ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމާ ގުޅޭ މަސައްކަތްތައް ތަންފީޒުކުރާ އިދާރާއަކީ ދިފާޢީ ވުޒާރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވިކަން ހާމަކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ސަރވިސްއާ ގުޅޭ މަސައްކަތްތައް މިއަދުން ފެށިގެން ދިފާޢީ ވުޒާރާގެ މަސައްކަތްތަކުގެ ލިސްޓަށްވަނީ އިތުރުކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގުރާމާ ގުޅޭގޮތުން ދިފާޢީ ވުޒާރާގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރައްވާފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ޤައުމީ ޚިދުމަތުގެ ޕްރޮގުރާމާ ގުޅޭގޮތުން އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލައި ތަންފީޒުކުރުމާއި، މީހުން އެންރޯލްކުރުމާއި ގުޅޭ އެންމެހައި ކަންކަން ރާވައި އިންތިޒާމުކުރުމެވެ. އަދި ޤައުމީ ޚިދުމަތުގެ ޕްރޮގުރާމަށް އެންރޯލްކުރެވޭ ފަރާތްތައް ރަޖިސްޓްރީކުރުމާއި، ޤައުމީ ޚިދުމަތުގެ ޕްރޮގުރާމްގެ މެންބަރުންނާ ގުޅޭ އިދާރީ ކަންކަން ބެލެހެއްޓުންވެސްވަނީ ލިސްޓަށް އިތުރުކުރައްވާފައެވެ.
މީގެއިތުރުން ޤައުމީ ޚިދުމަތުގެ ޕްރޮގުރާމްގެ ތަމްރީނުގެ ނިޒާމު އެކަށައަޅައި، އެ ނިޒާމު ތަންފީޒުކުރުމާއި، ތަމްރީނުގެ ނިޒާމުގެ ދަށުން ހިންގާ ތަމްރީނުތައް ހިނގާނުހިނގާގޮތް ބެލުމާއި، އެ ނިޒާމު ތަރައްޤީކުރުމަށް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުންވެސް ދިފާޢީ ވުޒާރާގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރައްވާފައިވެއެވެ.
ޖުމްލަ 10 ކަމެއް ހިމެނޭހެން ދިފާޢީ ވުޒާރާގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރެއްވި ކަންކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ބަޔާންކުރައްވާފައިވެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މިޕްރޮގްރާމްގައި ބައިވެރިވުމަށް އެދި 600އަށްވުރެ ގިނަ އެޕްލިކޭޝަން ވަނީ ލިބިފައެވެ.