ޚަބަރު

ރަޝިޔާއިން ކީވަށް ކުރިން ނުދޭވަރުގެ ވަރުގަދަ ނުރައްކާތެރި ޙަމަލާތަކެއް ދީފި


ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ކުރިން ދީފައި ނުވާ ފަދަ ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެއް ޔޫކްރެއިންގެ ވެރިރަށް ކީވަށް ދީފިއެވެ. ކީވްގެ އިތުރުން ޔޫކްރެއިންގެ ދެކުނުގައި އޮތް އޮދެއްސާއަށް ދީފައިވާ ޙަމަލާތަކުގައި ޢާންމުންގެ ތިން މީހުން މަރުވި ކަމުގައި ޔޫކްރެއިންގެ މަޞްދަރުތަކުން ބުންޏެވެ. އޮދެއްސާއަށް ދީފައިވާ ޙަމަލާތަކުގައި ހަސްފަތާލެއްގައި މާބަނޑު އަންހެނުންނަށް ފަރުވާދޭ ވޯޑެއްގެ އިތުރުން ކީވްގައި ޢާންމުން ދިރިއުޅޭ ގިނަ އަދަދެއްގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައި ރިޕޯޓުތައް ބުނެއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. ޖޫން 10ވަނަ ދުވަހު ގިނަ އަދަދެއްގެ އަސްކަރީ ޑްރޯން ބޭނުން ކޮށްގެން ކީވަށް ދީފައިވާ ޙަމަލާތަކަކީ، ހަނގުރާމައިގައި އެ ރަށަށް އަމާޒުކޮށް ދީފައިވާ އެންމެ ބޮޑު އަދި ވަރުގަދަ ޙަމަލާތަކެވެ. ރަޝިޔާއިން ބުނީ، ކީވަށް ޙަމަލާ ދީފައި ވަނީ ރަޝިޔާގެ އަސްކަރީ ވައިގެ ބަނދަރުތަކަށް އަމާޒުކޮށް ޔޫކްރެއިންގެ ޖާސޫސީ އިދާރާއިން ދާދިފަހުން ދީފައިވާ ޙަމަަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ކަމުގައެވެ.

ކީވަށް ދީފައިވާ ޙަމަލާތަކުގައި ގެއްލުން ލިބިފައިވާ އިމާރާތްތަކުގެ ތެރޭގައި އެކުވެރި ދައުލަތްތައް (އދ)ގެ ސަޤާފަތާއި ތަރިކައާ ބެހޭ އިދާރާ (ޔުނެސްކޯ)ން ރައްކާތެރި ކޮށްފައިވާ އިމާރާތެއް ވެސް ހިމެނެއެވެ. މަންޒަރު ފެނުނު ފަރާތްތަކުން ބުނީ، ރަޝިޔާގެ ނުރައްކާތެރި ޙަމަލާތަކާ އެކު ކީވްގެ އެކި ސަރަޙައްދުތަކުގައި ބޮޑެތި ގޮވުންތަކެއް ގޮވި ކަމުގައެވެ. އަދި، އުޑުމަތި އަލިފާންގަނޑުތަކުގެ އަލިން ދިއްލައިލި ކަމުގައެވެ. ކީވަށް ދިން ޙަމަލާތަކުގައި އެކަކު މަރުވި ކަމުގައި ޔޫކްރެއިނުން ބުނެފައިވާއިރު، އަލިފާންގަނޑުތައް ނިވައިލުމަށް ހެލިކޮޕްޓަރު ފަދަ ވަސީލަތްތައް ބޭނުން ކުރަން ޖެހުނެވެ.

"ސުލްޙައިގެ މަޝްވަރާތަކުގެ އަޑު ފަނޑުކޮށްލައިފި"

"މިއީ ކީވަށް މިހާތަނަށް ދީފައިވާ އެންމެ ބޮޑު ޙަމަލާ،" ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވިއެވެ. "ސުލްޙަވުމަށް ރަޝިޔާއަށް މަޖުބޫރު ކުރުވުމަށް އެމެރިކާއާއި އެހެން ޤައުމުތަކުން ކުރަމުންދާ މަސައްކަތުގެ އަޑުތައް ރަޝިޔާއިން މިސައިލާއި ޝާހިދު (ޑްރޯން) ބޭނުން ކޮށްގެން ދީފައިވާ ޙަމަލާތަކާ އެކު މި ވަނީ ފަނޑު ކޮށްލާފައި،" އޭނާ ވިދާޅުވިއެވެ. ކީވަށް ދީފައިވާ ޙަމަލާތަކުގައި ޒަޚަމުވި ހަތަރު މީހަކަށް ފަރުވާދެމުންދާ ކަމުގައި ވެސް ޔޫކްރެއިނުން ބުންޏެވެ.

