ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމު މެދުކަނޑައިލުމަށް އެމެރިކާއިން ހުށަހަޅާފައިވާ އައު ހުށަހެޅުމަކަށް ޔަހޫދީން އެއްބަސްވެފައިވާ ކަން ވައިޓް ހައުސުން ހާމަކޮށްފިއެވެ. ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 61,700އަށް އުފުލިފައެވެ.
ޣައްޒާ ޢުދުވާން މެދުކަނޑައިލުމަށް ޔަހޫދީން އެއްބަސްވެފައިވާ ކަން ވައިޓް ހައުސުން ހާމަކޮށްފައި މި ވަނީ، ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ 2.1 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ. މޭ 26ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ކާބޯތަކެތި ބަހަމުން ދަނީ ޔަހޫދީން އެމެރިކާއާ ގުޅިގެން އުފައްދާފައިވާ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް) ކިޔާ ޖަމުޢިއްޔާއަކުންނެވެ.
ޣައްޒާ ޤަތުލުޢާންމު މެދުކަނޑައިލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން އައު ހުށަހެޅުމެއް ހުށަހަޅުއްވާފައި ވަނީ އޭނާގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފެވެ. އޭނާގެ ހުށަހެޅުން ބަލައިގަނެފައިވާނެ ކަމުގައި ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ ބުނެފައެވެ. އޭނާގެ އޮފީހުން އެ ކަން ކަށަވަރު ކޮށްދީފައި ނެތް ނަމަވެސް ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލައިން ލެވިޓް ވިދާޅުވީ ވިޓްކޮފްގެ އައު ހުށަހެޅުއްވުން ޔަހޫދީން ބަލައިގަނެފައިވާ ކަމުގައެވެ.
ޣައްޒާގައި ވެރިކަން ކުރާ ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންގެ ޖަމާޢަތް، ޙަމާސުން ބުނީ ވިޓްކޮފްގެ ހުށަހެޅުން ދިރާސާ ކުރަމުންދާ ކަމުގައެވެ. ނަމަވެސް، އެ ހުށަހެޅުމުގައި ޙަމާސްގެ ޝަރުޠުތަކަށް ރިއާޔަތްކޮށްފައި ނުވާ ކަމުގައި މަޞްދަރުތަކުން ބުންޏެވެ.
ވިޓްކޮފްގެ ހުށަހެޅުމުގައިވާ ކަންކަމުގެ ތަފުސީލު ލެވިޓް ހާމަ ކުރައްވާފައެއް ނުވެއެވެ. ނަމަވެސް، ކަމުގެ މަޢުލޫމާތު ލިބިފައިވާ މަޞްދަރުތަކުން ބުނީ، އެ ހުށަހެޅުމުގެ ފުރަތަމަ މަރުޙަލާގެ ދަށުން 60 ދުވަހުގެ މުއްދަތަކަށް ޙަމަލާ ބަދަލުކުރުމާއި ޤަތުލުޢާންމު ހިންގުން މެދުކަނޑައިލުމަށް ހުށަހަޅާފައިވާ ކަމުގައެވެ. އަދި، ޣައްޒާގައި ނިކަމެތިކޮށް، ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް އޮތް ހުރަސްތައް ނައްތައިލުން ހިމަނާފައިވާ ކަމުގައެވެ.
ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ސާމީ އަބޫ ޛަޙްރީ ވިދާޅުވީ ވިޓްކޮފްގެ އައު ހުށަހެޅުން މި ވަގުތު ދިރާސާ ކުރަމުންދާ ކަމުގައެވެ. އަދި، އެ ކަމާ މެދު އެ ޖަމާޢަތުގެ އިސް އޮފިޝަލުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވެމުންދާ ކަމުގައެވެ. އެ ހުށަހެޅުމުގައި ޔަހޫދީންގެ ޤަތުލުޢާންމަށް ދާއިމީ ގޮތުން ނިމުމެއް ގެނައުމާއި، ޣައްޒާއަށް އަރައިގަނެފައިވާ ޔަހޫދީ ސިފައިން އެ ސަހަރުން ފޭބުން ހިމަނާފައި ނެތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އެހީ ފޯރުކޮށްދިނުމަށް ޙަމާސުން ހުށަހަޅާފައިވާ ޝަރުޠުތަކަށް ރިއާޔަތްކޮށްފައި ނެތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޔަހޫދީ ފައުޖުން ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރުމަށް ހުރަސް އަޅާފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. އެއީ، ޣައްޒާގެ ރައްޔިތުން ގަސްދުގައި ހައިހޫނުގައި ޖައްސައި، ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ބަނޑަށްޖައްސައި ޝަހީދު ކޮށްލުމުގެ ނިޔަތުގައި ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގައި އެކުވެރި ދައުލަތްތައް (އދ)ގެ އިދާރާތަކުގެ އިތުރުން އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ވެސް ވަނީ ސިފަކޮށްފައެވެ. ބައިނަލްއަޤްވާމީ ފިއްތުންތަކާ ގުޅިގެން ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ޔަހޫދީ ފައުޖުން އަލުން ދީފައި ވަނީ 11 ހަފުތާއަށް ފަހުއެވެ. ނަމަވެސް، އެތެރެ ކުރުމުގެ ހުއްދަ ދީފައި ވަނީ މަދު އަދަދެއްގެ ކާބޯތަކެއްޗާއި އެހީއަށެވެ.
ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ ޢާއިލާތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުން ދަނީ ޖީއެޗްއެފްގެ ބެލުމުގެ ދަށުންނެވެ. އެމެރިކާއިން ޤާއިމު ކޮށްފައިވާ އެ ޖަމުޢިއްޔާއިން ވަނީ އެހީގެ ސާމާނު ބެހުމަށް ތިންވަނަ މަރުކަޒެއް ޣައްޒާގައި ޤާއިމު ކޮށްފައެވެ. މިހާތަނަށް 1.8 މިލިޔަން ކެއުން ބަހާފައިވާނެ ކަމުގައި އެ ޖަމުޢިއްޔާއިން ބުނެފައިވާއިރު، އދއާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ދަނީ ޖީއެޗްއެފާ ގުޅިގެން މަސައްކަތް ކުރުމަށް އިންކާރު ކުރަމުންނެވެ. ސަބަބަކީ، އެހީ ބެހުމުގައި ޖީއެޗްއެފުން އަމަލު ކުރަމުންދާ އިންސާނިއްޔަތު ކަމެއް ނެތް އުސޫލުތަކެވެ.