ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒު 2025: ރާއްޖޭގެ ތިމާވެއްޓާ ރައްޓެހި އީޖާދީ އެތައް އުފެއްދުންތަކެއް


  • ރާއްޖޭގެ ކަނޑު ފަޅުތަކުން ކުނި ނަގާނެ އުފެއްދުމެއްވަނީ ދައްކާލާފައި

  • ކުދިންގެ ޝައުގުވެރިކަން ވެއްޓަށް ގެނެވޭނެ ކަނޑުގެ ސަރވޭއާއި ގުޅޭ މުހިއްމު އުފެއްދުމެއްވަނީ ދައްކާލާފައި

  • އޭސީއާއި ގުޅިގެން ކަރަންޓު ބިލު ބޮޑުވާ މައްސަލައަށް އީޖާދީ ހައްލެއްވެސް މައުރަޒުންވަނީ ފެނިގެންގޮސްފައި

އުފެއްދުންތެރިކަމުގެ މައުރަޒުގައި ތަފާތު އެކި ބާވަތްތަކުގެ އުފެއްދުންތައް ފެނިގެންދިޔައެވެ. 5 ދާއިރާއަކަށް ތަކެތި އުފެއްދުމަށް ހުޅުވާލިއިރު އޭގެތެރެއިން އެއްދާއިރާއަކީ، ޑިޖިޓަލް އަދި އިޖާދީ އުފެއްދުންތެރިކަމުގެ ދާއިރާއިންވެސް ތަފާތު އެކި އުފެއްދުންތައް ބައިވެރިންވަނީ ހުށައަޅާފައެވެ. މިގޮތުން ރާއްޖޭގެ މާޙައުލާއި ގުޅޭ ތިމާވެށީގެ ދާއިރާއިން މިފަދަ އުފެއްދުންތައް އީޖާދީގޮތެއްގައި ބައިވެރިން ހުށައަޅާފައިވެއެވެ.

ވިލާ ކޮލެޖްގެ ފަރާތުން ދަރިވަރުން ހުށައަޅާފައިވާ އުފެއްދުންތަކަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓުނެވެ. މިގޮތުން އެކޮލެޖްގެ ދަރިވަރުންވަނީ ރާއްޖޭގައި އޮތް ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލަކަމުގައިވާ ކުނީގެ މައްސަލައަށް ތަފާތުގޮތަކަށް ހައްލެއް ގެނައުމަށް ވިސްނާފައެވެ. މިގޮތުން ބިމުގެ ސަތަޙައަށްވުރެ ކަނޑުގެ ސަރަޙައްދު ބޮޑު މިކުޑަ ޤައުމުގެ ކަނޑުން ކުނި ނަގާ ސާފުކުރެވޭނެ މޮޑެލްއެއް އެކުދިންވަނީ ތައްޔާރުކޮށްފައެވެ. ޕީއެސްއެމް ނިއުސްއާއި ވަހަކަ ދެއްކި ދަރިވަރު ބުނީ، މި އުފެއްދުމާއެކު މިއީ ކުރެވިދާނެކަމެއްކަން މިއަދު ޤަބޫލުކުރެވޭކަމަށެވެ. އަދި މައުރަޒަށް ތައްޔާރުކުރި ފުރަތަމަ އުފެއްދުން އެއީ ސައިޒުން ކުޑަ އެއްޗެއްނަމަވެސް ބޮޑުކޮށް ކޮމާޝަލް ސައިޒަށް އުފެއްދޭނެކަމުގެ ޔަގީންކަން އޮތްކަން ދަރިވަރުން ފާހަގަކުރިއެވެ.

"މިއީ ކުޑަ ސައިޒެއްނަމަވެސް މީގެ ބޮޑު އެއްޗެއް ތައްޔާރުކޮށް މާކަނޑުންވެސް ހަމަ ކުނި ނެގޭނެ ގޮތް ހެދޭނެ" ދަރިވަރު ބުންޏެވެ.

