އދ ގެ އާންމު މަޖިލީހުގެ ނައިބު ރައީސަކަށް އިންތިޚާބުވުމަކީ ބައިނަލްއަގުވާމީ މަޝްރަހުގައި ރާއްޖޭގެ ބަސްވިކޭކަން ސާބިތުވެގެންދާ ކަމެއް ކަމުގައި، ޚާރިޖީ ވުޒާރާގެ ސެކްރެޓަރީ މަލްޓިލެޓަރަލް، އެމްބެސެޑަރ އަޙްމަދު ޝިއާން ވިދާޅުވެއްޖެއެވެ.
ޝިއާން މިހެން ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ޚާރިޖީ ވުޒާރާގެ ސެކްރެޓަރީ މަލްޓިލެޓަރަލް، އެމްބެސެޑަރ ޝިއާން ވިދާޅުވީ އދ ގެ 80ވަނަ އާންމު މަޖިލީހުގެ ނައިބު ރައީސްކަން ރާއްޖެއަށް ލިބިގެންދިއުމުން އެއިން ދައްކުވައިދެނީ ދުނިޔޭގެ އެހެން ޤައުމުތަކުންވެސް ރާއްޖެ ބަލައިގަންނަ މިންވަރުކަމަށެވެ. އާންމު މަޖިލީހުގެ ރައީސް ހާޒިރުވެވަޑައިނުގަންނަވާ ހާލަތެއްގައި ރިޔާސަތު ބެލެހެއްޓެވުމާއި އެކި ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުވުމުގެ ޒިންމާ ނައިބު ރައީސުން ނަންގަވަންޖެހޭނެ ކަމަށާއި އޭޝިއާ ޕެސިފިކް ސަރަހައްދުން ރާއްޖެ އިންތިޚާބު ވެގެންދިއުމަކީ ބައިނަލްއަގުވާމީ މަޝްރަހުގައި ރާއްޖެއަށް ލީޑުކޮށްގެން ކަންކަން ކުރެވޭނެކަން ސާބިތުކޮށްދޭނެ ކަމެއް ކަމަށްވެސް ޝިއާން ވިދާޅުވިއެވެ.
އާންމު މަޖިލީހުގެ އިތުރުންވެސް އދ ގެ އެކި އިންތިޚާބީ ގުނަންތަކަށްވެސް ރާއްޖެ އިންތިޚާބުވެފައިވާކަން ފާހަގަކުރައްވައި ޝިއާން ވިދާޅުވީ އެއިންތިޚާބުތައް ރާއްޖެއަށް ކާމިޔާބު ކުރެވެނީ އެކި ދާއިރާތަކުން ރާއްޖޭން ކުރަމުން އަންނަ މަސައްކަތްތައް އެހެން ޤައުމުތަކުން ބަލައިގަނެ، އޭގެ ތަޖުރިބާގައި ރާއްޖެއަށް ލީޑުކުރެވޭނެކަން އެހެން ޤައުމުތަކުން ގަބޫލުކުރާތީ ކަމަށެވެ.
"އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ ތެރެއިން ސްޓޭޓަސް އިފް ވިމެންގެ މެންބަރަކަށްވެސް ރާއްޖެ ވަނީ އިންތިޚާބު ވެފައި. އެއިންވެސް ދައްކުވައިދެނީ މިންތީގެ ހަމަހަމަކަމުގެމައްޗަށް ރައީސް ޑރ. މުޢިއްޒު ދެއްވާ އިސްކަން. އަދި ދުނިޔޭންވެސް އަޅުގަނޑުމެން މިކުރާ މަސައްކަތްތަކާއި އަޅުގަނޑުމެންގެ ތަޖުރިބާއާއި މީގަ އަޅުގަނޑުމެންނަށް ލީޑު ކުރެވޭނެކަން،" ޚާރިޖީ ވުޒާރާގެ ސެކްރެޓަރީ މަލްޓިލެޓަރަލް، އެމްބެސެޑަރ އަޙްމަދު ޝިއާން ވިދާޅުވިއެވެ.
ޝިއާން ވިދާޅުވީ ޔުނެސްކެޕްގެ އޭޝިއާ ޕެސިފިކްގެ އިންސްޓިޓިއުޓް ފޯ ޑިޒަރސްޓަރ މެނޭޖްމަންޓްގެ މެންބަރަކަށްވެސް ރާއްޖެ އިންތިޚާބުވެފައިވާ ކަމަށެވެ. އެއިން ދައްކުވައިދެނީ ރާއްޖެ ބައިނަލްއަގުވާމީ މަޝްރަހުގައި އެހެން ޤައުމުތަކާއެކު އެއްހަމަކޮށްގެން ކަންކަން ކުރަމުންދިއުން ކަމަށެވެ. ރާއްޖޭގެ ވަސީލަތްތަކާއި މައުލޫމާތު އަދި ތަޖުރިބާގެ އަލީގައި ބައިނަލްއަގުވާމީ މަޝްރަހުގައި ރާއްޖެއަށް ކަންކަން ކޮށްދެވިދާނެކަން މި އިންތިޚާބުތަކުންވެސް ހާމަވާކަމަށް އޭނާ ވިދާޅުވިއެވެ.
އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސް ކަމުގެ އިންތިޚާބީ ގޮނޑިއެއް ދިވެހިރާއްޖެއިން ކާމިޔާބު ކުރެއްވުމާއި ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، މިއަހަރުގެ ސެޕްޓެމްބަރު މަހު ފެށޭ އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް ދިވެހިރާއްޖެއިން ޤައުމުތަކާއި ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އދ. މެންބަރު ޤައުމަކަށް ވިތާ މިއަހަރަށް 60 އަހަރު ފުރޭއިރު، ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ޤާއިމުކޮށްފައިވާ މިނިޒާމު ވަރުގަދަކުރުމަށް ދިވެހިރާއްޖެއިން މެދުކެނޑުމެއް ނެތި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އޭޝިއާ ޕެސިފިކް ސަރަހައްދުން ދިވެހިރާއްޖެ ހިމެނޭހެން 5 ނައިބު ރައީސުން އިންތިޚާބު ކޮށްފައިވެއެވެ. ރާއްޖޭގެ އިތުރުން ދެން މި މަޤާމަށް އިންތިޚާބު ވެފައިވަނީ ބަންގްލަދޭޝް، ލުބުނާން، ސަޢުދި އަރަބިޔާ އާއި، ޓިމޯރ-ލެސްޓްއެވެ.