ޚަބަރު

ޝައިޚް ފަރީދުގެ ހަށިކޮޅު މެލޭޝިޔާގައި ފަސްދާނުލާން ނިންމައިފި


  • ޝައިޚް ފަރީދު އަވަހާރަވީ އިއްޔެގެ ވަގުތެއްގައި

  • މެލޭޝިޔާގައި ފަސްދާނުލާން އާއިލާއިން ނިންމީ ޕޯސްޓްމޯޓަމް ހަދަންޖެހޭތީ

ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔާ އަދި ޚިދުމަތްތެރި ދާޢީ ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދުގެ ހަށިގަނޑު މެލޭޝިޔާގައި ފަސްދާނުލާން އާއިލާއިން ނިންމައިފިއެވެ.

ޝައިޚް ފަރީދު އަވަހާރަވީ ދީނީ ދަޢުވަތުގެ މަސައްކަތެއްގައިި އިއްޔެ މެލޭޝިއާއަށް ވަޑައިގެން ކުއަލަލަންޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވަނިކޮށެވެ. ޝައިޚް ފަރީދު އަވަހާރަވުމާގުޅިގެން ހަށިގަނޑު މާލެ ގެނައުމަށް ކުރިން މަސައްކަތް ކުރިނަމަވެސް މެލޭޝިޔާގެ ޤަވާއިދު ބުނާގޮތުން އެ ޤައުމުން ބޭރު ކުރާނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހެއެވެ. ޕޯސްޓްމޯޓަމް ހަދަން އާޢިލާއިން ބޭނުން ނުވާތީވެ ޝައިޚް ފަރީދުގެ ހަށިގަނޑު މެލޭޝިޔާގައި ފަސްދާނުލާން އާއިލާއިން ވަނީ ނިންމާފައެވެ.

ޝައިޚް ފަރީދަކީ ދީނީ ކަންކަމަށް ދިވެހި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްސަކޮށް އިސްލާމްދީނާއި ކީރިތި ރަސޫލާގެ ސުންނަތަށް މީހުން ހޭލުންތެރިކުރުމަށް ތަފާތު ގިނަ ދަރުސްތަކެއް ދެއްވާފައިވާ ބޭފުޅެކެވެ. ޝައިޚް ފަރީދުގެ ދަރުސްތަކާއި ހޭލުންތެރިކުރުމުގެ ހަރަކާތްތަކަކީ އެތައް ބައެއްގެ ސަމާލުކަން ލިބުނު އަދި އެދަރުސްތައް ގިނަ ބަޔަކު އަޑުއަހައި އެއަށް އަމަލުކުރި ދަރުސްތަކެކެވެ.

އަވަހާރަވުމާ ހަމަޔަށްވެސް ޝައިޚް ފަރީދު ދެމިހުންނެވީ އެމަސައްކަތުގައެވެ.

ޝައިޚު ފަރީދު އިސްލާމީ ދަޢުވަތުގެ މައިދާނުން ފާހަގަކުރެވެން ފެށީ ރާއްޖޭގައި ދީނީ ކަންކަމަށް ހޭލުންތެރިކުރުމުގެ ކަންކަން ވަކި މިންވަރެއްގައި ހިފެހެއްޓިފައި އޮތް ދުވަސްވަރެއްގައި ކެރިގެން ނިކުމެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރައްވަން ފެއްޓެވި ހިސާބުންނެވެ. އަދި އޭގެ ސަބަބުން ތަފާތު ހާލަތްތަކުގައި ބަންދުގައިވެސް ހުންނަންޖެހިވަޑައިގެންނެވިއެވެ.

ޝައިޚް ފަރީދު ވަނީ ވޭތުވެދިޔަ އަހަރުތަކުގައި މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކާއި ރާއްޖެއިން ބޭރުގައިވެސް ދީނީ ކަންކަމާއި އިސްލާމީ އުންމަތުގެ ހިމާޔަތުގައި ތަފާތު މަސައްކަތްތަކެއް ކުރައްވާފައެވެ.