ޚަބަރު

ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް 5 ދުވަހު މޫސުން ގޯސްވާނެ


  • ހުޅަނގު މޫސުން ރާއްޖޭގެ ހުރިހާ ހިސާބަކަށް މިހާރު ވަނީ ފެށިފައި

  • ކުރިއަށް އޮތް 5 ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވެ އުދައަރާނެކަމަށް ލަފާކުރެވޭ

ރާއްޖޭގެ ސަރަޙައްދުގައި ހުޅަނދު މޫސުމުގެ ބާރުގަދަވާނެކަމަށް ބެލެވެތީ ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ މާދަމާއިން ފެށިގެން މިމަހުގެ 31 އަށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވެ އުދައަރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ވިއްސާރަކޮށް ގުގުރުންވެސް އެކަށީގެންވާކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

އަދި ވައިގަދަވެ ކަނޑުތައްގަދަވާނެކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް މިހާރު ވަނީ ހުޅަނގު މޫސުން ވެސް ފެށިފައެވެ. މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށުނީ މި މަހު 7 ވަނަ ދުވަހުއެވެ. މެދު ރާއްޖެ ތެރޭގެ ރަށްތަކަށް ހުޅަނގު މޫސުން ފެށުނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އަދި ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މިދިޔަ ބުދަ ދުވަހުއެވެ.