އޮދެއްސާގެ ސަރަޙައްދީ ގަވަރުނަރު އޮލެހް ކިޕަރ ވިދާޅުވީ ރަޝިޔާގެ ޑްރޯން ޙަމަލާތަކުގައި ހަސްފަތާލެއްގެ މާބަނޑު މީހުންނަށް ފަރުވާދޭ ވޯޑުގެ އިތުރުން ޢާންމުން ދިރިއުޅޭ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައެވެ. އެ ޙަމަލާތަކުގައި ދެ މީހުން މަރުވި ނަމަވެސް، އެ ހަސްފަތާލުގެ މުވައްޒަފެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެންމެ ހަރުދަނާ މަސައްކަތްތަކެއް ކުރަމުން ދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުންނެވެ. ރަޝިޔާއިން ކީވަށް ނުރައްކާތެރި ޙަމަލާތަކެއް ދީފައިވާއިރު، މަސްރަޙު ވަރަށް ގާތުން މޮނިޓަރު ކުރަމުންދާ ކަމުގައި އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ. "ޔޫކްރެއިންގެ ރަށްތަކަށް މެދުކެނޑުމެއް ނެތި ރަޝިޔާއިން ދެމުންދާ ޙަމަލާތައް ވަގުތުން ހުއްޓުމަކަށް ގެންނަން ޖެހޭ. އެންމެ ފަހުން ދީފައިވާ ޙަމަލާތައް ކުށްވެރިކޮށް، ޙަމަލާތަކުގައި މަރުވި މީހުންނާއި އަސަރު ކުރި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ދަންނަވަން،" އެ ވުޒާރާގެ ތަރުޖަމާނަކު ބުންޏެވެ.

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ހިނގާ އެންމެ ބޮޑު ހަމަނުޖެހުން

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަކީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ވިލާތުގެ ބައްރުގައި ހިނގާ އެންމެ ބޮޑު، އަދި ނުރައްކާތެރި ހަނގުރާމައެވެ. ހަނގުރާމައިގެ ތެރެއިން ޢާންމުން ދިރިއުޅޭ ރަށްތަކާއި ސަރަޙައްދުތަކަށް ގަސްދުގައި ޙަމަލާތައް އަމާޒު ކުރަމުންދާ ކަމުގެ ތުހުމަތުތައް ދެ ޤައުމުން ވެސް ދޮގު ކުރެއެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ، ކީވަށް އެންމެ ފަހުން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އަސްކަރީ މަރުކަޒުތަކާއި އަމާޒުތަކަށް ކަމުގައެވެ. އަދި، އެ ޙަމަލާތަކުގައި ބޭނުން ކޮށްފައި ވަނީ އަމާޒަށް ވާސިލުވުމުގެ ޤާބިލު ކަން ލިބިފައިވާ ޑްރޯން ފަދަ ހަތިޔާރު ކަމުގައެެވެ.

ޔޫކްރެއިންގެ ވައިގެ ސިފައިން ބުނީ، ކީވާއި އޮދެއްސާއަށް ޙަމަލާ ދިނުމަށް ރަޝިޔާއިން 315 އަސްކަރީ ޑްރޯން ބޭނުން ކޮށްފައިވާ ކަމުގައެވެ. އަދި، އޭގެ ތެރެއިން 277 ޑްރޯން ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ. މީގެ އިތުރުން، ކީވަށް ޙަމަލާ ދިނުމަށް ރަޝިޔާއިން ބޭނުން ކުރި ހަތް މިސައިލު ވެސް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައި ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުންޏެވެ. ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރަޝިޔާއިން ދީފައިވާ ޙަމަލާތަކުގައި 1,451 ޑްރޯނާއި 78 މިސައިލް ބޭނުން ކޮށްފައިވާ ކަމުގައި ޔޫކްރެއިންގެ ވައިގެ ސިފައިން ބުންޏެވެ.

ޔޫކްރެއިނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް ރަޝިޔާއިން އެތަކެއް ގުނައަކަށް ފުޅާކޮށްފައި މި ވަނީ، ރަޝިޔާގެ ސައިބީރިޔާ ސަރަޙައްދުގައި އޮތް އަސްކަރީ ވައިގެ ބަނދަރުތަކަށް ޑްރޯން ޙަމަލާތަކެއްދީ، ޔޫކްރެއިނުން ބޮޑެތި ގެއްލުންތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ. ޖޫން 1ވަނަ ދުވަހު ދީފައިވާ ޙަމަލާތަކުގައި ރަޝިޔާގެ ގިނަ އަދަދެއްގެ އަސްކަރީ މަތިންދާބޯޓުތައް ސުންނާފަތި ކޮށްލާފައިވާ ކަމުގައި ޔޫކްރެއިނުން ބުންޏެވެ. ސެޓެލައިޓް ފޮޓޯތަކުން އެ ކަން ވަނީ ކަށަވަރު ކުރެވިފައެވެ. އެ ދުވަހު، ޔޫކްރެއިނުން ވަނީ ރަޝިޔާގެ މައި ބުރިޖަކަށް ވެސް ޙަމަލާ ދީފައެވެ. އެ ޙަމަލާގައި ހަތް މީހުން މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމުވިއެވެ.