ދުނިޔެ

ސިފައިންގެ އޮނިގަނޑު މުޅިން ބަދަލުކޮށްލާނަން- އުރުދުޣާން


ތުރުކީވިލާތުގެ ވެރިކަން ބަދަލުކޮށްލުމަށް ގެންނަން މަސައްކަތްކުރި ނާކާމިޔާބު އިންޤިލާބާ ގުޅިގެން އެޤައުމުގެ ސިފައިންގެ މުއައްސަސާގެ އޮނިގަނޑު މުޅިން ބަދަލުކޮށްލާނެ ކަމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ. 

ރޮއިޓާސް އަށް ދެއްވި ބަސްދީގަތުމެއްގައި އުރުދުޣާން ވިދާޅުވީ މުސްތަޤްބަލުގައި އިންޤިލާބުތަކުން ތުރުކީވިލާތުގެ ވެރިކަމުގެ ނިޒާމު ސަލާމަތްކޮށް ޑިމޮކްރަސީ ޙިމާޔަތް ކުރެވޭނީ ސިފައިންގެ މުއައްސަސާގެ އޮނިގަނޑު ބަދަލުކޮށް އައު ޒުވާނުން ސިފައިންގެ ތެރެއަށް ވައްދައިގެންކަމަށެވެ. އުރުދުޣާން ވިދާޅުވީ ތުރުކީވިލާތަށް ގެންނަން އުޅުނީ ފުޅާދާއިރާއެއްގެ ބޮޑު އިންގިލާބެއްކަމަށާ އެއިންގިލާބު ކާމިޔާބުވިނަމަ އޭނާއާއި ތުރުކީވިލާތުގެ އެހެނިހެން ސިޔާސީ ލީޑަރުންގެ ތެރެއިން ބަޔަކު މަރައި އަނެއްބަޔަކު އުމުރަށް ޖަލަށްލާނެ ކަމަށެވެ. އަދި އިންގިލާބު ކާމިޔާބުވިނަމަ ތުރުކީވިލާތުގައި މިހާރު މިއޮތް ޑިމޮކްރެޓިކް ނިޒާމުވެސް ނައްތާލައި ތުރުކީވިލާތުގެ އިޤްތިސާދު ހަލާކުކޮށް ރައްޔިތުން އުޅެމުންދާ ތަނަވަސް ދިރިއުޅުމުން އެމީހުން މަހްރޫމް ވެގެންދާނެކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/14692574221552.jpg|ތުރުކީ ވިލާތުގެ ރައީސް އުރުދުޣާން

އުރުދުޣާން އިތުރަށް ވިދާޅުވީ އިންގިލާބު ނާކާމިޔާބުވިނަމަވެސް ތުރުކީވިލާތުގެ މަސްރަހުން އިންގިލާބުތަކުގެ ބިރުވެރިކަން ކުޑަވެގެން ނުދާކަމަށާ އިންގިލާބުތައް ގެނަސް ވެރިކަން ފޮރޮޅާލާނެކަމުގެ ބިރު އަދިވެސް އެބައޮތްކަމަށެވެ. މިބިރު އެއްކޮށް ނައްތާލައި އިންގިލާބީ ވިސްނުން ފުހެލުމަށްޓަކައި އަމިއްލަ އެދުން ނެތް، ގައުމަށް ވަފާތެރި މީހުން ސިފައިންގެ ތެރެއަށް ވައްދައި ސިފައިންގެ މުއައްސަސާތަކުގެ އޮނިގަނޑު އެއްކޮށް ބަދަލުކޮށްލަންޖެހޭ ކަމަށާ އެކަން ކުރައްވާނެ ކަމަށް އުރުދުޣާން ވިދާޅުވިއެވެ. 

ތުރުކީވިލާތަކީ އަސްކަރީ އިންގިލާބުތައް ގެނެސްގެން ވެރިކަން ބަދަލުކޮށްލުމުގެ ދިގު ތާރީޚެއް އޮތް ގައުމެކެވެ. ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު ތުރުކީވިލާތް ޖުމްހޫރިއްޔާއަކަށް ބަދަލުވިފަހުން އެޤައުމަށް އަސްކަރީ އިންގިލާބެއް ގެނަސްގެން އެންމެ ފުރަތަމަ ވެރިކަން ފޮރޮޅާލީ ނަވާރަސަތޭކަ ފަސްދޮޅަސްވަނަ އަހަރުގެ މޭ މަހުގެ ހަތާވީސްވަނަ ދުވަހުއެވެ. ސިފައިންގެ އިސްވެރިން ގެންނެވި މިއިންގިލާބުގައި ތުރުކީވިލާތުގެ އޭރުގެ ބޮޑުވަޒީރު އަދްނާން މެންޑަރީސް މަގާމުން ދުރުކޮށް އޭނާއަށް މަރުގެ އަދަބު ދީފައިވެއެވެ. އެއަށްފަހު ނަވާރަސަތޭކަ ހަތްދިހަ އެއްވަނަ އަހަރުވެސް ސިފައިންގެ ބާރުގައި އޭރުގެ ތުރުކީގެ ބޮޑުވަޒީރު ސުލައިމާން ޑެމިރެލް އިސްތިއުފާ ދެއްވުމަށް މަޖްބޫރުކޮށް ވެރިކަން ބަދަލުކޮށްލާފައިވެއެވެ. އެއަށްފަހު ނަވާރަސަތޭކަ އަށްޑިހަވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ބާރަ ދުވަހު ތުރުކީ ސިފައިންގެ އޭރުގެ ވެރިޔާ ޖެނެރަލް ކަންއާން އެވްރިވް އިސްކޮށް ހުންނަވައިގެން ތުރުކީވިލާތުގެ ސިފައިން އެގައުމަށް އަސްކަރީ އިންގިލާބެއް ގެނަސް އެގައުމުގެ ވެރިކަމަށް އަތްގަދަކޮށްފައިވެއެވެ. އެއަށްފަހު ނަވާރަސަތޭކަ ނުވަދިހަ ހަތްވަނަ އަހަރުވެސް ސިފައިންގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން އޭރުގެ ތުރުކީވިލާތުގެ ބޮޑުވަޒީރު ނަޖްމުއްދީން އަރްބަކާންގެ ވެރިކަން ބަދަލުކޮށްލާފައިވެއެވެ. 

img:http://s4.psmnews.mv/images/660x400/14692576545593.jpg|ތުރުކީއަށް ގެންނަން އުޅުނު ބަޣާވާތަށްފަހު އެޤައުމުގެ ރައީސަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ބޭއްވި އެއްވުމެއްގެ ތެރެއިން

ތުރުކީ ސިފައިންނަކީ އަސްކަރީ އިންގިލާބުތައް ގެނަސްގެންނާއި އެނޫންވެސް ގޮތްގޮތުން ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނަމުންދާ ބަޔަކަށްވާތީ އުރުދުޣާން ތުރުކީވިލާތުގެ ވެރިކަށް ވަޑައިގެން ބޮޑުވަޒީރަކަށް ހުންނެވި ދުވަސްވަރު އޭނާ ވަނީ ސިފައިންގެ ހަރުކުލައިގެ ޖެނެރަލުންގެ ބާރުތައް ކަނޑުވާލުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރައްވާފައެވެ. މިގޮތުން އިންގިލާބީ ވިސްނުމުގެ އެތަށް ސަތޭކަ ޖެނެރަލުންނެއް މަގާމުން ވަކިކޮށްފައިވެއެވެ. އަދިކުރިން އިންގިލާބުތައް ގެނައުމުގައި ބައިވެރިވި ސިފައިންގެ ޖެނެރަލުންގެ މައްޗަށް ޝަރީއަތް ހިންގައި ސިފައިންގެ މުއައްސަސާއިން އެމީހުން ބޭރުކޮށްލާފައިވެއެވެ. 

ތުރުކީވިލާތަށް މިފަހަރު ގެންނަން މަސައްކަތްކުރި ނާކާމިޔާބު އިންގިލާބުގައި ސިފައިންގެ އެކި ރޭންތަކުގެ އޮފިސަރުން ބައިވެރިވި ނަމަވެސް މިކަމުގެ ފަހަތުގައި ހުންނެވި އިސް ފަރާތަކީ ރައީސް އުރުދުޣާންގެ ސިޔާސީ ދުޝްމަނެއްކަމަށްވާ އެމެރިކާގައި ދިރިއުޅުއްވާ ފަތްހުﷲ ގުލެންކަމަށް ތުރުކީ ސަރުކާރުންވަނީ ތުހުމަތުކޮށްފައެވެ. މިތުހުމަތުތަކާ ގުޅިގެން ތުރުކީ ސަރުކާރުންވަނީ ފަތްހުﷲ ތުރުކީވިލާތާ ހަވާލުކުރުމަށް އެމެރިކާގެ ކިބައިން އެދިފައެވެ.