ކުޅިވަރު

ޓީމެއްގެ ގޮތުގައި ކުޅެގެން އަދިވެސް މޯލްޑިވިއަން ބަލިކުރެވޭނެ


ޓީމެއްގެ ގޮތުގައި ކުޅެފިނަމަ އަދިވެސް މޯލްޑިވިއަން ބަލިކޮށްލެވިދާނެކަމަށް ޕޮލިސް ކުލަބް ގެ ކޯޗް މަޢުމޫރު މުހައްމަދު ބުނެފިއެވެ. ސަލްސާ އެސޯސިއޭޝަން ކަޕްގައި ޕޮލިސް ކުލަބާ މޯލްޑިވިއަން ވާދަކުރާ މެޗްގެ ކުރިން ޕީއެސްއެމްއާ ވާހަކަދައްކަމުން މަޢުމޫރުބުނީ ޕޮލިސް ކުލަބްގެ ތަފާތަކީ ޓީމެއްގެ ގޮތުގައި ކުޅުންކަމަށެވެ. 



މިމުބާރާތުގެ ގުރޫޕް ސެޓޭޖް ފަހު މެޗްގައި މޯލްޑިވިއަންއާ ޕޮލިސް ކުލަބް ވާދަކުރި މެޗް ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައިވަނީ ޕޮލިސް ކުލަބެވެ. ކޯޗް މަޢުމޫރުބުނީ ލީގް މެޗާ ފައިނަލް މެޗްއާ ތަފާތުވާނެކަމަށެވެ. ކުރިން މޯލްޑިވިއަން ބަލިކުރެވުނަސް ފައިނަލް މެޗް ތަފާތުވާނެކަމަށާ ޕޮލިސް ކުލަބް ނިކުންނާނީ މޯލްޑިވިއަންއަކީވެސް ވަރުގަދަ ޓީމެއްގެ ގޮތުގައި ދެކިގެންކަމަށް ޕޮލިސް ކުލަބްގެ ކޯޗް މަޢުމޫރު މުހައްމަދު ބުންޏެވެ.

 "މޯލްޑިވިއަންގައިވެސް ހުނަރުގެ ގޮތުން މޮޅު އަދި ގައުމީ ޓީމްގެ ކުޅުންތެރިންވެސް އެބަތިބި، ނަމަވެސް ޕޮލިސް ކުލަބްގެ ކުޅުންތެރިން ވަކިވަކި ކުޅުންތެރިންނަށް ވުރެއް ބޮޑަށް ކުޅެނީ ޓީމެއް ގޮތުގައި. ފައިނަލް މެޗްގައި ޕޮލިސް ކުލަބްގެ ފަތާތުން ތަފާތު މޮޅު ކުޅުމެއް ފެންނާނެ، ލީގް މެޗްގައި ހެދުނު ގޯސްތަށް ރަނގަޅުކޮށް، ފަހު ޕްރެކްޓިސްތަށްވެސް ކުރިއަށް ގެންދިޔައީ ސީދާ މޯލްޑިވިއަންއަށް ބޭސްކޮށްގެން" މުއައްމަރު ބުންޏެވެ.

img:http://s4.psmnews.mv/images/660x400/14693002226531.jpg|

ގައުމީ ޓީމް އަދި ޕޮލިސް ކުލަބްގެވެސް އެންމެ މުހިންމު އެއް ކުޅުންތެރިޔާ ހައްވާ ރާޝިދާބުނީ ފައިނަލް މެޗަށް ހުރިހާ ކުޅުންތެރިންވެސް ތައްޔާރުކަމަށެވެ. މޯލްޑިވިއަން ޓީމަށް ނުވިސްނާ ޕޮލިސް ނިކުންނާނީ ޓީމެއްގެ ގޮތުގައި ކުޅެގެން މޮޅުވުމުގެ އަޒުމްގައިކަމަށް ހައްވަބުންޏެވެ.

" ޕޮލިސްގެ ޓީމް ވޯކްހަމަ ރަނގަޅީ، ލީގް މެޗްގައި މޯލްޑިވިއަން އަތުން އަސްލުގަ މޮޅުވީ، އެމެޗްގައި އެމީހަކު ކުރަންވާކަމެއް ނުވަތަ އެމީހަކާ ހަވާލްކޮށްފައި އޮތް ޓާސްކް އެދުވަހު އެންމެ ރަނގަޅަށް ކުރީމަ އަސްލު މޮޅުވީ. މޯލްޑިވިއަން އެދުވަހު އެމީހުންގެ އެންމެ ބެސްޓްދިން، ނަމަވެސް އެއަށް ވުރެއް ރަނގަޅަށް ޕޮލިސް ކުޅުނީމަ، ޕޮލިސް ސީދާ ތިން ސެޓުން މޮޅުވީ" ހައްވަބުންޏެވެ.



