ޚަބަރު

ޢީދުހަވީރު 1446: ފޯރިގަދަ ހަރަކާތްތަކަކާއެކު އެތައް ކުދިންނެއްގެ މޫނުމައްޗަށް ހިނިތުންވުން


  • ޖުމްހޫރީ މައިދާން، ހުޅުމާލޭ ސެންޓްރަލް ޕާކު އަދި ފޭސް 2 ގައި މި ހަވީރު ވަނީ ކުރިއަށްގެންގޮސްފައި

  • ގިނަ އަދަދެއްގެ އާއިލާތަކުން ވަނީ ހަވީރަށް ޒިޔާރަތްކޮށް ކުޅިވަރުތަކުގައި ބައިވެރިވެފައި

މާލޭ ސަރަހައްދުގައި ކުރިއަށްގެންދިޔަ "ޢީދުހަވީރު 1446" ހަރަކާތަށް މިވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިގެންގޮސްފައެވެ. މާލެއާއި ހުޅުމާލޭގައި ކުރިއަށްގެންދިޔަ މި ހަވީރަށް ގިނަ އަދަދެއްގެ އާއިލާތަކުން ވަނީ ޒިޔާރަތްކޮށް ކުޅިވަރުތަކުގައި ބައިވެރިވެފައެވެ.

"ޢީދުހަވީރު 1446" އަކީ މިއަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން ޤައުމީ ދިފާޢީ ބާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ. މި ހަރަކާތުގެ ބޭނުމަކީ ޢީދު ބަންދުގައި އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާ، މަޖާ ގޭމުތަކަކާއެކު ތަފާތު ތަޖުރިބާއެއް ކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މި ހަވީރުގެ ތެރެއިން މާލޭ ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭ ސެންޓްރަލް ޕާކާއި ހުޅުމާލޭ ފޭސް 2 ހިޔާ ޕާކު ސަރަޙައްދުގައި ވަނީ ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. މިގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކާއި ހިޔާ ޕާކު ސަރަޙައްދުގައި ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ ސްޓޯލްތައް ވަނީ ބަހައްޓާފައެވެ.

މި ހަވީރުގައި ބައިވެރިވެފައިވާ ކުންފުނިތަކުގެ ތެރޭގައި އެޗްޑީސީ، އެމްއޭސީއެލް، އެމްޓީސީސީ، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ވެމްކޯ، އެމްޕީއެލް، ބީސީސީ އަދި އެސްޓީއޯ ފަދަ ކުންފުނިތައް ހިމެނެއެވެ. އަދި އާކޭޑް ހަބްގެ ޚާއްސަ ގޭމިންގ ސްޓޭޝަނެއްވެސް ސެންޓްރަލް ޕާކުގައި ވަނީ ބަހައްޓާފައެވެ.

ކުންފުނިތަކުގެ ސްޓޯލްތައް އެކި ތީމްތަކަށް ތައްޔާރުކޮށްފައިވާއިރު، އެކި އުމުރުފުރާގެ ކުދިންނާގުޅޭނެހެން އެކި ކުޅިވަރުތައް ވަނީ ބާއްވާފައެވެ. އަދި ކުޑަކުދިން ގަޔާވާނެހެން ޝަޢުގުވެރިވާނެ ފަދަ ތަފާތު ޒަމާނީ ކެރެކްޓަރތަކުގެ ފިއުޝަންތަކާއި، ރާއްޖޭގެ ބައެއް އިހުގެ ކުޅިވަރުތަކާއި ސާޤާފީ ބައެއް ހަރަކާތްތައްވެސް ދައްކާލާފައިވެއެވެ.

ހަމައެހެންމެ ސަލާމަތީ ޚިދުމަތްތަކުން އެކި އެކި އޮޕަރޭޝަންތަކުގައި ބޭނުންކުރާ ޔުނިފޯމާއި، ހަތިޔާރާއި، އެއްގަމާއި ކަނޑުއުޅަނދުފަހަރު ދައްކާލުމަށްޓަކާވެސް ތަފާތު ސްޓޯލްތައް މާލެއާއި ހުޅުމާލޭގައި ކުރިއަށްގެންދިޔަ ހަވީރުގައިވެސް ވަނީ ބަހައްޓާފައެވެ.

ކުޑަކުދިން ވަރަށް ގަޔާވާނެ ގޮތަކަށް ސްޓޯލްތައް ހުރިއިރު މި ހަރަކާތްތައް ވަރަށް މަޖާ ކަމަށް ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި ބައެއް ކުދިން ވަނީ ބުނެފައެވެ.

"ވަރަށް މަޖާ.. ބައުސިން ގޭމްއާއި ފަޔަރ ޓްރަކަށް އަދި އަރާލަން ބޭނުން.. ވަރަށް މަޖާ އެގޭމް.." ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި ކުއްޖަކު ބުންޏެވެ.

ޤައުމީ ދިފާޢީ ބާރާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ކުރިއަށްގެންދާ "ޢީދުހަވީރު 1446" މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.