ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ އަބުރު ރައްކާތެރި ކުރުމާބެހޭ ބިލުގައިހުރި ބައެއް މާއްދާތަކުގެ ސަބަބުން މިނިވަންކަމާއެކު ނޫސްވެރިކަން ކުރުމުގެ ޙައްޤަށް ބުރޫއަރާކަމަށް ބުނެ މީޑިއާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިއަދު މީޑިއާ ކައުންސިލްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މީޑިއާ ކައުންސިލްގެ ރައީސް މުޙައްމަދު އާސިފް ވިދާޅުވީ އަބުރު ރައްކާތެރި ކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލުގައި އަބުރު ރައްކާތެރިކުރުމަކީ ޖިނާއީ ދައުވާ ކުރެވިދާނެ މައްސަލައެއްގެ ގޮތުގައި އޮތުމުން އެކަމާއި ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ.މީގެ އިތުރުން އަބުރާ ބެހުމުގެ މައްސަލަތަކުގައި 2 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވިދާނެކަމަށް އޮތް އޮތުމާމެދު އެކަންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މީޑިއާ ކައުންސިލްގެ ރައީސް ވިދާޅުވީ އަބުރާ ބެހުމުގެ މައްސަލަތަކުގައި ޖިނާއީ ދައުވާ ކުރެވޭގޮތަށް ބިލްގައި އޮތް އޮތުން މަދަނީ ދައުވާ ކުރެވޭގޮތަށް ބަދަލުކުރެއްވުމަށާއި، ޖޫރިމަނާގެ އަދަދު ސިވިލް ސަރވެންޓެއްގެ އެއްއަހަރުގެ އެވަރެޖް މުސާރައަށްވުރެ ބޮޑު ނުވާވަރަށް ކުޑަކުރެއްވުމަށް ހުށައަޅުއްވާނެކަމަށެވެ.
މީޑިއާ ކައުންސިލުން ވިދާޅުވީ މިޤާނޫނުގައިވާ ކަންކަމާގުޅިގެން މީޑިއާގެ އެކިފަރާތްތަކުގެ ކަނބޮޑުވުންތައް އެކައުންސިލަށް ހުށައެޅެމުންދާކަމަށެވެ. އެ ކަންބޮޑުވުންތައް ކަމާބެހޭ ފަރާތްތަކާ ޙިއްޞާ ކުރެއްވުމުގެ މަސައްކަތް ކުރައްވަމުންދާކަމަށްވެސް މީޑިއާ ކައުންސިލްގެ ރައީސް މުޙައްމަދު އާޞިފް ވިދާޅުވިއެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ، ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ނައިބު ލީޑަރ ރިޔާޒް ރަޝީދު ވިދާޅުވީ އަބުރު ރައްކާތެރި ކުރުމާއި ޚިޔާލުފާޅުކުރުމާބެހޭ މިނިވަންކަމުގެ ޤާނޫނާ މެދު މީޑިއާތަކުގެ ކަންބޮޑުވުންތައް ހުރިކަން ޕާލިމެންޓްރީ ގްރޫޕަށް އެނގިވަޑައިގެންފައިވާކަމަށާއި، މި ބިލަށް ބަދަލެއް ނުގެނެސް ހުށައެޅިފައިވާ ގޮތަށް ފާސްކުރެއްވުމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުން ނިންމަވާފައި ނުވާކަމަށެވެ.
ކޮމިޓީ މަރުހަލާގައި ކޮމިޓީން ކަނޑައަޅުއްވާ ގޮތެއްގެ މަތިން ބިލަށް އިސްލާޙް ހުށައެޅުއްވުމުގެ ފުރުޞަތު ގެއްލިފައި ނުވާކަން ރ ފާހަގަކުރެއްވިއެވެ. އަދި މި ބިލާމެދު ކަންބޮޑުވާ ފަރާތްތަކުގެ ކަންބޮޑުވުންތައް ހުށައެޅުމަށް ޢާންމުކޮށް ކޮމިޓީތަކުން ޢަމަލުކުރާ އުސޫލުން ޖާގަ ދެއްވާނެކަމަށް ޤަބޫލުކުރައްވާކަމަށް ރިޔާޒް ވިދާޅުވިއެވެ.
މިބިލަކީ ޤާނޫނުއަސާސީން ކޮންމެ ފަރުދަކަށްވެސް ލިބިދޭ އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ލިބިދެއްވުމަށް މުހިންމު ބިލެއްކަމަށާއި، މިބިލް އިސްލާޙްތަކާ އެކުވިޔަސް ނުވަތަ އިސްލާހަކާ ނުލާވިޔަސް މަޖިލީހުން ފާސްކުރެއްވުން މުހިންމުކަމަށް ޕާލިމެންޓަރީ ގްރޫޕުން ޤަބޫލުކުރައްވާކަމަށް ރިޔާޒް ވިދާޅުވިއެވެ.
އަބުރުރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާބެހޭ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާޢޫދެވެ. މިއީ މިފަދަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ދެވަނަ ފަހަރެވެ. ކުރިން މިފަދަ ބިލެއް ހުށައަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ހުސެއިން މަނިކެވެ.