މޯލްޑިވިއަން ޓީމްގެ ކޯޗް ސޮއްފާން އަހުމަދުބުނީ ލީގް މެޗްގައި ޕޮލިސް ޓީމްއަތުން ބަލިވިކަމަށްވީނަމަވެސް އެއީ މާބޮޑު މައްސަލައެއްނޫންކަމަށެވެ. އަދި އެމެޗްގައި މޯލްޑވިއަން ޓީމް ނިކުތީ މޮޅުވުމުގެ އަޒުމަށް ވުރެއް ބޮޑަށް ރަނގަޅު ފައިޓެއް ދޭންކަމަށް ސޮއްފާންބުންޏެވެ. ހާއްސަކޮށް މިހާރު ޓީމް ފައިނަލް މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާކަމަށާ ޕޮލިސް ކުލަބްގައި ހިމެނޭ ގައުމީ ޓީމްގެ ގިނަ ކުޅުންތެރިންނާ ދެކޮޅަށް ނިކުންނާނީ ވަރަށް ވިސްނައިގެންކަމަށްވެސް މޯލްޑިވިއަން ޓީމްގެ ކޯޗް ސޮއްފާންބުންޏެވެ.

" ފައިނަލް މެޗަށް ނިކުންނާނީ ވަރަށް ފުހިހަމައަށް ތައްޔާރުވެގެން. އަޅުގަނޑުމެން މިބައްދަލުކުރަނީ ޕޮލިސް ޓީމާ، އެޓީމަކީ އެކުގައި ކުޅެ، ރަނގަޅު ކޯޗިން ސްޓާފުންނާއެކު ފަރިތަކުރާ ޓީމެއް. އޭގެ އިތުރަށް ޕޮލިސް ޓީމްގައި މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު ސެޓަރު، އެންމެ ރަނގަޅު އައުޓް ސައިޑް އެޓޭކާ، އެންމެ މޯޅު ބުލޮކާރ އަދި އެންމެ މޮޅު ތަޖްރިބާ ކާރު ލިބަރޯވެސް އެބަހުރި. އަޅުގަނޑުމެން ނިކުންނާނީ އަޅުގަނޑު ޓީމް (މޯލްޑވިއަން)ގައި ތިބި ކުޅުންތެރިންނާއެކު ފައިނަލް މެޗް ކާމިޔާބުކޮށް ތަށި ހޯދަން" ސޮއްފާނުބުންޏެވެ.

img:http://s2.psmnews.mv/images/660x400/14693002546946.jpg|

މޯލްޑިވިއަން ޓީމްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އައިޝަތު މާޖިދާބުނީ ލީގް މެޗްގައި ބަލިވީ ބައެއް ކަހަލަ މިސްޓޭކްސްތަށް ހެދިގެންކަމަށާއި، އެމެޗްގައި މާރަނގަޅު ކުޅުމެއްވެސް މޯލްޑިވިއަން ޓީމަށް ދެއްކިފައިނުވާކަމަށެވެ. ފައިނަލް މެޗް މުޅިން ތަފާތުވާނެ ކަމާށާއި، ކޮންމެ ޓީމްއަކަށްވެސް މޮޅުވުމުގެ ފުރުސަތު އޮތުމުން އޭގެ ބޭނުން ހިފައިގެން ފައިނަލް މެޗް ކާމިޔާބުކުރަން ތައްޔާރަށް ތިބިކަމަށް މާޖިދާބުންޏެވެ.

" ލީގް މެޗްގައި ބަލިވުމުގެ އެއްވެސް އަސަރެއް ޓީމްގެ ކުޅުންތެރިންގެ ކިބައިން ނުފެންނާނެ، ކުޅުންތެރިން ތިބީ މޮޅުވުމުގެ އަޒުމްގަ. ފައިނަލް މެޗަށް ކުޅުންތެރިން ވަރަށް ފުރިހަމައަށް މިހާރުވަނީ ތައްޔާރުވެފަ، ޕޮލިސް ކުލަބަކީ ބަލި ނުކުރެވޭ ވަރުގެ ޓީމެއްނޫން" މާޖިދާ ބުންޏެވެ.

img:http://s1.psmnews.mv/images/660x400/14693002418332.jpg|

މިމެޗް ޔެސް ޓީވީއިން ވަގުތުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ. 24ވަނަ ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި ކުޅުމަށް ހަމަޖެހިފައިވާ މެޗް ފެށުމަށް ހަމަޖެހިފައިވަނީ ނުވައެއް ޖަހާއިރުއެވެ.