެވެ.
އެމެރިކާގައި އެންމެ ފަހުން ވޯލްޑްކަޕެއް ބޭއްވީ މީގެ 30 އަހަރު ކުރިންނެވެ. އޭގެ ފަހުން މިވީ މުއްދަތުގައި ފުޓްބޯޅް ސްޓޭޑިއަމްތައް ފުރިހަމަ ކުރުމަށްވުރެ ބޮޑަށް އެ ގައުމުން މަސައްކަތް ކޮށްފައިވަނީ ބޭސްބޯޅަ އާއި ރަގްބީ ސްޓޭޑިއަމުތަކުގެ ފެންވަރު މަތި ކުރާށެވެ. ފީފާއިން ކިތަންމެ ފޮރުވިޔަސް މި ފަހަރު އެމެރިކާގައި އަންނަ އަހަރި ބާއްވާ ވޯލްޑް ކަޕުގެ ކުރިން ވަރަށް ގިނަ މައްސަލަތައް ފެންމަތުވާނެ އެވެ.
ހޫނުވުމުގެ ސަބަބުން ކުރެވޭނެ މާ ބޮޑު ކަމެއް ވެސް ނެތެވެ. ފީފާއިން މިހާރު ނިންމާފައިވަނީ އާއްމުކޮށް 28 ޑިގްރީ އަށްވުރެ ހޫނު ވެއްޖެނަމަ ދޭ ވޯޓަ ބްރޭކް ހުރިހާ މެޗެއްގައި ވެސް ދޭ ގޮތަށް ނިންމުމަށެވެ. އާއްމުކޮށް ހާފެއްގައި މިފަދަ އެއް ބްރޭކް ދިން ނަމަވެސް މިހާރު ވާހަކަ ދައްކަމުން ދަނީ ކޮންމެ ހާފެއްގައި ދެ ބްރޭކް ދިނުމަށެވެ. އެކަމަކު ކުޅުންތެރިންގެ ފަރާތުން ވަކާލާތު ކުރާ ފިފް ޕްރޯއިން އެދެމުންދަނީ މެޗުތައް އަލުން ރީޝެޑިއުލް ކޮށްދިނުމަށެވެ.