ސިއްހަތު

ފުރާވަރު ކުދިންނަށް ޚާއްސަކޮށްގެން އޭދަފުށީގައި ކްލިނިކެއް


ފުރާވަރަކީ ދެ ޖިންސްގެ ކުދިންގެ ހަށިގަނޑަށްވެސް ޖިސްމާނީ އަދި ނަފްސާނީ ވަރަށް ގިނަ ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. މި ބަދަލުތަކަށް އެކުދިން ތައްޔާރުކުރެވިފައި ނުވާނަމަ ކުރިމަގަށް ދިމާވެދާނެ ސިއްޙީ މައްސަލަތަކުން އެކުދިންނަށް ބޮޑު އަސަރެއްކުރުން އެކަށީގެންވެއެވެ. އެހެންކަމުން ސިއްހީ ރަގަޅު އާދަކާދަތައް ބިނާކުރުމަށް ބާރުއަޅާ، އެކުވެރިންނާއި އާއިލާ ދޭތެރޭ އޮންނަ ގުޅުން ރަނގަޅުގޮތުގައި ދެމެހެއްޓުމަށް މިކުދިން ތައްޔާރުކުރެވެންޖެހެއެވެ. މިފަދަ ހިދުމަތެއް ފޯރުކޮށްދެވޭނީ ފުރާވަރު އުމުރުގެ ކުދިންނާއި ގުޅޭ ރައްޓެހި މާހައުލެއް ބިނާ ކުރެވިގެނެވެ. 

ހެލްތް މިނިސްޓްރީ އިން ދަނީ ފުރާވަރުކުދިންނަށް ހާއްސަ ހާއްސަކޮށްގެން ރާއްޖޭގެ އެކި ހިސާބުތަކުގައި އެޑޮލެސެންޓް އެންޑް ޔޫތް ފްރެންޑްލީ ހެލްތް ސަރވިސަސްގެ ނަމުގައި ކްލިނިކްތަކެއް ހުޅުއްވަމުންނެވެ. މިގޮތުން އޭދަފުށީގައި ހުންނަ ބ އަތޮޅު ހޮސްޕިޓަލްގައި އެފަދަ ކްލިނިކެއް ހުޅުއްވުމަށް ބޭއްވެވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމް ވިދާޅުވީ މި ކުލިނިކްގެ އަމާޒަކަށް ވާނީ ފުރާވަރަށް އަރަމުން އަންނަ ކުދިންގެ ސިއްހަތަށާއި އުޅުމަށް އަންނަ ބަދަލުތަކާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީ މުސްތަގުބަލުގައި ރަނގަޅު ސިއްހަތެއްގައި ހުރުމަށް އަށަގަންނުވަންވީ އާދަތަކާއި ގެންގުޅެންވީ އުސޫލުތަކާ ބޭގޮތުން މައުލޫމާތު ފޯރުކޮށްދެއްވުން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ސިއްހީ ހިދުމަތަކީ ކުއްޖާގެ އުމުރުގެ ކޮންމެ މަރުހަލާއެއްގައިވެސް ވަރަށް މުހިންމު ކަމެއް ކަމަށާއި ސަރުކާރުން ސިއްހީ ދާއިރާއަށް ހާއްސަ ސަމާލުކަމެއްދެއްވާ، އައިސްފައިވާ ބައެއް ކުރިއެރުންތައް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗް.ޕީ.އޭ ގެ ސީނިއާ މެޑިކަލް އޮފިސަރ ޑރ. ރަޒާނާ ފާއިޒް ވިދާޅުވީ ފުރާވަރު އުމުރުގައި ސިއްހީ ގޮތުން ކުދިންނަށް ދިމާވާ ކަންކަމުގައި އެކުދިން ފަސްޖެހުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. އަދި އާއިލާގެ ފަރާތުން ސިއްހީ ގޮތުން އެކުދިންނަށް ދޭންޖެހޭ އެއްބާރުލުން އެންމެ ފުރިހަމަ ގޮތުގައިނުލިބޭކަން ފާހަގަކުރެއްވިއެވެ.

ފުރާވަރު އުމުރުކަމަށް ކަނޑައެޅިފައިވަނީ އުމުރުން ދިހަ އަހަރާއި ނަވާރަ އަހަރާއި ދެމެދެވެ. މި ކްލިނިކުން ފުރާވަރުގެ ކުދިންނަށް ދެވޭނެ ހިދުމަތްތަކުގެ ތެރޭގައި މެޑިކަލް ޗެކްއަޕް ހެދުމާއި، ވެކްސިން ދިނުމާއި، ޑޮކްޓަރަށް ދެއްކުމާއި އަދި އެހެނިހެން މައްސަލައެއް އުޅޭނަމަ ސިއްހީ މައުލޫމާތު ދިނުމުގެ އިތުރަށް ކުދިންނަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން އެކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންނަށް ކައުންސެލިން ދިނުން ހިމެނެއެވެ.