ބާސެލޯނާއަށް ކުރިމަތިވެފައިވާ މާލީ ހަރުކަށި ކަމަށް ލުއިތަކެއް ލިބޭނެކަމުގެ ފެހި ސިގްނަލް ދީފިއެވެ.
މި ގޮތަށް ހަމަޖެހުނީ ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ، ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ (ޔުއޭފާ)ގެ ރައީސް އެލެގެޒެންޑާ ސެފެރިންއާ ބައްދަލު ކުރުމުންނެވެ.
މި ދެ ބޭފުޅުން ބައްދަލުކުރީ ނޭޝަންސް ލީގުގައި ސްޕޭނާއި ޕޯޗުގަލް ކުޅުނު މެޗަށް ފަހު އެވެ. މި މެޗުގ ބަލަން ލަޕޯޓާ ދަތުރުކުރި މައިގަނޑު ސަބަބަކީ ވެސް ސެފެރިންނާ ބައްދަލުކޮށް މަޝްވަރާ ކުރުމަށެވެ.
އޭނާ ވަނީ ބާސެލޯނާ އަށް ސްޕެނިޝް ލީގުން ހަރުކަށިކޮށްފައިވާ މާލީ ކަންކަމާ މެދު ވެސް ވާހަކަ ދައްކައިފަ އެވެ. މި ގޮތުން އެ ކުލަބުގެ އައު ސްޓޭޑިއަމުން ނިމުމުން މާލީ ގޮތުން ލިބޭނެ ކުރިއެރުންތަކާއި މިހާރުގެ ހާލަތު ވެސް ވަނީ ތަފްސީލުކޮށްދީފަ އެވެ. އަދި ޔޫއޭފާގެ ފައިނޭންޝަލް ފެއާޕްލޭއާ ޖެހިޖެހިގެން ބާސެލޯނާއިން ހިލާފު ނުވާކން ހެއްކާއެކު ލަޕޯޓާ ވަނީ ސެފެރިންނަށް އޮޅު ފިލުވައިދީފަ އެވެ.
ސްޕޭނުގެ މީޑިއާތަކުން ބުނަނީ ވިދިވިދިގެން ދެ ސީޒަނެއްގައި ފައިނޭންޝަލް ފެއާ ޕްލޭއާ ހިލާފުވުމުން ބާސެލޯނާއަށް ދީފައިވާ 60 މިލިއަން ޔޫރީގެ ޖޫރިމަނާ 15 މިލިއަނަށް ކުޑަކޮށްދޭން ޔޫއޭފާއިން ނިންމާފައިވާ ކަމަށެވެ. އަދި މިއާއެކު ސްޕެނިޝް ލީގުން ބާސެލޯނާ އަށް މާލީ ގޮތުން ހަރުކަށިކޮށްފައިވާ ކަންކަމަށް ލުއިތަކެއް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ބޭނުން ކުޅުންތެރިއަކު ގަތުމުގެ ހުއްދަ އާއި މުސާރައިގެ ގޮތުގައި ހަރަދު ކުރެވޭނެ މިންގަނޑުތަކަށް ބަދަލު ގެންނާނެ ކަމަށެވެ. ނަމަވެސް މިއީ ޔޫއޭފާ އާއި ސްޕެނިޝް ލީގުން ތައާރަފް ކުރަން ބޭނުންވާ ކަންކަމަށް ބާސެލޯނާ އެއްބަސްވާ މަތިން ގެންނަ ބަދަލުތަކެކެވެ.