މައްކާ ރޫޓު އިނިޝިއޭޓިވްއަކީ ސަޢުދީ ޢަރަބިއްޔާއާއި ވަރަށް ގުޅުން ރަނގަޅު ޤައުމުތަކަށް އޮންނަ ނިޒާމެއްކަމަށާއި، ދިވެހި ރާއްޖެއަށް މި އިނިޝިއޭޓިވް ހަމަޖެހިގެން ދިއުމުން ދައްކުވައިދެނީ ދެޤައުމުގެ ގުޅުމުގެ ވަރުގަދަކަންކަމަށް ސަޢުދީ ޢަރަބިއްޔާގައި ހުންނަވާ ދިވެހި ސަފީރު އަޙްމަދު ސަރީރު ވިދާޅުވެއްޖެއެވެ. ސަފީރު މިހެން ވިދާޅުވީ، މައްކާ ރޫޓު އިނިޝިއޭޓިވްގެ ދަށުން ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށް ދިޔަ ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕަށް މަރުޙަބާ ކިޔުމަށް ބޭއްވި ހަރަކާތަށްފަހު ދެއްވި އިންޓަރވިއުއެއްގައެވެ.
ދިވެހިރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު ވިދާޅުވީ، މައްކާ ރޫޓު އިނިޝިއޭޓިވްގެ ދަށުން ވަރަށް ބޮޑު ފަސޭހައެއް ހުރިހާ ޙާޖީންނަށްވެސް ލިބުނުކަމަށެވެ. ހުރިހާ ހާޖީންގެ ފަރާތުންވެސް ފެނުނީ ވަރަށް އުފާވެރިކަންކަމަށާއި، ހުރިހާ ޚިދުމަތްތަކާއި އިންތިޒާމުތަކުގެ ރަނގަޅުކަން ހާޖީންފާހަގަކުރިކަމަށް ސަފީރު ވިދާޅުވިއެވެ.
ސަފީރުގެ ވާހަކަފުޅުގައި މައްކާ ރޫޓަކީ ސަޢުދީ ޢަރަބިއްޔާއާއި ވަރަށް ގުޅުން ރަނގަޅު ޤައުމުތަކަށް އޮންނަ ނިޒާމެއްކަން ފާހަގަކުރައްވަމުން ވިދާޅުވީ، ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާގެ ވަރުގަދަ ގުޅުން މައްކާ ރޫޓު އިނިޝިއޭޓިވްއިން ފެނި ހާމަވެގެން ގޮސްފައިވާކަމަށެވެ. އަދި މައްކާ ރޫޓުގެ ކަންކަން ކުޑަ ދުވަސްކޮޅެއްގެތެރޭގައި ހަމަޖެހިގެން ދިއުމަކީވެސް ދެޤައުމުގެ ގުޅުމުގެ ބަދަހިކަމުގެ ހެއްކެއްކަމަށް ސަފީރު ވިދާޅުވިއެވެ.
"ފުރަތަމަ އެވާހަކަތައް ދެކެވުނު ބައްދަލުވުމުގައިވެސް އަޅުގަނޑު އިނިން. މިއަހަރު ކުރީކޮޅުގަ ދެޤައުމުގެ އިމިގްރޭޝަންގެ ބޭފުޅުން ތިއްބަވައިގެން ވާހަކަދެއްކެވިއިރު، ދިވެހި ސަރުކާރުން ހުށައެޅި ހުށައެޅުމަށް އެފަރާތުން ފުރަތަމަވެސް ވިދާޅުވީ މި ނިޒާމް ދެއްވަނީ ވަރަށްވެސް އިންތިޒާމުތައް ރަނގަޅު ޤައުމުތަކަށޭ. އެބޭފުޅުން ފާހަގަކުރެއްވި ދިވެހިރާއްޖެއަކީ އަބަދުވެސް ހާޖީން މިކޮޅަށް އައިސް އުޅޭ އުޅުމުގައި ހުރިހާ އިންތިޒާމުތަކެއް ރަނގަޅަށް ހުންނަ ޤައުމެއްކަމަށްވެފައި ވަރަށް ޚާއްޞަކަމެއް ދެއްވާނެކަމަށް." ސަފީރު އަޙްމަދު ސަރީރު ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ މައްކާރޫޓު އިނިޝިއޭޓިވް ސަޢުދީ ސަރުކާރު ހަމަޖައްސައިދިން 8ވަނަ ޤައުމެވެ.
ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ފަށާފައިވާ ވިޝަން 2030ގެ ތެރެއިން މައްކާ ރޫޓް އިނިޝިއޭޓިވްގެ ޚިދުމަތް ފޯރުކޮށްދެނީ މަދުވެގެން 20،000 ޙައްޖުވެރިން ޙައްޖުގެ އަޅުކަމަށް ދާ ޤައުމުތަކަށެވެ. ނަމަވެސް ރާއްޖެއަށް މި އިނިޝިއޭޓިވް ހަމަޖައްސާދީފައިވަނީ، އެކަން އިސްތިސްނާކުރުމަށްފަހުއެވެ. އަދި މިއީ އެއްވެސް އެގްރީމެންޓެއް ނެތި ސަޢުދީން ދެއްވި ޚާއްސަ ހަދިޔާއެއްކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.