ސަރުކާރުން އަމާޒުހިފާފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުގައި 36 ވަދު ކަނދުފަތި އެޅުމަށްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އެ ވުޒާރާގެ މަސައްކަތްތަކާގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
ރާއްޖޭގައި ސްޕޯރޓްސް ފިޝިން ކުރިއެރުވުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ސްޕޯރޓްސް ފިޝިންއަކީ މަސްވެރިކަން އަދި ފަތުރުވެރިކަންވެސް ސިންދަފާތުވެގެންދާނެ ކަމެއްކަމަށެވެ. ސްޕޯރޓްސް ފިޝިންއަށް ވަރަށް ބޮޑު އާބާދީއެއް މުޅި ދުނިޔޭގައިވެސް އެބައޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ރާއްޖޭގައިވެސް މިކަން މިހާރު ވަރަށް މަޤްބޫލު ކަމަކަށް ވެފައިވާކަމަށެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، ސްޕޯރޓްސް ފިޝިންއަކީ ރާއްޖެއަށް އާމްދަނީ ވައްދާނެ ދާއިރާއަކަށް ރައީސް ހައްދަވަން ބޭނުންފުޅުވާތީ ސްޕޯރޓްސް ފިޝިންއަށް ވަކި ސަރަހައްދުތަކެއް ފާހަގަކުރެވިފައިވާކަމަށެވެ. ރާއްޖޭގެ ވަކި ސަރަހައްދުތަކެއް ސްޕޯރޓްސް ފިޝިން ހާބަރުތައް ޤާއިމްކުރުމަށްވެސް މިނިސްޓްރީން މިހާރު ފާހަގަކޮށް ކެބިނެޓްގެ ރުހުންވެސް ލިބިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާރު ކުރަމުންދަނީ ސީދާ އެ ސަރަހައްދުތައް އިއުލާންކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްތައްކަން ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަދު ކަނދުފަތިތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަމާޒަކީ މުޅި ޖުމްލަ 36 ވަދު ކަނދުފަތި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރުންކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ޤާއިމްކުރަނީ ވަދު ކަނދުފަތީގެވެސް ނެޓްވާކެއް މުޅި ރާއްޖޭގައި. މިވަގުތައް އަޅުގަނޑުމެންނަށް ހެދިފައިހުރި ދިރާސާތަކުގެ އަލީގައި މި ފެޑްތައް އަޅުގަނޑުމެން މި އިންސްޓޯލްކުރަމުން މިދަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒު ހިފާފައި މިހުރީ 36 ވަދު ކަނދުފަތި ރާއްޖޭގެ އެކި ސަރަހައްދުގައި އަޅަން. އެއީ މަސް ކަނދުފަތީގެ އިތުރުން. މަސް ކަނދުފަތި ތަންކޮޅެއް ބޭރުގައި މިއަޅަނީ. ވަދު ކަނދުފަތިތައް ތަންކޮޅެއް ކައިރީގައި މިއަޅާނީ." ޝިޔާމް ވިދާޅުވިއެވެ.
ވަދު ކަނދުފައްޗަށް ރާއްޖޭގައި ވަރަށް ބޮޑު ޑިމާންޑެއް އެބަ އޮތްކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ކެޕޭސިޓީ އޮތްގޮތުން މިވަގުތު ޑިމާންޑާއި އެއްވަރަށް މި މަސައްކަތް ކުރުމަށް ދަތިތަކެއް ހުރިކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ. ކަނދުފަތި ސެންޓަރު މިހާރު ހުރީ ހުޅުމާލޭގައި އެކަންޏެވެ. އެހެންކަމުން ސަރުކާރުން ދަނީ ރާއްޖޭގެ 2 ސަރަހައްދެއްގައި ކަނދުފަތި އަޅާ ސެންޓަރު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ށ. ފުނަދޫގައި ކަނދުފަތި ސެންޓަރު އެޅުމަށް މިހާރު ބިންވެސް ހަމަޖެހިފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގައި 2 ބާވަތެއްގެ ކަނދުފަތި ވަނީ އަޅާފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ. ރާއްޖޭގައި މިވަގުތު އަޅާފައިވަނީ ދޮށީގެ މަސްވެރިކަމަށް އަޅާފައިވާ 65 ކަނދުފައްޗާއި ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ 26 ކަނދުފައްޗެވެ.