ޚަބަރު

މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން ރާއްޖެ ވަޑައިގެންފި


  • ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ ރާއްޖެ ވަޑައިގަތީ މައްކާ ރޫޓު އިނީޝިއޭޓިވް އިފްތިތާޙްކުރުމަށް

  • މައްކާ ރޫޓު އިނީޝިއޭޓިވް އިފްތިތާޙްކުރުމަށް ހަމަޖެހިފައިވަނީ މާދަމާ

ދިވެހި ޙައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވް އިފްތިތާޙްކުރުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީގެ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ ރާއްޖެ ވަޑައިގެންފިއެވެ.

އެމަނިކުފާނާއި ވަފުދުގެ ބޭފުޅުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިތުރުން ރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ އިސްވެރިންނެވެ.

އެވަފުދުގައި އިސްކޮށް ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގެ ފޮރިން އެފެއާޒް މިނިސްޓްރީގެ ޙައްޖު، އުމްރާ އަދި އެންޑޯސްމެންޓް ޑިޕާޓުމެންޓުގެ ޑިރެކްޓަރ ޖެނެރަލް، މޭޖާ ޖެނެރަލް އަބްދުލްމޮނެމް ބިން ޢަބްދުލް ރަޙްމާން އަލް މަޙްމޫދުގެ އިތުރުން މައްކާ ރޫޓު އިނީޝިއޭޓިވް ސްޓީރިންގ ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މޭކާ މުޙައްމަދު ބިން ނަސީރް އަލް ޙައްލާފް ފާހަގަކޮށްލެވެއެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުއްވާފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުން މިކަމުގައި ޤައުމުތައް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށް ޚާއްސަ ކަން ދެވިގެންނެވެ.

މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙް ކުރުމަށް މާދަމާ މެންދުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމެޖެހިފައިވާއިރު މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާނީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ދިވެހި ޙައްޖުވެރިންނަށް ދެމުންދާ ޚިދުމަތްތައް ފަސޭހަ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއްކަން ފާހަގަކޮށްލެވެއެވެ.

ރާއްޖެއިން މިފަހަރުވެސް 1000 މީހުން ހައްޖަށްދާއިރު، ދިވެހި ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް މާލެއިން ޖިއްދާއަށް ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު 15:25ގައެވެ. ފުރަތަމަ ފްލައިޓުގައި ފްލައިޓުގައި 234 ހައްޖުގެ މަތިވެރިއަޅުމަށް ދަތުރުކުރާއިރު، މިއެންމެންވެސްދާނީ މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ޤާއިމްކުރެވޭ އިންތިޒާމުގެ ތެރެއިން ސައުދީގެ އިމިގްރޭޝަންގެ ހުރިހާ މަރުހަލާއެއް ފުރިހަމަކުރުމަށްފަހުގައެވެ. އެއާއެކު ކުރިއާ ޚިލާފަށް ދިވެހި އެއްވެސް ހައްޖުވެރިއަކު ޖިއްދާއެއަރޕޯޓުގައި މަޑުރަން ނުޖެހޭނެއެވެ.