ޒަޔަނިސްޓު އިސްރާއީލުގެ ހައްދުފަހަނަ އެޅި ދެ ވަޒީރަކާ ދެކޮޅަށް އިނގިރޭސިވިލާތުން ދަތި ކުރުމުގެ ފިޔަވަޅުތައް އަޅައިފިއެވެ. އެ ޤައުމުން ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައި ވަނީ ޒަޔަނިސްޓުންގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން-ގްވީރާއި ޚާރިޖީ ވަޒީރު ބިޓްޒަލްއެލް ސްމުޓްރިޗާ ދެކޮޅަށެވެ. އެ މީހުންނާ ދެކޮޅަށް އިނގިރޭސިވިލާތުން ފިޔަވަޅު އަޅާފައި ވަނީ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގުމަށް ގޮވައިލައި، ހިތްވަރު ދެމުންދާތީއެވެ.
ބެން-ގްވީރާއި ސްމުޓްރިޗާ ދެކޮޅަށް އިނގިރޭސިވިލާތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެ މީހުންގެ މުދަލާއި ފައިސާ ފްރީޒް ކުރުން ނުވަތަ ހިފެހެއްޓުމާއި، އެ ޤައުމަށް އެތެރެވުން މަނާ ކުރުން ހިމެނެއެވެ. ޔަހޫދީންގެ ގާތް މަދަދުގާރެއްގެ ގޮތުގައި ބެލެވޭ އިނގިރޭސިވިލާތުން އެ ދެ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާއިރު، ކެނެޑާ، އޮސްޓްރޭލިޔާ އަދި ނިއު ޒިލެންޑާއި ނޯވޭން ވެސް ވަނީ އިނގިރޭސިވިލާތާ ގުޅި، އެ ދެ މީހުންނާ ދެކޮޅަށް ފިޔަވަޅުތައް އެޅުމުގައި ބައިވެރިވެފައެވެ.
މި ކަމާ މެދު އެންމެ ފުރަތަމަ ވެސް ކަންބޮޑުވުން ފާޅު ކޮށްފައި ވަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުންނެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވީ، އިނގިރޭސިވިލާތުގެ ފިޔަވަޅުތަކުގެ ސަބަބުން ޣައްޒާ ޢުދުވާން ހުއްޓުވުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް އެއްވެސް ކުރިއެރުމެއް ލިބޭނެ ކަމުގައި ޤަބޫލު ނުކުރައްވާ ކަމުގައެވެ. އަދި، ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމަށް އެހީތެރިވެދޭނެ ކަމުގައި ދެކެވަޑައިނުގަންނަވާ ކަމުގައެވެ.
ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ މުޖާހިދުންގެ ޖަމާޢަތް، ޙަމާސަކީ ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ސިފަ ކުރައްވައި ރޫބިޔޯ ވިދާޅުވީ ބެން-ގްވީރާއި ސްމުޓްރިޗް އެ ޖަމާޢަތުގެ މުޖާހިދުންނާ އެއްހަމަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައެވެ. "ޙަޤީޤީ ދުޝްމިނުންނަކީ ކޮބައިކަން ހަނދާން ނައްތައިނުލުމަށް އަޅުގަނޑުމެންގެ އެކުވެރިންނަށް ގޮވައިލަން،" އޭނާ ވިދާޅުވިއެވެ. ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޤަތުލުޢާންމު ހިންގަމުން ދަނީ އެމެރިކާގެ ފުރިހަމަ ބައިވެރިވުމާއި އެހީތެރިކަމާ އެކުގައެވެ.
ބެން-ގްވީރާއި ސްމުޓްރިޗާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ކަން އިޢުލާނުކޮށް އިނގިރޭސިވިލާތާއި ކެނެޑާއާއި އޮސްޓްރޭލިޔާއާއި ނިއު ޒިލެންޑާއި ނޯވޭން ނެރުނު ގުޅިފައިވާ ބަޔާނުގައި އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޭވިޑް ލާމީ ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތަކަށް އަރައިގަތުމަށް އެ ދެ މީހުން ހައްދުފަހަނަ އެޅި ޔަހޫދީންނަށް ހިތްވަރު ދެމުންދާ ކަމުގައެވެ. އަދި، އެއީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައެވެ. "އެ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާ ސަބަބަކީ އެއީ، އެ މީހުން ޖަވާބުދާރީ ކުރުވުން،" އޭނާ ވިދާޅުވިއެވެ.