އެކޮލެޖްގެ ދަރިވަރުންވަނީ ރާއްޖޭގައި އޭސީގެ ސަބަބުން ކަރަންޓު ބިލް ބޮޑުވާ މައްސަލައަށް ޙައްލެއް ގެނައުމަށްވެސް އީޖާދީ އުފެއްދުމެއް ތައްޔާރުކޮށްފައެވެ. އެކޮލެޖްގެ އިންޖިނިއަރިން ދަރިވަރު ތައްޔާރުކޮށްފައިވާ އެއުފެއްދުމަކީ، އޭސީގެ އައުޓްޑޯ ޔުނިޓު ހޫނުވެގެން އެފިނިކޮށް، ސްޓޭބަލައިޒްކުރުމަށް އުފައްދާ ހަކަތައިގެ ސަބަބުން ކަރަންޓު ބިލަށް ކުރާ ބާރު ކުޑަކުރުމަށް އުފައްދާފައިވާ އެއްޗެކެވެ.

"އަސްލު ކަރަންޓު ބިލު ބޮޑުވާ އެއްސަބަބަކީ އޭގެ އައުޓްޑޯ ޔުނިޓު ސްޓޭބަލައިޒްކުރަން އުފައްދަންޖެހޭ ހަކަތައާއިހެދި. އެހެންވީމަ މިއާއެކު އެކަމަށް ވަރަށް ބޮޑު ހައްލެއް އަންނާނެ" ދަރިވަރު ބުނެއެވެ.

މީގެއިތުރުންވެސް މިމައުރަޒުގެ ތެރެއިން ވެއްޓާ ގުޅޭ މުހިއްމު އުފެއްދުމެއް ފެނިގެން ދިޔައެވެ. މިގޮތުން ރާއްޖޭގެ ކަނޑުތަކާއި ގުޅޭ ދިރާސާތައްކުރާ ފަރާތަކުންވަނީ ސަރވޭތަކުގައި އެއްކުރެވިފައިވާ މަޢުލޫމާތުގެ އަލީގައި، ކަނޑު އަޑިގެ އުސް ސަރަޙައްދުތަކާއި ފުންކޮށް ހުންނަ ސަރަޙައްދުތައް އެނގޭނެހެން ވެލި ބޭނުން ކޮށްގެން އެމަންޒަރު ސިފަކޮށްދޭނެ ވިޝުއަލް ސޭންޑް ބޮކްސްއެއް ތައްޔާރުކޮށްފައެވެ.

"ކުޑަކުދިންގެ ޝައުގުވެރިކަމާއި ގުޅުވާ އަސްލު މިގޮތަށް ކަނޑު އަޑި ސިފަކޮށްދޭން ބޭނުންވަނީ އެކުދިން ޝައުގުވެރިވާނެފަދަ ދާއިރާއަކަށް މިދާއިރާ ހެދުން." އެޒުވާނާ ބުންޏެވެ.

ރާއްޖޭގައި ކަނޑުގެ ދިރާސާތައް ކުރާ ފަރާތްތައް ވަރަށް މަދެވެ. އެހެންނަމަވެސް ބިން ހިއްކުމަށާއި އެނޫންވެސް ތަރައްޤީގެ މަސައްކަތްކުރުމަށް ކަނޑުގެ ދިރާސާތައް ކުރުމަކީ ނުހަނު މުހިއްމުކަމެކެވެ. އެހެންކަމުން މިމައުރަޒުގެ ތެރެއިން މިފަދަ ދިވެހި ޒުވާނުންތަކެއް ފެނި މިދާއިރާއަށް ޒުވާނުންގެ ޝައުގުވެރިކަން ލިބިގެންދިޔުމަކީ ރާއްޖެއަށް ތިމާވެށީގެ ރޮނގުން ލިބިގެންދާ ކުރިއެރުމެކެވެ.