ތަރައްްޤީ

ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް ފަށަނީ


މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން ސަރުކާރުންނާއި އެކިއެކި ޖަމާޢަތްތަކުން އިންތިޒާމުކުރާ ޙަރަކާތްތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ޚާއްސަ އޮޕަރޭޝަނެއް ފެށުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނިންމަވައިފިއެވެ. 

މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވީ މިއޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށްކަމަށެވެ. 

ފުލުހުން ހިންގާ ޙާއްސަ އޮޕަރޭޝަނާއި ގުޅޭ ބްރީފިންނެއް އިއްޔެ އިސްކަންދަރުކޮށީގައި ބާއްވާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މިބައްދަލުވުމުގައި މިނިވަން ދުވަހުގެ އޮޕަރޭޝަންގައި ފުލުހުންގެ އެކި ގުނަންތަކުން އަދާކުރަން ހަމަޖެހިފައިވާ ދައުރު އޮޅުންފިލުވައި ދެއްވައި އެކިއެކި ޙަރަކާތްތަކާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަން ޤާއިމް ކުރުމުގައި ފުލުހުން ޙަރަކާތްތެރިވާނެ ގޮތުގެ ތަފްޞީލް ވަނީ ދެއްވާފައެވެ. އަދި ޚާއްޞަ ގޮތެއްގައި މިނިވަންދުވަހުގެ ޙަރަކާތްތަކުގެ ތެރެއިން ރައްޔިތުންގެ ގިނަބަޔަކު ބައިވެރިވާ މިނިވަންދުވަހުގެ ކުޅިވަރުތަކާއި، ދިދަ ނެގުމުގެ ރަސްމިއްޔާތާއި، ފުޅަނދުބުރާއި މިއުޒިކްޝޯ ހިނގަމުންދާ ވަގުތުތަކުގައި ރައްޔިތުންގެ ރައްކާތެރިކަން އިތުރުކޮށް މަގުމަތީގެ ތަރީބު ދަމަހައްޓައި ރައްޔިތުންނަށް ވީހާވެސް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ހަމަޖައްސާފައިވާ އިންތިޒާމުތަކާ ގުޅިގެން ސަމާލުކަން ދޭންވީ ކަންތައްތައް ވަނީ މިބައްދަލުވުމުގައި އޮޅުންފިލުވައި ދެއްވާފައެވެ. 

ހަމަ އެއާއެކު މިދުވަސްތަކުގައި ރަށުތެރެ ހަލަބޮލިވުން ކުޑަކޮށް ކުށުގެ ނުރައްކާތެރިކަން ނައްތާލައި ރައްޔިތުންނަށް މިނިވަން އަދި ރައްކާތެރި މާޙައުލެއް ދަމަހައްޓައި ދިނުމަށްޓަކައި ފުލުހުން މަސައްކަތްކުރައްވާނެއެވެ.