ޚަބަރު

ދިވެހި ޙައްޖުވެރީންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ޙައްޖު މޫސުމަށް މިފަހަރުގެ ޙައްޖު މޫސުންވާނެ: ރައީސް


  • ރާއްޖެ ހިމެނެނީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނޭ 8 ޤައުމުގެ ތެރޭގައި

ދިވެހި ޙައްޖުވެރީންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ޙައްޖު މޫސުމަށް މިފަހަރުގެ ޙައްޖު މޫސުންވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖުވެރިންނަށް ފަހިވެފައިވާ ލުއިތަކާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވެ ސަޢުދި ޢަރަބިއްޔާއިން ލުއި ފޯރުކޮށްދިން 8 ޤައުމުގެ ތެރޭގައި ރާއްޖެވަނީ ހިމެނިފައެވެ. މިކަން ފާހަގަަކުރައްވައި މިއިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖުވެރިންނަށް ލިބެމުންދާ ލުއިފަސޭހަތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެހެން އަހަރުތަކާއި ޚިލާފަށް، ޙައްޖުވެރިން އެއަރޕޯޓުގައި ގިނަ ވަގުތު މަޑުނުކޮށް، ފޮށިތައް އަމިއްލައަށް އުފުލަން ނުޖެހުމަކީ ލިބޭ ބޮޑިު ލުޔެއްކަމަށެވެ. އަދި މިއިނީޝިއޭޓިވްގެ ދަށުން ލިބިފައިވާ ލުއިތަކާއެކު މިފަހަރުގެ ޙައްޖު ވެގެންދާނީ ދިވެހި ހުރިހާ ޙައްޖާޖީންނަށްވެސް ސަޢުދީގައި ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން ދިވެހި ޙައްޖުވެރިންނަށް އެންމެ ލުއި އެންމެ އިންތިޒާމު ރަނގަޅު ޙައްޖު މޫސުމަށްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިމަގުގައި މިފަހަރަށްވުރެވެސް ޙައްޖުގެ ކަންކަން އިތުރަށް ރަނގަޅުވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ރައިސް ވިދާޅުވިއެވެ. ރައީސްގެ ޕޯސްޓްގައިވަނީ ދިވެހި ޙައްޖުވެރިންނަށް ފަހިވެފައިވާ ފުރުސަތުތަކަށްޓަކައި މާތްﷲގެ ޙަޟްރަތަށް ޙަމްދުކުރާކަމަށާއި، ސަޢުދީން ފޯރުކޮށްދެއްވާ ރަނގަޅު ޚިދުމަތަށްޓަކައި، އެޤައުމުގެ ސަރުކާރަށްވެސް އެމަނިކުފަނުވަނީ ޝުކުރުއަދާކުރައްވާފައެވެ. އަދި ދިވެހި ހުރިހާ ޙާޖީންނަށްވެސް މަބްރޫރް ޙައްޖަކަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.

ދިވެހިރާއްޖެއިން ޙައްޖަށް ދާ ޙައްޖުވެރިންނަށް މުޅިން އަލަށް ތަޢާރަފް ކުރި މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ އިއްޔެއެވެ. އެކަމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަކީ ސައުދީ އަރަބިއްޔާ އާއި ދިވެހިރާއްޖޭގެ އަޚުވަންތަ ގުޅުން ދައްކުވައިދޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖުވެރިންގެ ދަތުރފަތުރުގެ ކަންކަންވަނީ ވަރަށް ބޮޑަށް ލުއިވެފައެވެ. އެގޮތުން ޖިއްދާ އެއަރޕޯޓުގައި ފުރިހަމަ ކުރަންޖެހޭ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް، ވެލާނާ އިންޓަރނަލް އެއަރޕޯޓުގައި ޙައްޖުވެރިން ފުރާނީ ފުރިހަމަކޮށްގެންނެވެ. މީގެ ސަބަބުން ޖިއްދާ އެއަރޕޯޓުގައި މީގެކުރިން އެތައް ގަޑިއިރަކު އިމިގްރޭޝަން ކްލިއަރެންސްއަށާއި ލަގެޖް ނެގުމަށް އެތައް ގަޑިއިރެއް ޙައްޖުވެރިން ހޭދަކުރެއެވެ. މިއަހަރުން ފެށިގެން މިވަގުތު ދިވެހި ޙައްޖުވެރިންނަށް ސަލާމަތްކުރެވޭނެއެވެ.

މައްކާ ރޫޓް އިނިޝިއޭޓިވްއަކީ 2018 އިން ފެށިގެން ސަޢުދީ ސަރުކާރުން އެ ޤައުމުގެ ޙައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ އިނިޝިއޭޓިވްއެކެވެ.