ޚަބަރު

މާފުށީ ޖަލުގައި 25 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުންދިޔަ 45 އަހަރު މީހަކު މަރުވެއްޖެ


  • މަރުވެފައިވަނީ ނ. މާފަރު / ހިތްފަސޭހަގެ، މޫސާ ޙަސަން

  • އޭނާ ނިޔާވެފައިވަނީ ބުދަ ދުވަހު މެންދަމު ވަގުތެއްގައި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމް ތަންފީޒުކުރަމުންދިޔަ 45 އަހަރު ފިރިހެނަކު މަރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވީ، މަރުވެފައިވަނީ މާފުށީ ޖަލުގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ނ. މާފަރު / ހިތްފަސޭހަގެ، މޫސާ ޙަސަން ކަމަށެވެ.

މަސްތުވާތަކެތީ މައްސަލައެއްގައި ހުކުމް ތަންފީޒު ކުރަމުންދިޔަ، މޫސަ ޙަސަންއަކީ މިދިޔަ އޭޕްރިލް މަހު އެމަޖަންސީ ޙާލަތުގައި މާލޭ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް، ފަރުވާ ދޭން ފެށި މީހެއް ކަމަށް ކަރެކްޝަންސް އިން ވިދާޅުވެއެވެ. މޫސާ ޙަސަން މަރުވެފައިވަނީ ބުދަ ދުވަހު މެންދަމު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ހިތް ހުއްޓިގެން ކަމަށް ކަރެކްޝަންސްއިން ވިދާޅުވެއެވެ.

މޫސާ ޙަސަން މަރުވުމާ ގުޅިގެން ކަރެކްޝަންއިންސްއިން ވަނީ ވަގުތުން އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައެވެ.