މާތް ﷲގެ އޯގާވަންތަކަމާއެކު ހައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު ނުލިބޭ މީހުންވެސް، ޢަރަފާތު ދުވަހުގެ ސަވާބުން މަޙުރޫމް ނުކުރައްވާކަމަށާއި އެދުވަހުގެ ދަރުމައާ ސަވާބު ލިބިގަތުމަށް ހުކުރު ޚުތުބާގައި ގޮވާލައްވައިފިއެވެ.
މިއަދުގެ ހުކުރު ޚުުބާގެ މައުޟޫއަކީ "ޢަރަފާތު ދުވަހުގެ މާތްކަން" މި މައުޟޫއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވީ، ހައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން ޢަރަފާތު ދުވަހު ރޯދަހިފުން މޮޅު އިތުރުވެގެންވާކަމަށެވެ. އަދި ޢަރަފާތު ދުވަހު ރޯދަހިފުމަކީ ފާއިތުވެ ދިޔަ އަހަރާއި، އަންނާން އޮތް އަހަރުގެ ކުދި ފާފަތައް ފުހެވޭ ކަމެއްކަމުގައި ކީރިތި ރަސޫލާގެ ހަދީޡުން ސާބިތުވެއެވެ.
"ޢަރަފާތު ދުވަހު ރޯދަ ހިފުމީ، އިސްވެދިޔަ އަހަރާއި އަންނާން އޮތް އަހަރުގެ ކުދި ފާފަތައް ފުއްސަވާނޭކަމެކެވެ. އަދި ޢާޝޫރާ ދުވަހު ރޯދަ ހިފުމީ، އިސްވެ ގޮސްފައިވާ އަހަރުގެ ކުދި ފާފަތައް ފުއްސަވާނޭކަމެކެވެ" ހުކުރު ޚުތުބާގައި ވިދާޅުވިއެވެ.
ކުރެވޭނެ އެންމެ ހެޔޮ ދުޢާއަކީ ޢަރަފާތު ދުވަހު ކުރާ ދުޢާކަން ހަނދާންކޮށްދެއްވާ ޚުތުބާގައިވަނީ ޢަރަފާތު ދުވަހު ގިނަގިނައިން ފާފަފުއްސެވުމަށްއެދި ދުޢާކުރަން ގޮވާލައްވާފައެވެ. އަދި ޢަރަފާތު ދުވަހަކީ ދުޢާ ޢިޖާބަކުރެއްވުމުގެ ދުވަސްކަން ހަނދާންކޮށްދެއްވާ ޚުތުބާގައި ވަނީ އެދުވަހު ޛިކުރުކޮށް ދުޢާކުރުން ގިނަކުރުމަށް ހަނދާންކޮށްދެއްވާފައެވެ.
"އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاءކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (دعاءކޮށް) އަޅުކަންކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ حال، އެއުރެން ނަރަކަޔަށް ވަންނާނެތެވެ" ޚުތުބާގައި ވިދާޅުވިއެވެ.
ހައްޖުގެ ބުރަ އަޅުކަމަށްފަހު އަންނަ އަޟުޙާ ޢީދު ދުވަސްތަކަކީ ކެއިންބުއިމާއި، ޒީނަތްތެރިވެ އިސްލާމީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުޅިވަރުކުޅުމާއި، އުފާ ފާޅުކުރުމުގެ ދުވަސްތަކެއްކަން ފާހަގަކުރައްވާ ޚުތުބާގައި ވިދާޅުވީ، އިސްލާމްދީނުގައި ފާހަގަކުރާ މިއިން ކޮންމެ މުނާސަބަތެއްވެސް ފާހަގަކުރެވެނީ މާތްﷲއަށް ކުރެވޭ މަތިވެރި އަޅުކަމަކުންކަމަށެވެ.
ޢީދު ދުވަހު އުފާފާޅުކުރުމަކީ ހުއްދަކަމެއްކަން ފާހަގަކުރައްވާ ޚުތުބާގައި ވިދާޅުވީ، ޢީދު ކުޅިވަރުތައްކުޅެ އުފާ ފާޅުކުރަން ޖެހޭނީ އިސްލާމީ ހަމަތަކާއި އަޚްލާޤީ އިމުން ބޭރުނުވާ ގޮތަށްކަމަށެވެ. އަދި ކުޅިވަރުތައް ކުޅުމުގައި ތިމާގެ އަމިއްލަ ނަފުސަށާއި އެހެން މީހުންނަށް ވެސް ގެއްލުމާއި އުނދަގޫތައް ނުވާނޭ ގޮތަކަށް ކުޅިވަރު ކުރުމަށާއި، ޢާއްމު މަޞްލަޙަތަށް ޓަކައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފު ނުވާ ގޮތެއްގެ މަތީން ކުޅިވަރުތައް ކުޅުމަށް ސަމާލުކަންދޭންޖެހޭކަމަށެވެ.