ބެން-ގްވީރާއި ސްމުޓްރިޗްގެ މުދަލާއި ފައިސާ ފްރީޒްކޮށް، އިނގިރޭސިވިލާތާއި ކެނެޑާއާއި އޮސްޓްރޭލިޔާއާއި ނިއު ޒިލެންޑާއި ނޯވޭއަށް ދަތުރު ކުރުން މަނާ ކޮށްފައިވާ ކަމުގައި އެ ފަސް ޤައުމުން އަޅާފައިވާ ފިޔަވަޅުތަކުގެ މަޢުލޫމާތު ލިބިފައިވާ މަޞްދަރުތަކުން ބުންޏެވެ. ޒަޔަނިސްޓު އިސްރާއީލުގެ ސަރުކާރުން ވެސް ވަނީ އެ ފަސް ޤައުމުގެ ނިންމުމަށް ފާޑު ކިޔާފައެވެ. އަދި، ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ޚާރިޖީ ވަޒީރު ގިދިއޮން ސާރް ބުނީ، އެ ފަސް ޤައުމުގެ ނިންމުމަށް ރައްދު ދިނުމަށް ޔަހޫދީ ސަރުކާރުން ނިންމާފައިވާ ކަމުގައެވެ. އަދި، ކުރިއަށް އޮތް ހަފުތާގައި އެ ކަމާ މެދު ގޮތެއް ނިންމުމަށް ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމުގައެވެ.
ޔަހޫދީންގެ މަދަދުގާރުންގެ ގޮތުގައި ބެލެވޭ ފަސް ޤައުމަކުން ޔަހޫދީ ދެ ވަޒީރަކާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމާ ދިމާކޮށް އެމެރިކާއިން ވަނީ ފަލަސްޠީނުގެ ޙައްޤުތަކަށް ވަކާލާތު ކުރާ ބައެއް ޖަމުޢިއްޔާތަކާ ދެކޮޅަށް ފިޔަވަޅުތައް އަޅާފައިވާނެ ކަން އިޢުލާނު ކޮށްފައެވެ. އޭގެ ތެރޭގައި ފަލަސްޠީނުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތައް ކަށަވަރު ކޮށްދިނުމަށް ވަކާލާތު ކުރާ ޖަމުޢިއްޔާއަކާއި، ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭ މެދުއިރުމައްޗާއި ވިލާތުގެ ފަސް ޖަމުޢިއްޔާއެއް ހިމެނެއެވެ. އެ ޖަމުޢިއްޔާތަކާ ދެކޮޅަށް ފިޔަވަޅު އަޅާފައި ވަނީ އެ ޖަމުޢިއްޔާތަކުން ޙަމާސަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ތުހުމަތުކޮށެވެ.
ޣައްޒާގެ ފުރަބަންދު އުވައިލައި، އެ ސަހަރުގައި ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ވެސް އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ އިތުރުން ކެނެޑާއިން ދަނީ ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ބާރު އަޅައި، ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރުމަށް ޔަހޫދީން ހުރަސް އަޅާފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. އެއަށްފަހު، ޣައްޒާއަށް އެތެރެ ކޮށްފައި ވަނީ މަދު އަދަދެއްގެ ކާބޯތަކެއްޗެވެ.
މިއީ، ޣައްޒާގެ ރައްޔިތުން ގަސްދުގައި ހައިހޫނުގައި ޖައްސައި، ގިނަ އަދަދެއްގެ ބަޔަކު ބަނޑަށްޖައްސައި ޝަހީދު ކޮށްލުމުގެ ނިޔަތުގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާއެއްގެ ގޮތުގައި އެކުވެރި ދައުލަތްތައް (އދ)ގެ އިދާރާތަކާއި އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ސިފަ ކުރެއެވެ. އެ ކަން ހުއްޓައިލުމަށް ބާރު އަޅައި، ފިއްތުންތައް ކުރިމަތި ކުރުމުގެ ގޮތުން އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ މިނިވަން ވިޔަފާރި ފުޅާ ކުރުމުގެ ދާއިރާއިން ޒަޔަނިސްޓު އިސްރާއީލާ އެކު ކުރަމުން ދިޔަ މަޝްވަރާތައް މެދުކަނޑައިލާފައެވެ. މީގެ އިތުރުން، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ ޔަހޫދީ ޢާންމުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ވެސް އިނގިރޭސިވިލާތުން ވަނީ ނިންމާފައެވެ.
ޣައްޒާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 54,000އަށް އުފުލިފައިވާ ކަމުގައި އެ ސަހަރުގެ ޞިއްޙީ އިދާރާއިން ހާމަކުރިއެވެ. ނަަމަވެސް، ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ، ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށްވުރެ މައްޗަށް އުފުލިފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، އުމޫރުންނެވެ.