ޚަބަރު

ޔަހޫދީންގެ އަސްކަރީ އަދި ޖާސޫސީ މަރުކަޒުތަކަށް އީރާނުގެ ވަރުގަދަ ޙަމަލާތަކެއް


ގިނަ ޢަދަދެއްގެ ޑްރޯނާއި މިސައިލް ބޭނުންކޮށްގެން ޔަހޫދީންގެ އަސްކަރީ އަދި ޖާސޫސީ މަރުކަޒުތަކަށް އީރާނުން ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފިއެވެ.

ޔަހޫދީންގެ ވެރިރަށް ކަމަށްވާ ތެލް އަވީވުގެ ގިނަ ސަރަޙައްދުތަކަށް އަމާޒުކޮށް އީރާނުން ދިން ޙަމަލާތައް ވަނީ ގިނަ ގަޑިއިރުތަކަކަށް ދެމިގެން ގޮސްފައެވެ. އެ ޙަމަލާތައް ޔަހޫދީންގެ ޖާސޫސީ އިދާރާ މޮސާދުގެ މަރުކަޒަކަށް ވެސް ޢަމާޒުވެފައިވާ ކަމަށް ބެލެވެއެވެ. އެ މަރުކަޒު ކަމަށް ބެލެވޭ އިމާރާތެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވާ މަންޒަރު ވަނީ ފެނިފައެވެ. އެ ޙަމަލާ ދިފާޢުކުރުމަށް ޔަހޫދީން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. އޭގެ އިތުރުން ޔަހޫދީންގެ އަސްކަރީ ހަތިޔާރު އުފައްދާ ކާރުޚާނާތަކާއި އަސްކަރީ މަރުކަޒުތަކަށް ވެސް އީރާނުން ޙަމަލާތައް ޢަމާޒުކޮށްފައިވެއެވެ.

އީރާނުގެ އިންޤިލާބީ ފައުޖުން ބުނީ ހަނގުރާމަ އައު ހަރުފަތަކަށް ފުޅާވެފައިވާ ކަމަށާއި އައު ހަތިޔާރާއި އީޖާދުތައް ބޭނުންކޮށްގެން ދުޝްމަނުންނާ ކުރިމަތިލަމުންދާ ކަމަށެވެ. އަދި ދިގުދެމިގެންދާ ކުރިމަތިލުމަކަށް އީރާނުން ވަނީ ތައްޔާރުވެފައިވާ ކަމަށް ވެސް އިންޤިލާބީ ފައުޖުން ބުނެއެވެ. އެ ގޮތުން ފާއިތުވި 72 ގަޑިއިރުގެ ތެރޭގައި ހުއްޓުމެއް ނެތި ޔަހޫދީންގެ 545 މަޤާމަށް ޙަމަލާ ދީފައިވާނެ ކަމަށް ވެސް އީރާނުގެ އިންޤިލާބީ ފައުޖުން ވަނީ ބުނެފައެވެ.

އީރާނުން ދެމުންދާ ޙަމަލާތައް ވަރުގަދަވެފައިވަނިކޮށް ޔަހޫދީން ވަނީ އެ މީހުންނަށް ލިބެމުންދާ ގެއްލުންތަކުގެ ފޮޓޯ އަދި ވީޑިއޯ ޢާންމުނުކުރަން ޢަމުރުކޮށްފައެވެ. އަދި ބައެއް ބޭރުގެ ނޫސްވެރިންގެ ކެމެރާފަދަ ސާމާނު ވަނީ އަތުލައިފައެވެ. އޭގެ އިތުރުން ބައެއް ސަރަޙައްދުތަކުގެ ޓްރެފިކް ކެމެރާތައް ވެސް ވަނީ ނިއްވާލައިފައެވެ.

ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން އީރާނަށް ދިން ޙަމަލާތައް އަމާޒުކޮށްފައި ވަނީ އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި ނިއުކްލިޔަރ މަރުކަޒުތަކުގެ އިތުރުން އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނަށެވެ. އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު ހުއްޓުުވައި މިސައިލް ޕްރޮގްރާމް ނައްތާލުމުގެ ނަމުގައި ޔަހޫދީން ދިން ޙަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ 20 ކޮމާންޑަރުންނާއި ނިއުކްލިޔަރ މަޝްރޫޢުގައި އިސްކޮށް ޙަރަކާތްތެރިވާ ހަ ސައިންސުވެރިން ވަނީ ޝަހީދު ކޮށްލައިފައެވެ. އޭގެ އިތުރުން ގިނަ ޢަދަދެއްގެ އާންމުން ޝަހީދުވެ، އެތައް ބަޔަކަށް ޒަޚަމްވެފައިވެއެވެ. އެ ޙަމަލާތަކުގެ ބަދަލުގައި އީރާނުން ފަށާފައިވާ ޚާއްޞަ އަސްކަރީ އޮޕަރޭޝަންގެ ދަށުން ވަރުގަދަތައް ޙަމަލާ ޔަހޫދީ ދައުލަތަށް ދަނީ ދެމުންނެވެ. ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އީރާނުން 1،000 މިސައިލް އަދި ޑްރޯން ޙަމަލާ ދީފައިވާ ކަމަށް އދގެ ޔަހޫދީ މަންދޫބު، ޑެނީ ޑެނޮން ވަނީ ބުނެފައެވެ.