ޚަބަރު

ރާއްޖެ - ސަޢުދީ ނަޒާހަތްތެރިކަމުގެ ފޯރަމްގައި ފާސްކުރި ކަންކަން އޯއައިސީއަށް ހުށައަޅަނީ


  • ފަތުރުވެރިކަމުގެ ދާއިރާގައި ނަޒާހަތްތެރިކަން ކަށަވަރުކުރުމާ ބެހޭ ހުށައެޅުންތައް ހިމެނޭ

  • ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭ ހުށައެޅުންތައްވެސް ހިމެނޭ

ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއިން ގުޅިގެން ބޭއްވި ނަޒާހަތްތެރިކަމުގެ ފޯރަމްގައި ފާސްކުރި ކަންކަން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީއަށް ހުށައެޅުމަށް ނިންމާފައިވާކަން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ހާމަކުރައްވައިފިއެވެ.

އޭސީސީއާއި ސަޢުދީ ޢަރަބިއްޔާގެ އޯވަރސައިޓް އެންޑް އެންޓި-ކޮރަޕްޝަން އޮތޯރިޓީ، ނަޒާހާ ގުޅިގެން ވަނީ "ސަޢުދީ - މޯލްޑިވްސް އިންޓަރނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ 2025"ގެ ނަމުގައި ޚާއްސަ ކޮންފަރެންސެއް ބާއްވާފައެވެ. މި ފޯރަމްގެ ތެރެއިން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް ގިނަ ކަންތައްތަކެއް ފާސްކޮށްފައިވެއެވެ.

އޭސީސީން ވިދާޅުވީ ފޯރަމްގައި ފާސްކުރި ކަންކަން އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށާއި އޯއައިސީގެ ދެން އޮންނަ އެންޓި-ކޮރަޕްޝަން މިނިސްޓީރިއަލް ބައްދަލުވުމަށް ރަސްމީކޮށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ފޯރަމުން ފާސްކުރި ކަންކަމުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ނަޒާހަތްތެރިކަން ކަށަވަރުކޮށް، ޖަވާބުދާރީވުން އިތުރުކުރުމާއި ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭ ހުށައެޅުންތަކެއް ހިމެނޭކަމަށް އޭސީސީން ވިދާޅުވިއެވެ.

އަދި އޯއައިސީގެ މެންބަރު ޤައުމުތަކުގެ މެދުގައި ކޮރަޕްޝަން ހުއްޓުވުމަށް އެކުލަވާލާފައުވާ "މައްކަތުލް މުކައްރަމާ" ކޮންވެންޝަން އަވަހަށް ސޮއިކޮށް ތަސްދީޤުކުރުމަށް އޯއައިސީއަށް ގޮވާލުމަށް ފާސްކޮށްފައިވާކަމަށްވެސް އޭސީސީން ވިދާޅުވިއެވެ.

މި ފޯރަމުގައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ނަޒާހަތްތެރިކަން އިތުރުކޮށް ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމަށް އެކުލަވާލާފައިވާ "ހައި-ލެވެލް ޕްރިންސިޕަލްސް"ވެސް ބަލައިގަނެފައެވެ. މިއީ އދ. އިން އެކުލަވާލާފައިވާ ކޮރަޕްޝަނާ ދެކޮޅު މުޢާހަދާއާއި ކަމާ ބެހޭ ފަރާތްތަކާއެކު އެއްބާރުލުން އިތުރުކުރުމަށް ނިންމު ނިންމުމެއްކަމަށް އޭސީސީން ވިދާޅުވެއެވެ.

އޭސީސީން ވިދާޅުވީ ފޯރަމްގެ ހުށައެޅުންތައް އޯއައިސީއަށް ހުށައެޅުމުގެ މަޤުޞަދަކީ އެ ޖަމިއްޔާގެ މެންބަރު ޤައުމުތަކުގައިވެސް ފޯރަމުން ނިންމި ކަންކަން ތަންފީޒްކުރުމަށް މަގު ފަހިކުރުން ކަމަށެވެ.

ސަޢުދީ - މޯލްޑިވްސް އިންޓަރނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހާ ހަމައަށެވެ. މިފަހަރުގެ ފޯރަމްގެ ޝިޢާރަކީ ފަތުރުވެރިކަމުގެ ދާއިރާގައި ނަޒާހާތްތެރިކަން ވަރުގަދަކޮށް، ކޮރަޕްޝަން ނައްތާލުމެވެ. މި ފޯރަމްގައި 50 އަށްވުރެ ގިނަ ޤައުމުން 190 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ސަރުކާރު އޮފިޝަލުންނާއި ދާއިރާގެ މާހިރުންނާއި ބައިނަލްއަޤުވާމީ ޖަމިއްޔާތަކުގެ މަންދޫބުން ހިމެނެއެވެ.