ޚަބަރު

އުފާވެރި ރާއްޖެ އިންޑެކްސް މިންކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ: ވަޒީރު އާދަމް ޝަރީފް


  • މިހާރު ކުރިއަށްދަނީ އަސާސްތައް ކަނޑައެޅުމުގެ މަސައްކަތް

  • މިމަސައްކަތް 5މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވިދާޅުވި

ދިވެހީންގެ އުފާވެރިކަން މިންކުރުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް ސިޓީތަކާއި އިދާރީ ދައިރާތައް ހިންގުމާއި އަންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ދިވެހިންގެ އުފާވެރިކަމުގެ މިންގަނޑުގެ އަސާސްތައް ކަނޑައެޅުމަށް ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުން ފެއްޓެވުމަށް ފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްތީގަތުމެއްގައެވެ.

ދިވެހީންގެ އުފާވެރިކަމުގެ މިންގަނޑެއް ފުރަތަމަ ފަހަރަށް އެކަށައެޅުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، މި މަސައްކަތަކީ ފަރުދީ ފެންވަރުގައި އަދި ރަށްރަށާއި ޤައުމީ ފެންވަރުގައި އުފާވެރިކަން ވަޒަންކުރެވޭނެ މިންގަނޑުތަކެއް ކަނޑައެޅުމަށް ކުރިއަށް ގެންދާ މަައްކަތެކެވެ.

މިމަސައްކަތުގެ ދަށުން އުފާވެރިކަމުގެ މިންގަނޑުގެ އަސާސްތައް ކަނޑައެޅުމަށް މަސައްކަތް މިހާރު މިވަނީ ފަށާފައެވެ. މި އަސާސްތަކާއި ގުޅޭގޮތުން އެކި ފަރާތްތަކުގެ ޚިޔާލައި މަޝްވަރާ ހޯދުމަށް، މިމަސައްކަތް އިސްވެ ކުރަމުންދާ ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން މިހާރު ވަނީ ފަށާފައެވެ. މިކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލުމާތުދެއްވަމުން ވަޒީރު އާދަމް ޝަރީފު ވިދާޅުވީ، މިހާރު އެކުލަވާލެވޭ އޮނިގަނޑުގައި ދިވެއްސެއްގެ ހައިސިއްޔަތުން ވިސްނާ ހުރިހާ ކަންކަމެއް ހިމެނޭނެ ކަމަށެވެ.

މިއާއެކު މިއަހަރު ނިމުމުގެ ކުރިން އައު އޮނިގަނޑުގެ މަސައްކަތް ނިންމާ، އަންނަ އަހަރު އުފާވެރިކަން މިންކުރުމުގެ މަސައްކަތް ފަށާނެކަމަށް ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މުޅި ރާއްޖެއަށް ފަތުރާލާނީ. އަމާޒަކީ އޮނިގަނޑު ކުރިއަށް އޮތް 4 ނުވަތަ 5 މަސް ދުވަހު ނިންމާލެވޭނެ ކަމަށް. އެހެންވީމަ އިރާދަ ކުރެއްވިއްޔާ އަންނަ އަހަރު ޕައިލެޓް ޕްރޮޖެކްޓް ފައްޓާނަން" ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

ދިވެހިންގެ އުފާވެރިކަމުގެ މިންގަނޑެއް ފުރަތަމަ ފަހަރަށް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާއިރު، ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލްވުމަށް އިޖްތިމާޢީ ގޮތުން ހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންމެވެ. މިމަޝްރޫޢުގެ ދަށުން ބައިނަލްއަޤްވާމީ ގޮތުން އުފާވެރިކަން މިންކުރާ ގޮތްތަކަށް ބަލައި ދިވެހި މުޖްތަމަޢުއާއި ގުޅޭ އުފާވެރިކަމުގެ މިންގަނޑެއް އެކުލަވާލާނެއެވެ. އަލަށް އެކުލަވާލެވޭ މިނގަނޑުގެ އަސާސްތައް ބިނާވެފައިވަނީ ރާއްޖޭގެ އިޤްތިޞާދާށާއި، ސަޤާފަތަށާއި އަދި ދީނީ ކަންމަށް ބަލައި ރިޢާޔަތްކޮށް ކަމަށް ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތާއި ބެހޭ ވުޒާރައިން ވިދާޅުވެއެވެ.

ދިވެހިންގެ އުފާވެރިކަން މިންކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާޙްކޮށްފައިވަނީ މިއަހަރު ފެބްރުއަރީ މަހުއެވެ.