ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށް ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އަލަށް ހަވާލުވެވަޑައިގެންނެވި އިސްމާޢިލް ނަވީން ވިދާޅުވެއްޖެއެވެ.
ސީޕީ ނަވީން މިހެން ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އެ ބޭފުޅާ އައްޔަން ކުރެއްވުމާ ގުޅިގެން އެކި ފަރާތްތަކުން ފޮނުވި ތަހުނިޔާތަކަށް ޝުކުރު އަދާކުރައްވާ ކުރެއްވި ޕޯސްޓެއްގައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވިދާޅުވީ ފުލުހުންގެ ޚިދުމަތް ހިންގުމުގެ ވާޖިބާ ހަވާލުވެވަޑައިގަންނަވާއިރު އެކި ފަރާތްތަކުން ދޭ ހިތްވަރަކީ ވަރަށް މުހިންމު އެއްޗެއް ކަމަށާއި ކޮމިޝަނަރގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ހަރުދަނާކަމާއި ނަޒާހަތްތެރިކަމާއެކުގައި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ނަވީން އައްޔަންކުރައްވާފައިވަނީ އެމަޤާމަށް ކުރިމަތިލެއްވި 3 ބޭފުޅުންގެ ތެރެއިންނެވެ.
އިސްމާޢީލް ނަވީން ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 7 ޖުލައި 1994 ގައެވެ. ފުލުހުންގެ ޚިދުމަތުގައި ހޭދަކުރެއްވި 29 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާތު އެކި ބަހާތަކުގައި ނަވީން ވަނީ މަސައްކަތް ކުރައްވާފައެވެ. އެގޮތުން އޮޕަރޭޝަނަލް ދާއިރާ، ތަހުގީގީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހަތާކުގެ ވެރިއެއްގެ ގޮތުގައި ނަވީން މަސައްކަތް ކުރައްވާފައިވާކަމާށް ފުލުހުން ވިދާޅުވިއެވެ.
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެއްވުމާ ހަމަައަށް ނަވީން ހުންނެވީ ހެޑް އޮފް ކޯޕަރޭޓް ސަރވިސަސް ޑައިރެކްޓްރޭޓްގެ މަގާމުގައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މަޤާމަށް ބޭފުޅަކު އައްޔަންކުރައްވާފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި، ޢަލީ ޝުޖާޢު މިދިޔަ އޭޕްރީލް މަހު އިސްތިއުފާ ދެއްވައި ރިޓަޔަރ ކުރެއްވުމާއި ގުޅިގެންނެވެ.