ވިޔަފާރި

ބީއެމްއެލްގެ ސެލްފް ސާރވިސް ޚިދުމަތައް ބޮޑު ތަރުޙީބެއް!


ސެލްފް ސާރވިސް ބޭންކިން ޚިދުމަތާއެކު ބޭންކްގެ 90 އިންސައްތަ ޓްރާންސެކްޝަން ހިނގަނީ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗްތަކުގެ ބޭރުންކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ. ބީއެމްއެލުން ބުނީ ޒަމާނީ ވަޞީލަތްތަކާއެކު ތަޢާރަފްކުރާ އާ ޚިދުމަތްތަކަށް ކަސްޓަމަރުންގެ ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމުގައެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ބުނީ އެ ބޭންކުން އަބަދުވެސް މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންނާއި ވީހާވެސް ގާތުން ލުއި ފަސޭހަ ގޮތްތަކެއްގެ ދަށުން ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. ބީ.އެމް.އެލްއިން މި ވަގުތު ދުއިސައްތަ 260 ހާހަށްވުރެ ގިނަ ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދެއެވެ.

img:http://s3.psmnews.mv/images/660x400/14690020535422.jpg|ބީއެމްއެލް މޯބައިލް ޕޭގެ ޚިދުމަތް ތަޢާރަފްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްއިން ވަނީ މީގެ ދެއަހަރު ކުރިން މުޅި ރާއްޖެއަށް އަމާޒުކޮށް 300 މިލިއަން ރުފިޔާގެ އިންވެސްޓްމެންޓް ޕްރޮގްރާމެއް ފައްޓާފައެވެ. މި އިންވެސްމެންޓް ޕްރޮގްރާމްގެ ތެރެއިން މިހާތަނަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް އެބޭންކުން މަޢުލޫމާތުދެއެވެ. އެގޮތުން އެ ބޭންކުން މިހާރު ދެމުންދާ ސެލްފް ސާރވިސް ބޭންކުގެ ޚިދުމަތަށް އާންމުންގެ ބޮޑު ތަރުޙީބެއް ލިބިފައިވާކަމަށެވެ.

ބީއެމްއެލްއިން ސެލްފްސާރވިސް ބޭންކުގެ ޚިދުމަތް ތަޢާރަފްކުރީ ބޭންކުގެ ޚިދުމަތް ހޯދުމަށް އަންނަ ކަސްޓަމަރުންނަށް ލުއިކޮށްދިނުމުގެ ގޮތުންނެވެ. ބީއެމްއެލްގެ 90 އިންސައްތަ ޓްރާނެސެކްޝަން ބީއެމްއެލްގެ ބްރާންޗުތަކުގެ ބޭރުން ހިނގާއިރު މިހާރު ބޭންކުގައި ކިއު އޮންނަ މިންވަރުވެސް މިވަނީ ކުޑަވެފައެވެ. އަދި ޚިދުމަތް ހޯދުމަށް ހޭދަކުރާ ވަގުތުވެސް މިވަނީ އެތައް ގުނައަކަށް ކުޑަވެފައެވެ.

img:http://s3.psmnews.mv/images/660x400/6873.jpg|ބީއެމްއެލްގެ އޭޓީއެމް މެޝިން ބަޔަކު ބޭނުން ކުރަނީ - ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ މޯބައިލް އެޕް ތައާރަފްކުރިތާ 1 އަހަރު ވެފައިވާއިރު މި އެޕް މިހާތަނަށް 75 ހާހަށްވުރެ ގިނަ މީހުން ޑައުންލޯޑްކޮށްފައިވާކަމަށް ބީއެމްއެލްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ދާދި ފަހުން ތަޢާރަފްކުރި މޯބައިލް ޕޭގެ ޚިދުމަތް ތަޢާރަފްކުރިތާ 24 ގައިއިރުތެރޭގައި ގޫގްލް ސްޓޯ މެދެވެރިކޮށް މި އެޕްލިކޭޝަން 1100 ކަސްޓަމަރުން ޑައުންލޯޑްކޮށްފައިވާކަމަށް ބީއެމްއެލްއިން މަޢުލޫމާތުދެއެވެ.

މި ވޭތުވި 6 މަސްދުވަސް ވެފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު އެއް 6 މަސްދުވަހެވެ. ބޭންކް އޮފް މޯލްޑިވްސްގެ މާލީ ހާލަތު ކުރިއަރަމުންދާއިރު، ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި ލިބުނު ސާފު ފައިދާ،  571 މިލިއަން ރުފިޔާއަށް އަރާފައިވާއިރު މިމުއްދަތުގެ ތެރޭގައި ގިނަ ދާއިރާތަކަކުން ކުރިއެރުން ހޯދައި، ދޫކޮށްފައިވާ ލޯނު ވެސް ވަނީ އިތުރުވެފައެވެ.